ކ. މާލެ
|
15 މެއި 2022 | އާދީއްތަ 13:03
ސްކޫލް ދަރިވަރުންތަކެއް
ސްކޫލް ދަރިވަރުންތަކެއް
ޓްވިޓަރ
ފީޗާ ރިޕޯޓް
ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
 
ޚަރަދުތައް ބޮޑުވުމުން ބައެއް ކުދިންނަށް އުފަލުގައި ބައިވެރިނުވެވޭ
 
ސްކޫލްތަކުން ކުދިންލައްވައި ބޮޑު ޚަރަދު ކުރުވުމަކީ ބެލެނިވެރިން ކަންބޮޑުވާ ކަމެއް

ކުދިންނަށް އުނގަންނައި ދިނުމަކީ މިހާރު ކުޑަ ޚަރަދެއް ނޫނެވެ. އުމުރުން ދެ އަހަރުން ފެށިގެން ޕްލޭ ސްކޫލްތަކަށް ކުއްޖާ ވައްދާއިރު އެއާއެކު ގިނަ ޚަރަދުތަކެއް އަންނާނެ ކަން ބެލެނިވެރިޔާއަށް ވެސް އެނގެއެވެ. ނޭނގޭ ކަމަކީ ސްކޫލް ކުއްޖާއަށް މުހިންމު ޚަރަދުތަކަށްވުރެ ސްކޫލްތަކުގައި ދުވަސްތައް ފާހަގަކުރަން ކުރަން ޖެހޭ ޚަރަދުތައް ބޮޑުވާނެ ކަމެވެ.

ކޮންމެ އަހަރަކު ބައިނަލްއަގުވާމީ ގޮތުންނާއި ޤައުމީ ފެންވަރުގައި ތަފާތު ދުވަސްތައް ފާހަގަ ކުރާއިރު އޭގެ ތެރެއިން ގިނަ ދުވަސްތައް ސްކޫލްތަކުގައި ވެސް ފާހަގަ ކުރެއެވެ. ކުޑަކުދިންނަށް އެ ދުވަސްތަކުގެ މުހިންމުކަން އުގަންނައިދީ އެ ދުވަހުގެ އުފަލުގައި ބައިވެރިކުރުވުމަށް އެއީ މުހިންމު ކަމެކެވެ. ނަމަވެސް މި އުފަލުގައި ބައިވެރިވާން ކުރަން ޖެހޭ ޚަރަދު ބޮޑުވުމުގެ ސަބަބުން އުފަލުގައި ބައިވެރިނުވެވޭ ކުދިންވެސް އެބަތިއްބެވެ.

ސްކޫލުގައި ދުވަހެއް ފާހަގަ ކުރާނަމަ ބޮޑު ޚަރަދެއް ކޮށްފައި އެ ދުވަހަކާ ގުޅޭ ހެދުމެއް ހޯދަން ޖެހެއެވެ. އެ ދުވަހެއްގެ ތީމަކާ ގުޅޭ ގޮތުން ސްކޫލް ޒީނަތްތެރި ކުރަން ތަކެތި ހޯދަން ޖެހެއެވެ. އޭގެ އިތުރަށް ސައި އޮންނަ ނަމަ އެ ސަޔަށް ބޭނުންވާ ތަކެތި ވެސް ކުދިން ހޯދަން ޖެހެއެވެ. މި ހުރިހާ ޚަރަދަކަށް ބަލާނަމަ އެންމެ ދުވަހެއްގެ ޚަރަދަށް ކުއްޖަކަށް 500 ރުފިޔާއަށް ވުރެ ބޮޑު ޚަރަދެއް ބެލެނިވެރިޔާ ކުރަން ޖެހެއެވެ. މިއީ ކުލި ދައްކައިގެން ލިބޭ އެއްޗަކުން ކިރިޔާ ދެކޮޅު ޖައްސައިގެން އުޅެވޭ އާއިލާތަކަށް ކުރެވޭނެ ޚަރަދުތަކެއް ނޫނެވެ.

މި ޚަރަދުތައް ކުދިން ލައްވައި ކުރުވަން ބައެއް ޓީޗަރުންވެސް ދެކޮޅެވެ. ޓީޗަރަކު ސޯޝަލް މީޑިއާގައި އޭނާގެ ތަޖުރިބާ ހިއްސާ ކުރަމުން ބުނީ ކުދިން ލައްވައި ޚަރަދު ނުކުރަން ވަކާލާތު ކުރުމުން އޭނާއަކީ "އޮޕީނިއަނޭޓެޑް" މީހެއްގެ ގޮތުގައި ސިފަ ކުރި ކަމަށެވެ. އަދި ދަރިން ލިބުނީމަ ޚަރަދު ދާނެ ކަން ބެލެނިވެރިން ދަންނަން ޖެހޭނެ ކަމަށާއި އެކުދިންގެ ސްކޫލަށް ބޭނުންވާ އެއްޗެހި ހޯދައިދޭން ޖެހޭނެ ކަމަށް އޭނާގެ ބޮޑަށް ހުންނަ މީހާ ބުނި ކަމަށް އޭނާ ބުންޏެވެ.

އެ ޓީޗަރު ބުނި ގޮތުގައި ސްކޫލްތަކުގައި ދުވަސްތައް ކުލަގަދަކޮށް ފާހަގަކޮށް ކުދިން ލައްވައި ބޮޑެތި ޚަރަދު ކުރަނީ އެއް ސްކޫލަކަށްވުރެ އަނެއް ސްކޫލް މޮޅުކަން ދެއްކުމަށާއި ކުދިންނަށް އެ ދުވަސް އުފާވެރި ގޮތުގައި ފާހަގަ ކުރުމުގެ ފުރުސަތު ދިނުމަށެވެ. ނަމަވެސް ކުރަން ޖެހޭ ޚަރަދުތައް ބޮޑުވުމުގެ ސަބަބުން ބައެއް ކުދިންނަށް އެ އުފަލުގައި ބައިވެރި ނުވެވޭ ފަހަރުވެސް އާންނަކަމުގައި އެޓީޗަރު ބުންޏެވެ.

ސޯޝަލް މީޑިއާގައި ތަޖުރިބާ ހިއްސާ ކުރި ޓީޗަރު އޭނާ ކައިރީގައި 12 އަހަރު ކުއްޖަކު ދެއްކި ވާހަކަތައް ވެސް ހިއްސާ ކުރިއެވެ. އެގޮތުން ކުޑަކުދިންގެ ދުވަހު 50 ފުއްޕާހަމާއި ކްލާހަށް ޕިއްޒާ ގެންދަން ޖެހުނު ކަމަށާއި އޭގެ ސަބަބުން އެ ކުއްޖާގެ މަންމަ އެދުވަހު އެ ކުއްޖާ ސްކޫލަށް ނުފޮނުވީ ކަމަށް ވެސް ބުނެފައިވެއެވެ. އެ ދުވަހު އެ ކުއްޖާގެ މަންމަ އެ ކުއްޖާ ސްކޫލަށް ނުފޮނުވީ އެ މަހު ދައްކަން ޖެހޭ ބިލުތައް ދައްކާނެ ފައިސާވެސް ނެތީމައެވެ.

މިއީ ގިނަ ބަލެނިވެރިންގެ ހާލަތެވެ. ކުދިންގެ ބެލެނިވެރިންގެ ހާލަތާ މެދު ނުވިސްނައި ކުލަގަދަކޮށް ދުވަސްތައް ފާހަގަ ކުރުމަކީ އެންމެ ރަނގަޅު ގޮތެއް ނޫނެވެ. ކުދިން ލައްވައި ބޮޑެތި ޚަރަދުތައް ކުރުމުގެ ބަދަލުގައި ކުރެވޭނެ ކަންކަން ވެސް އެބަހުއްޓެވެ. އެގޮތުން ދުވަސްތައް ފާހަގަ ކުރަން ސްކޫލުގެ ބަޖެޓުން ވަކި ވަރެއް ކަނޑައެޅިދާނެއެވެ. އަދި އެ ދުވަހެއް ފާހަގަ ކުރަން ފަންޑު ހޯދަން ތަފާތު ހަރަކާތްތައް ވެސް ބޭއްވިދާނެއެވެ. މިއީ މިހާރު ވެސް ބައެއް ސްކޫލްތަކުން ކުރަމުން އަންނަ ކަންކަމެވެ. މިއީ ބޭރު ޤައުމުތަކުގެ ސްކޫލްތަކުގައި ވެސް ދުވަސްތައް ފާހަގަ ކުރަން އަމަލު ކުރަމުން އަންނަ ގޮތްތަކެވެ.

މީގެ އިތުރުން ފާހަގަ ކުރާނެ މުހިންމު ދުވަސްތަކެއް ކަނޑައަޅައި އެހެން ސްކޫލްތަކާ ވާދަކުރުމުގެ ބަދަލުގައި ސްކޫލް ފެންވަރުގައި އެކަން ކުރެވިދާނެއެވެ. އޭރުން ހުރިހާ ކުދިންނަށް ވެސް އެ އުފަލުގައި ބައިވެރިވެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
11%
3%
0%
11%
0%
74%
ކޮމެންޓް
16 މެއި 2022 | ހޯމަ 19:24
ފިންލޭނޑް ޕޭރަންޓް
މަގޭދަރި ވެސް ގެންދަން ފިންލެނޑް ސްކޫލަށް. އެކަމަކު ތިބުނާ އިތުރު އެކްޓިވިޓީ/ ސްޕެޝަލް ޑޭ ހަރަދެއް ނުކުރަންް. ކޮންސެޓުވެސް އޮންނަނީ ސްކޫލް ހޯލުގަ، ހިލޭ. ޑެކޯ ވެސް ހަދަނީ ކުދިން އަމިއްލަ ލައަށް. މުނާ ތިފޮނުވަނީ ކޮންސޫލަށް ކަމެއް ނޭގުނު. އެހެން ސްކޫތަކާ ބަލާއިރު ފީ ބޮަޑު، އެކަމަކު ސޫކޫލަށް އިތު ހަރަދެށް ނުކުރަން. ފިލާވަޅު ހިތުދަސް ކުރުމެއް ވެސްނޯވޭ، ކޮންސެޕް ކިޔަވާދެނީ.
16 މެއި 2022 | ހޯމަ 09:18
މުނާ
ފިނަްލެންޑް ސްކޫލަކީވެސް މިކަމަށް އަރާހުރި ސްކޫލެއް. އެތަނަށްދަނީ މުއްސަނދިންގެ ދަރިން ވީމަ ކިތަންމެ ޑްރެސްއަޕް ދުވަހެއް ޓާރމަކު އާދޭ.ބެލެނިވެރިންނަށް ވެސް މިކަން ކަމުދޭ. އެކަމަކު މިއީ ހަލާކުވާ ޖީލެއް. ކުދިންނަށް ދަސްވަނީ މުއްސަނދި ދިރިއުޅުން އެކަނި. އެހެން ކުދިންގެ ހާލަތާ މެދު ވިސްނާލަން ދަހެއް ނުވާނެ.
15 މެއި 2022 | އާދީއްތަ 20:32
ެއަލިފުލައިލާ
ހައްުލު ނުކުރެވުފައި އޮތް ބޮޑު. ތަކުލީފެއް އަހަރުތަކެއްވީ ބައެއް ފަހަރު ދިވެހި ވަކިލާރިސެޓް އެވެސް ދެލާރި އާއެކީ މީވެސް ބޮޑުކަމެއް ބައެއް ބެލެނިވެރިން 300 ރުފިޔާ ޚަރަދު ކޮއްލާ ދެލާރި އާއެކީ ސެޓް ގަތުމައްޓަކާ މީންވާހަކައެއް ޕޭރެންޓް މީޓިންގްގަ ހިލުވާލައިފިއްޔާ އެކަމުގެ ރޯޅި ދަރިވަރައް ބާލާލައިފައި އެބަހުރި ބެލެނިވެރިން ގެ އެބިރުވެރިކަން ވ ބޮޑައް އޮވޭ
15 މެއި 2022 | އާދީއްތަ 19:45
ޞބބބވވވ
އަސްލު ދިވެހިންނަކީ ވަރަށް ދެއްކުންތެރިކަން ބޮޑުބައެއް. ނުވާވަރުންވެސް ދަރިން އަގުބޮޑު ސްކޫލުތަކަށް ވއްދާއެބަ ހަމައެކަނި ތިމާގެ މުއްސަނދިކަން ދައްކަން. ދެން އޮފީހަށް އައިސް މިކިޔަނީ މަގޭދަރިއުޅެނީ ކެންގަރޫގައޭ. ބިލަބޮންގުގައޭ ފިންލެންޑް އިންޓަނޭޝަނލްގއޭ.
15 މެއި 2022 | އާދީއްތަ 15:38
ރެގިއުލޭޓް ނުކުރެވުން
އެޑިއުކޭޝަން މިނިސްޓްރީއިން ރެގިއުލޭޓް ކުރަންޖެހޭ ކަންކަން އަދިވެސް ގިނަކަން، މި އާޓިކަލް ކިޔާލުމުން އެ ކިޔާ ބަޔަކަށް ދޭހެވޭ.
15 މެއި 2022 | އާދީއްތަ 13:07
އަލީ
މިއީ ނުހަނު އުނދަގޫ އަދި އެކަމުގެ ބުރަ ބެލެނިވެރިންނަށް ވަރަށް ބޮޑު ކަމެއް. ބޭބީ ނާސަރީ އަދި ނާސަރީގައި އުޅޭ ކޮންމެ ކުއްޖަކަށް 1300 ރުފިޔާ ފީ ދައްކާފައި އަދި ކޮންމެ ދުވަހަކާ ގުޅުވައިގެން ހަރަދު އަދި އޭގެ އިތުރުން އެތައް މަސައްކަތެއް ކުރަން އެބަޖެހޭ.