ކ. މާލެ
|
12 މެއި 2022 | ބުރާސްފަތި 19:08
ހުޅުމާލެ
ހުޅުމާލެ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ހުޅުމާލޭގައި މީހުން ދިރިއުޅުން
ހުޅުމާލޭގައި މީހުން ދިރިއުޅެން ފެށިތާ 18 އަހަރު
 
2004 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅުން ފެށިގެން ހުޅުމާލެއަށް މީހުން ދިރިއުޅުން ބަދަލުކުރި

މީގެ 18 އަހަރު ކުރިން ހުޅުމާލެ ސިފަ ކުރާނަމަ ސިފަ ކުރެވޭނީ ތަރައްގީނުވެ އޮތް ތަނެއްގެ ގޮތުގައެވެ. ހަނަފަސް ތަނެއްގެ ގޮތުގައެވެ. މުޅި ރަށުގައި ވަށައިގެން އޮތީ ވެއްޔެވެ. އެތަނުގައި ތަރައްގީގެ މަޝްރޫއުތަކެއް ވެސް އޭރު ނުފަށައެވެ. މީހުން އާބަދުކުރުމަށްޓަކައި ހުޅުމާލޭން ބިން ހިއްކުމަށް ގާތްގަޑަކަށް 10 ވަރަކަށް އަހަރު ނެގިއެވެ. މި ރަށް ފުރަތަމަ ހިއްކާފައިވަނީ 40،000 މީހުންގެ އާބާދީއެއް ވަޒަންވެރި ކުރުވުމަށެވެ. ހުޅުމާލޭގެ ބިން ހިއްކައި އެރަށުގައި މީހުން އާބާދުކުރުމާއި އެރަށް ތަރައްގީކޮށް ބެލެހެއްޓުމަށް ހައުސިން ޑިވެލޮޕްމަންޓުގެ ނަމުގައި 2001 ވަނަ އަހަރު ޚާއްސަ ޔުނިޓެއް އުފެއްދިއެވެ. މިއީ މިހާރުގެ ނަމުންނަމަ ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަނެވެ. އެއާއެކު އެކުންފުނިން ހުޅުމާލެ ތަރައްގީކުރުމުގެ މަސައްކަތް ވެސް ފެށިއެވެ.

2004 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅުން ފެށިގެން މީހުން ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރިއެވެ. އެ އަހަރުގެ އޭޕްރިލް މަހުގެ 4 ވަނަ ދުވަހު ފުރަތަމަ 50 އާއިލާ ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރިއެވެ. މިހާރު ހުޅުމާލެއަށް ބަލައިލާއިރު އެތައް އާއިލާއެއް ދިރިއުޅެމުންދެއެވެ. މިހާރު އެޗްޑީސީން އަންދާޒާ ކުރާ ގޮތުގައި ޖުމްލަ އާބާދީއަކީ ގާތްގަޑަކަށް 231،300 މީހުންނެވެ.

ހުޅުމާލޭގައި އެންމެ ފުރަތަމަ ހޮސްޕިޓަލް ހުޅުވިގެން ދިޔައީ 2004 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 7 ވަނަ ދުވަހުއެވެ. މީގެ އިތުރުން ފަރީދިއްޔާ ސްކޫލްގެ ނަމުގައި ސްކޫލެއް އަޅައި ކިޔަވައިދޭން ވެސް ފެށިއެވެ. 13 ޖެނުއަރީ 2019ގައި ހުރަވީ ސްކޫލް ބިނާކޮށް ހުޅުވާފައިވެއެވެ. މިއީ ރާއްޖޭގައި މިހާތަނަށް އެޅުނު އެންމެ ޖާގައިގެ ގޮތުން ބޮޑު ސްކޫލެވެ. ހަމަ އެއަހަރު ހުޅުމާލެ މާރުކޭޓު ވެސް ވަނީ ހުޅުވާފައެވެ.  

ރާއްޖޭގައި މުޅިން އަލަށް ތާރުއަޅައިގެން މަގުތައް ހެދީވެސް ހުޅުމާލޭގައެވެ. ދުނިޔޭގެ ތަރައްގީވެފައިވާ އެހެން ގައުމުތަކެކޭ އެއްގޮތަށް ތާރުއެޅި މަގުތައް ހެދުމަށް ބޭރުގެ އައިޓީޑީޕީއެލްސީއާއެކު 2002 ވަނަ އަހަރުގެ އޮކްޓޫބަރުގެ 31 ވަނަ ދުވަހު ސޮއި ކުރެވުނެވެ. މިއީ ހުޅުމާލެ ޒަމާނީ ރަށެއްގެ ގޮތުގައި ތަރައްގީކުރުމުގެ ފުރަތަމަ މަރުހަލާއެވެ. ޖެހިގެން އައި އަހަރުގެ އޭޕްރީލް މަހުގެ ފުރަތަމަ ދުވަހު (ދާދިފަހަކާ ޖެހެންދެން ހުޅުމާލެއަށް ދަތުރުކުރުމަށް އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ޚިދުމަތް ހޯދަމުން ދިޔަ) ފެރީ ޓަރމިނަލް ގާއިމްކުރެވުނެވެ.

ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނެ ޚިދުމަތްތައް ދިނުމަށް 2006 ވަނަ އަހަރު ކޮމަރޝަލް ބްލޮކްތަކެއް ގާއިމްކުރެވުނެވެ. މި ބްލޮކްތަކަކީ މިހާރުގެ ބޭންކް އޮފް މޯލްޑިވްސް ސެލްފް ސަރވިސް އޭޓީއޭމްއާއި އެހެންވެސް ބައެއް މުހިއްމު އޮފީސްތަކާއި ފިހާރަތައް ގާއިމްވެފައިވާ ބްލޮކްތަކެކެވެ.

ފާއިތުވެދިޔަ 18 އަހަރަށް ބަލައިލުމުން ފެންނަނީ ހުޅުމާލެއަށް އައިސްފައިވާ ތަރައްގީއެވެ. މިތަނުގައި އެތައް ބަޔަކު މިހާރު ދިރިއުޅެމުންދާއިރު، މިހާރު ހުޅުމާލެ ފޭސް 2ގައި ވެސް މީހުން ދިރިއުޅެން ވަނީ ފަށާފައެވެ. އެތަން ތަރައްގީކުރުމުގެ މަސައްކަތް ވެސް މިވަނީ ފަށާފައެވެ.  

މިހާރު ހުޅުމާލެއަށް ބަލައިލުމުން ފެންނަނީ ފެހި ގަސްތަކާއި ހިތްފަސޭހަ ތަންތަނެވެ. ހިތްހަމަޖައްސާލުމަށްޓަކައި އާންމުން ދަތުރު ހަދާފައި ހުޅުމާލެއަށް ދެއެވެ. 18 އަހަރުގެ ތެރޭގައި ޝައްކެއް ވެސް ނެތް ގޮތުގައި ހުޅުމާލެއަށް ގިނަ ގުނަ ތަރައްގީ ވަނީ ގެނެވިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
100%
0%
0%
0%
0%
ކޮމެންޓް