ކ. މާލެ
|
6 ސެޕްޓެންބަރ 2024 | ހުކުރު 13:21
ރޭސިން ކާރެއް ކޮންޓްރޯލެއް ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއް
ރޭސިން ކާރެއް ކޮންޓްރޯލެއް ނުވެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއް
މިހާރު
އެކްސިޑެންޓްތައް އިތުރުވުން
ރޭސިން ކާރުތަކާއެކު ހުޅުމާލެ މަގުތަކުގެ ރައްކާތެރިކަން ގެއްލި، އެކްސިޑެންޓްތައް އިތުރުވަނީ
ރޭސިން ކާރު ހުޅުމާލޭގައި ދުއްވުމަކީ އާއްމު ކަމެއް. ޚާއްސަކޮށް ހުކުރު ވިލޭރޭއާއި، ހުކުރު ދުވަހުގެ ރޭ ރޭސްތައް ބާއްވާ. ހުޅުމާލޭގައި ގިނަ ބަޔަކު އާބާދުވަމުން އަންނައިރު، މިއީ ނުރައްކަލެއް ކަމަށާއި، މިކަން ހުއްޓުވަން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުން.

މާލެސިޓީގައި އެންމެ ބޮޑަށް ކުރިއަރަމުން ތަރައްގީވަމުން އަންނަ ރަށަކީ ހުޅުމާލެއެވެ. ހުޅުމާލެ-ދެވަނަ ފޭސްއާއެކު ތަރައްގީ ކުރަމުންދާއިރު، ގިނަ ބަޔަކު ހުޅުމާލެއަށް ދަނީ ދިިރިއުޅުން ބަދަލު ކުރަމުންނެވެ. މާލެއާ ބަލާފައި ބިމުގެ ޖާގަ ވެސް އޮތީ އެރަށުގައެވެ. އެހެންކަމުން މިހާރު ގިނަ ހަރަކާތްތައް ބާއްވާ ރަށަކަށް ވެފައި އޮތީ ވެސް ހުޅުމާލެއެވެ. ހުޅުމާލެ ބޮޑުވެފައި ބިމުގެ ޖާގަ ތަނަވަސްވީ ނަމަވެސް މިއަދު ހުޅުމާލޭގެ މަގުމަތީގެ ރައްކާތެރިކަމާމެދު ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. ނުރައްކާތެރި އެކްސިޑެންޓްތައް އާއްމުވެ، މަގުމަތިން ހިނގާފައި ދާ މީހާއާއި، މަގުމަތީގައި މަޑުކޮށްލައިގެން ހުންނަ މީހާގެ ރައްކާތެރިކަމެއް މިއަދު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

ޖުލައި މަސް ނިމިގެންދިޔައީ ނުރައްކާތެރި އެކްސިޑެންޓަކުންނެވެ. ބާރު ސްޕީޑްގައި ދުއްވާފައި އައި ރޭސިކް ކާރެއް ކޮންޓްރޯލްނުވެ، މަގުގެ އެއްފަރާތުގައި މަޑުކޮށްލައިގެން އިން ސައިކަލެއްގައި ޖެހުނީއެވެ. އެ ސައިކަލުގައި އިން ފިރިހެން މީހާ ވިއްސާގެން ދިޔައީ ވަރަށް ދުރަށްށެވެ. އެމީހާއަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާއިރު، މިއެކްސިންޑްގައި ދުއްވަން އިން މީހާ ހައްޔަރުކޮށް މި ހާދިސާ ފުލުހުންދަނީ ތަހުގީގު ކުރަމުންނެވެ. އޭގެފަހުން މަސްދުވަސް ފާއިތުވެގެންދިިޔައިރު އަނެއްކާ ވެސް މުޅި ގައުމު ސިއްސުވާލީ ރޭސިން ކާރަކުން ޖެހި ޒުވާނެއް ނިޔާވި ޚަބަރާއެކުއެވެ.

ސެޕްޓެންބަރު މަހުގެ 5 ވީ ބުރާސްފަތި ދުވަހުގެ ރޭ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް، ސައިކަލެއްގައި ޖެހި ނިޔާވީ ކަރެކްޝަނަލް ސާވިސްގައި މަސައްކަތް ކުރާ 23 އަހަރުގެ ހަސަން ސަމާހެވެ. މިއެކްސިޑެންޓުގައި އެޒުވާނާގެ މޫނަށް އަދި ބޮލަށް ވަރަށް ބޮޑަށް އަނިޔާވެފައިވެއެވެ. އަދި ކާރު ދުއްވި 26 އަހަރުގެ ޒުވާނެއް ވަނީ ހައްޔަރުކޮށްފައެވެ.

މީގެ އިތުރުން ވެސް ހުޅުމާލޭގައި ރޭސިން ކާރުގައި ޖެހިގެން އެކިއެކި އެކްސިޑެންޓްތައް ފާއިތުވި އަހަރުތަކުގައި ހިނގާފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހިނގި އެކްސިޑެންޓާ ގުޅިގެން ރޭސިން ކާރުތަކުގެ މައްސަލަ ފާހަގަކޮށް، މިކަން ހުއްޓުވަން ޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޒަމާނުއްސުރެ ބުރާސްފަތި ދުވަހުގެ ރެއާއި، ހުކުރު ދުވަހުގެ ރޭ ރޭސިން ކާރުތައް ހުޅުމާލެ މަގު މައްޗަށް ނުކުންނަ ކަމަށާއި، ރޭސްތައް ބާއްވާ ކަމަށް ބައެއް މީހުން ބުނެއެވެ. ނަމަވެސް މީގެ ކުރީގައި ހުޅުމާލޭގައި މީހުން އާބާދުނުވާ މިންވަރަށް މިހާރު މީހުން އާބާދުވެފައިވާ ކަމަށާއި، ސިނަމާލެ ބްރިޖާއެކު ގިނަ ބަޔަކު އެހެނިހެން ކަންކަމުގައި ވެސް ހުޅުމާލެއަށް އަންނަމުންދާއިރު، ހުޅުމާލޭގެ މަގުތައް ވަރަށް ބާރުބޮޑުވެފައިވާކަން އެމީހުން ފާހަގަކުރެއެވެ. އެހެންކަމުން މިއަދު ރޭސިން ކާރު ދުއްވުމަށް ނުވަތަ ރޭސް ޖެހުމަށް އެކަށީގެންވާ މަގުތަކެއް ހުޅުމާލޭގައި ހުރިތޯ ބައެއް މީހުން ވަނީ ސުވާލު އުފައްދާފައެވެ. އާއްމުން ހިނގާބިނގާވެ އުޅޭ މަގުތަކުގައި ރޭސް ޖެހުން ނުވަތަ ރޭސިން ކާރު ދުއްވުން މަނާ ކުރުމަށް ވެސް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.

ވިނަރެސް ކައިރީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓް

އެކްސިޑެންޓްތަކުގެ އިތުރުން ރޭސިން ކާރުތަކުގެ ސަބަބުން އެހެނިހެން މައްސަލަތައް ވެސް ދަނީ ކުރިމަތިވަމުންނެވެ. މި ކާރުތަކުން ނުކުންނަ ބާރުގަދަ އަޑުގެ މީހުންގެ ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ކުރެއެވެ.

މީގެ އިތުރުން ރޭސިން ކާރަށް ނުވަތަ ރޭސް ޖަހަން ބޭނުންވާ ޒުވާނުންނަށް ވަކި ސަރަހައްދެއް ކަނޑައެޅުމަށް ވެސް ބައެއް މީހުން އެދިފައިވެއެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި

ބާރު ސްޕީޑާއެކު އެކްސިޑެންޓްތައް އިތުރުވަމުންދާއިރު، މިމަހުގެ 4 ވީ ބުދަ ދުވަހުގެ ރޭ މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި 21 އަހަރުގެ ޒުވާނަކަށް ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ. އެކްސިޑެންޓުތަކުގައި ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި އަނިޔާތައް ގިނަ ބަޔަކަށް ލިބިފައިވާއިރު، ހަމައެކަނި ގާނޫނުގައި ބުނާ ގޮތަށް ބާރު ސްޕީޑްގައި ދުއްވައިގެން ލައިސެންސް ހިފަހައްޓައި، ޖުރިމަނާކުރުމުން އެކަނި ނުފުދެއެވެ. އަދި ހަމައެކަނި މަގުގެ ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލަކުން މި ބޮޑު މައްސަލައެއް ހައްލެއް ވެސް ނެތް ހާމަވެގެންދެއެވެ. އެހެންކަމުން ބާރު ސްޕީޑްގައި ދުއްވާ މީހުންނާއި، ގަވާއިދާ ހިލާފަށް އުޅަނދު ދުއްވާ މީހުންނަށް މިހާރަށްވުރެ ހަރުކަށި އަދަބު ދެވެން އެބަޖެއެވެ. އަދި ރޭސިން ކާރުގެ މައްސަލައަށް ދާއިމީ ހައްލެއް ނުގެންނަ ކަމަށްވާނަމަ ގިނަ ފުރާނަތަކެއް ގެއްލިގެން ދިއުމުގެ ބިރު މިއަދު އެބައޮތެވެ.

މަގުތައް އެންމެނަށް ރައްކާތެރިތަނަކަށް ހެދުމަށް އެންމެން ވެސް ޒިންމާ ނަގަންޖެހެއެވެ. ތަންފީޒީ އިދާރާތަކުން ވެސް ހުޅުމާލެއަށް ދިމާވެފައިވާ ރޭސިން ކާރު ދުއްވުމުގެ މައްސަލައަށް އެކްޝަނެއް ނަގަންޖެހެއެވެ. ގިނަ މީހުން އާބާދުވަމުން އަންނަ ރަށުގެ މަގުތަކުގައި މިހާރަށް ވުރެ ބޮޑަށް ފުލުހުން ހަރަކާތްތެރިވެ، ބާރު ސްޕީޑްގައި ދުއްވާ އުޅަނދުތައް ހުއްޓުވަން ޖެހެއެވެ. ހުޅުމާލޭގައި އާއްމުން ބޭނުންވާ މަގުތަކުގައި ރޭސް ޖެހުން ނިމުމަކަށް ގެންނަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް