ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއަރޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ، މަނީ ލޯންޑަރުކުރުމާގުޅޭ ދެ ދައުވާއާ ގުޅިގެން ސުޕްރީމް ކޯޓަށް އޭނާގެ ފަރާތުން ހުށައަޅުއްވާފައިވާ އިސްތިއުނާފު ގަޒިއްޔާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.
އާޒިމާގެ ފަރާތުން ހުށައެޅުއްވި މައްސަލައަކީ, އޭނާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރކުރުމާގުޅޭ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ހައިކޯޓުން ނިންމުމުން ހުށަހެޅުއްވި މައްސަލައެކެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހަވީރު ކުރިއަށްދިޔަ އަޑުއެހުމުގައި ވަނީ އާޒިމާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެއްވި މައްސަލައާގުޅޭ 3 އިސްތިއުނާފީ ނުކުތާ ޝަރީއަތަށް ހުށަހަޅުއްވާފައެވެ.
އާޒިމާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރކުރުމާއި ގުޅޭ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން، އޭނާގެ ފަރާތުން ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށް، 4 އަޑުއެހުމެއް ވަނީ ބާއްވާފައެވެ. 20 އޭޕްރީލްގައި ބޭއްވި އަޑުއެހުމުގައި ހައިކޯޓުން ވަނީ މައްސަލައިގައި ހުކުމްކުރައްވާފައެވެ.
މި މައްސަލައިގެ އިސްތިއުނާފާ ގުޅޭގޮތުން ހައިކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ، މިއީ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ. ވުމާއެކު، އެ ނިންމުން އާޒިމާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެއްވީއެވެ.
މި މައްސަލަ ދަށު ކޯޓުގައި ކުރިއަށްދިޔަ ގޮތާއިމެދު އޭނާގެ ވަކީލުން އަލިއަޅުވާލައްވާފައިވެއެވެ. އާޒިމާ ވިދާޅުވާ ގޮތުގައި އެކްސްކްރޯ އެގްރީމަންޓާ އެއްގޮތަށް ފައިސާ ޖަމާވެއްޖެކަމަށް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްއިން ފޯރުކޮށްދިން މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްކަމަށެވެ. އަދި ނޯޓުގައި އޮތީވެސް ދައުލަތުން ބަޔާންކުރާ އެކައުންޓު ނަންބަރު ނޫންކަމަށް އާޒިމާ ވަނީ ވިދާޅުވެފައެވެ.
މީގެއިތުރުން، އޭސީސީއަށް އެއްވެސް ކަމެއްގައި ލަފާދެއްވާފައި ނުވާނެކަމަށާއި، އޭސީސީއަށް ލަފާ ދެއްވުމަކީ އޭނާގެ މަސްއޫލިއްޔަތެއް ނޫންކަމަށްވެސް އާޒިމާ ވިދާޅުވިއެވެ. ވީއިރު ދެވަނަ ދައުވާގައިވެސް ހިމެނޭ ހަމައެކަނި އަމަލަކީ ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުންކަމަށްވާއިރު، އެއްކަމަކާގުޅިގެން ދެ ދައުވާއެއް ނުކުރެވޭނެކަމަށް އާޒިމާ ވިދާޅުވެފައިވެއެވެ.
އާޒިމާގެ ފަރާތުން ވަނީ، މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވީނަމަވެސް، އެއީ ރަނގަޅު ނިންމުމެއް ނޫންކަމަށް ކަނޑައަޅުއްވައިދެއްވުމަށް އެދިވަޑައިހެންފައެވެ.
އެއަށްފަހު ދައުލަތުން ވަނީ އާޒިމާގެ ފަރާތުން ހުށައަޅާފައިވާ އިސްތިއުނާފަށް ޖަވާބު ދެއްވާފައެވެ. ވުމާއެކު، މި މައްސަލައިގައި ފަނޑިޔާރުން އިތުރަށް ސާފުކުރައްވަން ބޭނުންފުޅުވާ ކަމެއް ނެތްނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރެއްވުމެވެ.