ކ. މާލެ
|
12 މެއި 2022 | ބުރާސްފަތި 07:34
ސްރީލަންކާގެ ކުރީގެ ރައީސް އަދި ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ ލީޑަރު މައިތިރިޕާލަ ސިރިސޭނާ
ސްރީލަންކާގެ ކުރީގެ ރައީސް އަދި ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ ލީޑަރު މައިތިރިޕާލަ ސިރިސޭނާ
ކޮލަންބޯ ގެޒެޓު
ސްރީލަންކާގެ ސިޔާސީ މަސްރަހު
ސިރިސޭނާގެ ފަރާތުން ބޮޑުވަޒީރުކަމަށް ތިން ނަމެއް ހުށަހަޅުއްވައިފި
ސިރިސޭނާ ވިދާޅުވީ ހުސްވެފައިވާ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަނުކުރަން ބޭނުންވާ ތިން ނަމެއް ބަޔާންކުރައްވާ ރައީސްއަށް ސިޓީ ފޮނުއްވާފައިވާކަމަށް
ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ސްރީލަންކާއަށް އައު ބޮޑުވަޒީރަކު އައްޔަނުކޮށް ކެބިނެޓް އެކުލަވާލާނެކަމަށް ވިދާޅުވެފައި

ސްރީލަންކާގެ ކުރީގެ ރައީސް އަދި ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ ލީޑަރު މައިތިރިޕާލަ ސިރިސޭނާގެ ފަރާތުން ލަންކާގެ ބޮޑުވަޒީރުކަމަށް ތިން ބޭފުޅެއްގެ ނަން އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަށް ހުށަހަޅުއްވާފައިވާކަމަށް ވިދާޅުވެއްޖެއެވެ.

ސިރިސޭނާ ވިދާޅުވީ 11 ޕާޓީއަކާއި ގާނޫނު ހަދާ މަޖިލީހުގެ މިނިވަން ގްރޫޕެއް އެކުވެގެން ހުސްވެފައިވާ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަނުކުރަން ބޭނުންވާ ތިން ނަމެއް ބަޔާންކުރައްވާ ރައީސަށް ސިޓީ ފޮނުއްވާފައިވާކަމަށެވެ. ސިރިސޭނާ ވިދާޅުވީ މިނިވަން ގްރޫޕަށް 53 މެމްބަރުންގެ ތާއީދު ލިބިފައިވާކަމަށެވެ.

ބައެއް މަސްދަރުތަކާއި ހަވާލާދީ ލަންކާގެ މީޑިޔާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ބޮޑުވަޒީރުކަމަށް އައްޔަނުކުރުމަށް އެސްއެލްއެފްޕީ އާއި އެހެނިހެން ޕާޓީތަކުން ހުށަހަޅާފައިވާ ނަންތަކަކީ ނިމާލް ސިރިޕާލާ ޑި ސިލްވާ، ވިޖެދާސަ ރާޖަޕަކްސަ އަދި ދުލާސް އަލަހަޕްޕެރޫމާގެ ނަމެވެ.

ގައުމާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ސްރީލަންކާއަށް އައު ބޮޑުވަޒީރަކު އައްޔަނުކޮށް ކެބިނެޓް އެކުލަވާލާނެކަމަށް ވިދާޅުވެފައެވެ. ނަމަވެސް އައު ބޮޑުވަޒީރަކީ ކާކުކަން ހާމަކުރައްވާފައެއްނުވެއެވެ.

ގޮތަބަޔާ ވިދާޅުވީ ގާނޫނު ހަދާ މަޖިލީހަށް އިތުރު ބާރުތައް ދޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރައްވާނެ ކަމަށެވެ.

ގޮތަބަޔާ ވިދާޅުވީ އައު ސަރުކާރެއް އެކުލަވާލުމަށް އެކި ޕާޓީތައް ގުޅިގެން އެއްބަސްވެވޭ ޕްރޮޕޯސަލްއެއް ހުށަހަޅާފައިވާކަމަށެވެ. އޭގެތެރޭގައި ގިނައީ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޕާޓީތައްކަމަށް ގޮތަބަޔާ ވިދާޅުވިއެވެ. އަދި ފާއިތުވި ދުވަސްތަކުގައި އައު ސަރުކާރެއް އެކުލަވާލުމަށް ގިނަ ޕާޓީތަކެއްގެ ލީޑަރުންނާއެކު ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާކަމަށް ގޮތަބަޔާ ވިދާޅުވިއެވެ. މިހާރު ހުރި މައްސަލަތަކަށް ހައްލެއްހޯދުމަށް އުނދަގޫ ކަންތައްތަކަކަށް އެއްބަސްވެފައިވާކަމަށްވެސް ގޮތަބަޔާ ވިދާޅުވިއެވެ.

ސްރީލަންކާގައި ހިނގި ހަމަނުޖެހުންތަކާއެކު ބޮޑުވަޒީރުކަމުގައި ހުންނެވި ގޮތަބަޔާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ވަނީ އިސްތިއުފާ ދެއްވާފައެވެ. 

- ކޮމެންޓް