ކ. މާލެ
|
11 މެއި 2022 | ބުދަ 13:11
ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާ ހެންވޭރު ބައިކެނޑިގޭ މަރިޔަމް ނަޒާހާ
ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި އުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާ ހެންވޭރު ބައިކެނޑިގޭ މަރިޔަމް ނަޒާހާ
ރާއްޖެއެމްވީ
މަރިޔަމް ނަޒާހާގެ މައްސަލަ
ދުރާލާ ކުރީގެ ފިރިމީހާ މަރާލުމުގެ ޤަސްދު ނަޒާހާގެ އޮތް: ދައުލަތް
މި މައްސަލަ ހައިކޯޓުން ނިންމާފައިވަނީ 31 މެއި 2015 ގައި
މި މައްސަލައިގެ ތަހުގީގު ފުރިހަމަނުވާކަމަށް ނަޒާހާގެ ވަކީލު ވިދާޅުވި
5 އިސްތިއުނާފީ ނުކުތާގެ ތެރެެއިން 3 އިސްތިއުނާފީ ނުކުތާއެއް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ހުށައެޅި

ކުރީގެ ފިރިމީހާ މަރާލި ކަމުގެ ކުށުގައި އުމުރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ވެސް ތާއީދުކޮށްފައިވާ, ހެންވޭރު ބައިކެނޑިގޭ މަރިޔަމް ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓުން ބަލައިގެންފައިވާއިރު، އެ މައްސަލައިގެ ދެވަނަ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ނަޒާހާގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށައެޅުމުން ކޯޓުގެ ރަޖިސްޓްރާ ފުރަތަމަ ނިންމެވީ މައްސަލަ ބަލައިނުގަތުމަށެވެ. ސަބަބަކީ ނަޒާހާގެ ފަރާތުން މި މައްސަލަ އިސްތިއުނާފު ކުރަން ހުށައެޅީ މައްސަލަ ނިންމިތާ 6 އަހަރާއި، 1 މަހާއި 5 ދުވަސް ފަހުން 5 ޖުލައި 2021 ގައި ކަމަށްވާތީއެވެ.

އެހެންނަމަވެސް ނަޒާހާގެ ފަރާތުން އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާއެކު، އިޖުރާއީ ގޮތުން އަޑުއެހުން ބާއްވައި، ބަލަންޖެހޭ ކަންކަން ބެލުމަށްފަހުު، ސުޕްރީމް ކޯޓުން މި މައްސަލަ ބަލައިގަތުމަށް ނިންމީއެވެ.

ވުމާއެކު، މައްސަލައިގެ ފުރަތަމަ އަޑުއެހުން ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔައީ 31 މާރޗު 2022 ގައެވެ. އެ ދުވަހުގެ އަޑުއެހުމުގައި ނަޒާހާގެ ފަރާތުން ހުށައާޅައިވާ 5 އިސްތިއުނާފީ ނުކުތާގެ ތެރެެއިން 3 އިސްތިއުނާފީ ނުކުތާއެއް ޚުލާސާ ކޮށްދެއްވާފައެވެ.

  1. ކްރިމިނަލް ކޯޓުން މައްސަލަ ސާބިތުވާކަމަށް ނިންމީ، ނަޒާހާގެ ފަރާތުން ހުށައަޅާފައިވާ ދިފާއުތަކަށް އެކަށީގެންވާ މިންވަރަށް ރިއާޔަތް ނުކޮށްކަން
  2. ހައިކޯޓުގެ ޝަރީއަތް ނިންމެވި ގޮތުގެ ރިޕޯޓުގައި މަރިޔަމް ނަޒާހާގެ މައްޗަށް ކަނޑައަޅުއްވާފައިވާ އުމުރަށް ޖަލަށް ލުމުގެ އަދަބަށް ލުއި ދެވިދާނެކަމަށް ބަޔާން ކުރައްވާ، މަރުގެ ދައުވާ އުފުލުނު މި މައްސަލައިގައި އެ އުސޫލުން ހައިކޯޓުން އަމަލުކޮށްފައި ނުވާކަން
  3. މައްސަލައިގެ ތަހުގީގުގައި ނަގާފައިވާ ބަޔާންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިއިރު، އެ ހެކިން ޝަރީއަތަށް ހާޒިރުނުކޮށް ނަޒާހާ ޝަރީއަތުގައި ދައްކާފައިވާ ވާހަކަތަކަށް އެކަނި ބުރަވެ، އެއީ އޭނާ ވެފައިވާ އިއުތިރާފެއްކަމަށް ބަލައިގެން އެއީ ސައްޙަ އަދި ހަޤީޤަތްތަކުގެ މައްޗަށް ބިނާވެގެންވާ އިއުތިރާފެއްކަންވެސް ކަށަވަރު ނުކޮށް ޝަރީއަތުން މައްސަލަ ސާބިތުވާކަމަށް ނިންމަވާފައިވާކަން
  4. ނަޒާހާއަކީ ހަސަން ޝާހިދުގެ ފަރާތުން ތަކުރާރުކޮށް ގެވެށި އަނިޔާ ލިބެމުންދިޔަ ފަރާތެއްކަމާއި، ދިގު މުއްދަތެއްގައި އެފަދަ އަނިޔާތަކުގެ ތެރޭގައި އެ އަނިޔާއިން ސަލާމަތް ނުވެވި އުޅެން މަޖުބޫރުވެފައި ހުރި ފަރާތެއްގެ ނަފްސާނީ ޙާލަތަށް އެއްވެސް ވަރަކަށް ރިއާޔަތް ކުރައްވައި މައްސަލަ ނިންމަވާފައިވުން
  5. ޙާދިސާ ހިނގާފައިވަނީ 2010 ވަނަ އަހަރުކަމަށްވެފައި، މި މައްސަލަ ހައިކޯޓުން 2015 ވަނަ އަހަރު ނިންމެވިއިރު، ޙާދިސާ ހިނގިއިރު އަމަލުކުރަމުން ދިޔަ ދިވެހިިރާއްޖޭގެ ޤާނޫނުލްއުޤޫބާތު އުވާލެވި، 2014 ވަނަ އަހަރު އައު ޤާނޫނުލްއުޤޫބާތަކަށް އަމަލު ކުރަން ފެށިފައިވީއިރު، އޭގެ ދަށުން ނަޒާހާއަށް ލިބެންޖެހޭ ލުއި ލިބިދީފައިނުވާކަން

މި މައްސަލައިގައި ބުދަ ދުވަހު ކުރިއަށް ދިޔަ އަޑުއެހުމުގައި ވަނީ ބާކީ 2 އިސްތިއުނާފީ ނުކުތާ ޚުލާސާ ކޮށްދެއްވާފައެވެ.

އެއަށްފަހު ދައުލަތުން ވަނީ އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދީފައެވެ. ދައުލަތުން ބުނާ ގޮތުގައި ދުރާލާ އޭނާގެ ކުރީގެ ފިރިމީހާ މަރާލުމުގެ ޤަސްދު އޭނާގެ އޮތްކަން މައްސަލައިގެ ހެކި ޤަރީނާއާއި، ހާދިސާ ހިނގާފައިވާ ގޮތުންވެސް އެނގޭކަމަށް ދައުލަތުން ބުނެއެވެ.

އޭގެ އިތުރުން، ނަޒާހާގެ ނަފްސާނީ ޙާލަތު ދެނެގަތުމަށް އެދުމަކީ ދިފާއުގެ ވިސްނުމެއްކަން ޕީޖީ އޮފީހުގެ ވަކީލު ފާހަގަ ކުރެއްވިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބައްލަވަނީ އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާންއާއި، ފަނޑިޔާރު އައިޝާ ޝުޖޫންއާއި، ފަނޑިޔާރު މުޙައްމަދު އިބްރާހިމްއާއި، ފަނޑިޔާރު ޑރ އަޒްމިރަލްދާ ޒާހިރުގެ އިތުރުން، ފަނޑިޔާރު އަލީ ރަޝީދު ހުސައިންއެވެ.

- ކޮމެންޓް