ކ. މާލެ
|
11 މެއި 2022 | ބުދަ 07:36
ދީމާ ޕޮއިންޓް ހޯދުމަށްފަހު އުފާފާޅުކުރަނީ
ދީމާ ޕޮއިންޓް ހޯދުމަށްފަހު އުފާފާޅުކުރަނީ
ޓީޓީ އެސޯސިއޭޝަން
ސައުތު އޭޝިޔަން ޖޫނިއަރ ޓީޓީ މުބާރާތް
ދީމާ އިތުބާރާއެކު ކުރިއަށް، ދެ ކެޓަގަރީންވެސް ސިންގަލްސް ކުއާޓަރ ފައިނަލްގައި!
ރަފާއަށްވެސް ކުއާޓަރގެ ފުރުޞަތު އެބައޮތް

ރާއްޖޭގައި މިހާރު ކުރިއަށްދާ ސައުތު އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އެއްވަނަ އަންހެން ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ސިންގަލްސްގައި ކުޅުނު މެޗުތައް ކާމިޔާބުކޮށް ދެ ކެޓަގަރީންވެސް ކުއާޓަރ ފައިނަލްގެ ޖާގަ ޔަޤީންކޮށްފިއެވެ.

ޖޫނިއަރ އަދި ކެޑޭޓް ކެޓަގަރީގެ ކުއާޓަރ ފައިނަލުންވެސް ދީމާ ޖާގަ ކަށަވަރުކުރީ ކޮންމެ ކެޓަގަރީއެއްގައިވެސް ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށްގެންނެވެ. ޖޫނިއަރ ކެޓަގަރީގައި ދީމާ ބަލިކުރީ ސްރީލަންކާގެ އަލްޔަ ޗިއްޓީއާއި, ނޭޕާލްގެ އިވާނާ ތާޕާއެވެ. ގްރޫޕް ސީގެ މިދެމެޗުވެސް ދީމާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.

ކެޑޭޓް ކެޓަގަރީގައި ދީމާ ފުރަތަމަ ވާދަކުރީ ބަނގްލަދޭޝްގެ އޮއިޝީ ރަހުމާނާ ދެކޮޅަށެވެ. އެމެޗު ދީމާ ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. ދެވަނަ މެޗުގައި ނޭޕާލްގެ ބިޔަންކާ ރާއީ ބަލިކުރީވެސް ސީދާ ތިން ސެޓުންނެވެ. މިއީ ގްރޫޕް ބީގެ ދެމެޗެވެ.

ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ވާދަކުރަނީ ޖޫނިއަރ ކެޓަގަރީގައެވެ. ރަފާ ވަނީ ފުރަތަަމަ މެޗު ކާމިޔާބުކޮށްފައެވެ. އެއީ ޕާކިސްތާނުގެ ހޫރު ހަސަންއާ ވާދަކޮށް 3-2 ސެޓުންނެވެ. ރަފާއަށް ކުއާޓަރގެ ޖާގަ ޔަޤީންވާނީ މިއަދު ލަންކާގެ ބިމަން ދަނީއާ ދެކޮޅަށް ކުޅޭ މެޗުންނެވެ.

މުބާރާތުގައި ރާއްޖެއަށް މިހާތަނަށް ލިބިފައިވަނީ ލޯ މެޑެއްޔެވެ. އެއީ އަންހެން ޓީމް އިވެންޓުން ދެ ކެޓަގަރީން ލިބުނު ދެ މެޑެއްޔާއި, ޑަބަލްސްގެ ދެ ކެޓަގަރީންވެސް ލިބުނު ދެ މެޑެއްޔެވެ. މުބާރާތް މިރޭ ނިމޭނެއެވެ.

- ކޮމެންޓް