Advertisement
ކ. މާލެ
|
10 މެއި 2022 | އަންގާރަ 13:00
ރައީސް ސާލިހަށް ޅ. ކުރެންދޫއިން މަރުޙަބާ ދެންނެވުން
ރައީސް ސާލިހަށް ޅ. ކުރެންދޫއިން މަރުޙަބާ ދެންނެވުން
ރާއްޖެއެމްވީ
ކުޑަކުދިންގެ ދުވަސް
ކުދިންގެ ވިސްނުމާއި ޚިޔާލު ބައްޓަން ކުރުވަންވީ، ބައިބައިނުވެ އެކުވެރިވެ އުޅުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް - ރައީސް
ކޮންމެ ކަމެއްގައިވެސް ދަރިންނަށް ރަނގަޅު ނަމޫނާ ދައްކަވަން ތިއްބެވީ، އެކުދިންނަކީ ތިމާމެންގެ ލޮލުގެ ނޫރު ކަމުގައި ޤަބޫލުކުރައްވާ މައިންބަފައިންނާއި ބެލެނިވެރިން
ދަރިންނަކީ މައިންބަފައިންގެ ފަޚުރެއް ކަމުގައި ހެދޭނީ، އެންމެ ޅަފަތުން ފެށިގެން އެކުދިންނަށް ރަނގަޅު ތަޢުލީމާއި ރިވެތި ތަރުބިއްޔަތު ދީގެން
ކޮންމެ މުޖްތަމަޢެއްގައިވެސް ކުޑަކުދިންނަކީ، އެ މުޖްތަމަޢެއްގެ ކުރިމަގުގެ އުންމީދު

ކުޑަ ކުދިންގެ ވިސްނުމާއި ޚިޔާލު ބައްޓަން ކުރުވަންވީ، ބައިބައިނުވެ އެކުވެރިވެ އުޅުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިޙު މިހެން ވިދާޅުވީ ކުޑަކުދިންގެ ދުވަހު މުނާސަބަތުގައި ދެއްވި ޚިތާބުގައެވެ. މެއި 10 ވަނަ ދުވަހު ރާއްޖޭގައި ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ފޮނުއްވި ޚިތާބުގައި ވަނީ ރާއްޖޭގެ ލޮބުވެތި ހުރިހާ ކުޑަކުދިންނަށް، އެމަނިކުފާނުގެ އިޚްލާޞްތެރި ލޯތްބާއެކު ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައެވެ. އަދި އެ ކުދިންނަށް ހޭހަންކުރުމުގައި ޤުރުބާންވެވަޑައިގަންނަވާ މައިންބަފައިންނަށާއި ބެލެނިވެރިންނަށާއި، އެ ކުދިންނަށް ކިޔަވައިދީ ތަރުބިއްޔަތު ކުރުމުގެ ޒިންމާ އުފުއްލަވާ ހީވާގި މުދައްރިސުންނަށް ވެސް، މިއަދުގެ މުނާސަބަތުގައި ތަހުނިޔާ އާއި ހެޔޮއެދުންތައް ވަނީ ފޮނުއްވާފައެވެ.

ދަރިންގެ ހިތްތަކުގައި އަށަގަންނުވަންވީ، އަނެކުންނަށް އިޙްތިރާމް ކުރުމުގެ މާތް ސިފަ ކަމަށާއި، އެކުދިންގެ ވިސްނުމާއި ޚިޔާލު ބައްޓަން ކުރުވަންވީ، ބައިބައިނުވެ އެކުވެރިވެ އުޅުމަށާއި، އެއްބައިވަންތަކަން ދެމެހެއްޓުމަށްކަމުގައި ރައީސް ޞާލިޙު ވިދާޅުވިއެވެ. މިކަންކަމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަން ތިއްބެވީ، އެކުދިންނަކީ ތިމާމެންގެ ހިތުގެ ފިނިކަން ކަމުގައި ޤަބޫލުކުރައްވާ މައިންބަފައިން ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ކޮންމެ ކަމެއްގައިވެސް ދަރިންނަށް ރަނގަޅު ނަމޫނާ ދައްކަވަން ތިއްބެވީ، އެކުދިންނަކީ ތިމާމެންގެ ލޮލުގެ ނޫރު ކަމުގައި ޤަބޫލުކުރައްވާ މައިންބަފައިންނާއި ބެލެނިވެރިން ކަމަށެވެ. އަދި ދަރިންނަކީ މައިންބަފައިންގެ ފަޚުރެއް ކަމުގައި ހެދޭނީ، އެންމެ ޅަފަތުން ފެށިގެން އެކުދިންނަށް ރަނގަޅު ތަޢުލީމާއި ރިވެތި ތަރުބިއްޔަތު ދީގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮންމެ މުޖްތަމަޢެއްގައިވެސް ކުޑަކުދިންނަކީ، އެ މުޖްތަމަޢެއްގެ ކުރިމަގުގެ އުންމީދު ކަމަށެވެ. އެކުދިންގެ ހެދިބޮޑުވުމަށާއި، ތަޢުލީމަށާއި ތަރުބިއްޔަތަށްޓަކައި ކުރެވޭ ކޮންމެ ކަމަކީ، އަދި ކުރެވޭ ކޮންމެ ހޭދައަކީ، މުޅި ޤައުމުގެ ކުރިމަގަށްޓަކައި ކުރެވޭ ވަރަށް މަތިވެރި އިންވެސްޓެއް ކަަމަށެވެ. ރައީސް ވިދާޅުވީ ޒަމާނީ ތަޢުލީމުން އެކުދިންގެ ސިކުނޑިތައް ތަރައްޤީކުރަން މަސައްކަތްކުރާ ފަދައިން، އިސްލާމީ ރިވެތި އަދަބު އަޚްލާޤުގެ މަތީގައި އެކުދިން ތަރުބިއްޔަތު ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހޭ ކަމަށެވެ. ހަމައެފަދައިން މުޖްތަމަޢުގައި ހުރި އެންމެހައި ނޭދެވޭ ސިފަތަކާއި ޢަމަލުތަކުން އެކުދިން ދުރުހެލިކޮށް، މުޖްތަމަޢުގެ ޞުލްޙަޔާއި ހަމަޖެހުމަށް އިސްކަންދޭ ބައެއްގެ ގޮތުގައި އެކުދިން ބޮޑެތިކުރުމަކީ ވެސް އެހާމެ މުހިންމު ކަމެއް ކަމަށެވެ.

Advertisement

ރައީސް ވިދާޅުވީ އެއްވެސް ޝައްކެއް ނެތް ގޮތުގައި، ފަޚުރުވެރި އަދި އުފާވެރި ޢާއިލާއެއް ބިނާކުރުމުގެ ބިންގަލަކީ، ކުޑަކުދިންނަށް ދެވޭ ތަރުބިއްޔަތާއި ތަޢުލީމް ކަމަށެވެ. އަދި ތަހުޒީބާއި ތަރައްޤީގެ ކުލަތަކުން މަލަ ފެވޭ ޤައުމެއް ބިނާކުރެވޭނީ، އުފެއްދުންތެރި އަދި އީޖާދީ ވިސްނުންހުރި ދަރިންތަކެއް އުފެއްދިގެން ކަމަށެވެ. ދިވެހި ދައުލަތުގެ ރަސްމީ ތަޢުލީމީ ނިޒާމާއި މަތީ ތަޢުލީމުގެ ސިޔާސަތު ކަނޑައަޅާފައި އޮތީ، ޒަމާނީ ތަރައްޤީއާ ފައިހަމަވާ މުޖްތަމަޢެއް ބިނާކުރުމަށް އަމާޒު ހިފައިގެން ކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެފަދައިން، ޤައުމަށް ކުރިމަތިވެފައިވާ އެންމެހައި ގޮންޖެހުންތަކަށް ލޯ ހުޅުވިފައިވާ، އެ ގޮންޖެހުންތައް ހުރަސްކޮށް، މާދަމާގެ ޖީލަށް ދިވެހި އުންމަތް ވާރުތަކޮށްދޭނެ ފަދަ ދަރިންތަކެއް ބިނާކުރުމަށް އަމާޒު ހިފައިގެން ކަމަށެވެ.

މިއަދުގެ ކުޑަކުދިންގެ ކުރިމަތީގައި އުފެދިފައިވާ ސުވާލަކީ، އެކުދިންގެ ކުރިމަގު ބައްޓަންކުރާނެ ގޮތުގެ ސުވާލު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކުދިންގެ ކުރިމަގު ބިނާކުރަން އޮތް ވެށީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، އަޅަންވީ ފިޔަވަޅުތަކާ މެދު އުފެދިފައިވާ ސުވާލު ކަމަށާއި، އެކުދިން ދިރިއުޅެން އޮތް މާޙައުލުގެ ޞުލްޙަޔާއި އަމާންކަން ދެމެހެއްޓުމަށްޓަކައި، ކުރަންވީ ކަންކަމާ މެދު އުފެދިފައިވާ ސުވާލު ކަމަށެވެ. މިކަންކަމަށް ވިސްނާއިރު، ތިމާވެށި ޙިމާޔަތްކުރުމަށް ލޯބިކޮށް އެކަމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ދަރިން ބޮޑެތިކުރުމަކީ، އެކުދިންގެ ކުރިމަގަށްޓަކައި ކޮށްދެވޭނެ ވަރަށް އަގުހުރި މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. މުޖްތަމަޢުގައި ފެތުރެމުންދާ ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނެ، އެފަދަ ޢަމަލުތައް ހުއްޓުވަން މަސައްކަތްކުރާ ބައެއްގެ ގޮތުގައި ކުދިން ބޮޑެތިކުރުމަކީ، އެ ކުދިންނަށް ބާއްޖަވެރި ދިރިއުޅުމެއް ހޯދައިދިނުމަށްޓަކައި ކުރެވިދާނެ ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކުޑަކުދިންނަށް ރައްކާތެރިކަމާއި އަމާންކަން ހޯދައިދިނުމަކީ މުޅި މުޖްތަމަޢުގެ ޒިންމާއެއް ކަމަށާއި، އަޅުގަނޑުމެން ކޮންމެ މީހަކުމެ ވާންވީ، ކުޑަކުދިންގެ ޙައްޤުތަކަށް ފުރިހަމައަށް އިޙްތިރާމްކުރާ، އެކުދިންގެ ކަރާމާތާއި ޢިއްފަތްތެރިކަމާއި އަބުރުވެރިކަން ރައްކާތެރިކޮށްދޭ މީހަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދިވެހި މުޖްތަމަޢަކީ، ކުޑަކުދިންނަށް ލޯތްބާއި އޯގާތެރިކަމާއި އަޅާލުން ލިބޭ މުޖްތަމަޢެއް ކަމުގައި ވެގެން ދިއުމަކީ، އެމަނިކުފާނުގެ ވަރަށް ބޮޑު އުންމީދެއް ކަމަށްވެސް ރައީސް ޞާލިޙު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް