ކ. މާލެ
|
10 މެއި 2022 | އަންގާރަ 11:01
ޖިނާއީ ކުށްތަކާ ގުޅިގެން އަނިޔާ ލިބޭ މީހުންނަށް އެހީތެރިކަން ދިނުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުން
ޖިނާއީ ކުށްތަކާ ގުޅިގެން އަނިޔާ ލިބޭ މީހުންނަށް އެހީތެރިކަން ދިނުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުން
ޕީޖީ އޮފީސް
ޕީޖީ އޮފީހާއި ޖެންޑަރ މިނިސްޓްރީ
ޖިނާއީ ކުށްތަކުގެ ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަން ދިނުމާގުޅޭ އެއްބަސްވުމެއް
އެހީތެރިކަމާއި އަޅާލުން ބޭނުންވާ މީހުންގެ މަޢުލޫމާތު މިނިސްޓްރީއާ ހިއްސާކުރެވޭނެ
ފޮލޯ-އަޕް ހެދުމަކީ ޕީޖީ އޮފީހާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން މިހާރުވެސް ކުރަމުންގެންދާ މަސައްކަތެއް
ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް ދުވަހުން ދުވަހަށް އަޅަމުން ގެންދާނެ

ޖިނާއީ ކުށްތަކާ ގުޅިގެން އަނިޔާ ލިބޭ މީހުންނަށް އެހީތެރިކަން ދިނުމާގުޅޭ އެއްބަސްވުމެއްގައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ޖެންޑަރ މިނިސްޓްރީއާ ދެމެދު ސޮއިކޮށްފިއެވެ.

ޕީޖީ އޮފީހުން ބުނީ، މިއީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އަނިޔާ ލިބިފައިވާ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އެ މީހުންނަށް ބޭނުންވާ އެހީތެރިކަން ދިނުމާގުޅޭ އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި ޕީޖީ އޮފީހުގެ ފަރާތުން ސޮއިކުރެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސައިން ޝަމީމެވެ. އަދި މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޢާއިޝަތު މުޙައްމަދުދީދީއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ހިމެނޭ އަނިޔާ ލިބިފައިވާ މީހުންގެ ތެރެއިން، އެހީތެރިކަމާއި އަޅާލުން ބޭނުންވާ މީހުންގެ މަޢުލޫމާތު މިނިސްޓްރީއާ ހިއްސާކުރެވޭނެ ނިޒާމެއް ޤާއިމުކުރެވޭނެއެވެ. އަދި މައްސަލަތަކުގައި ހިމެނޭ ވިކްޓިމުންނަށް ބޭނުންވާ އެހީތެރިކަން ދިނުމުގެ ކަންކަން އެ މިނިސްޓްރީން ކުރިއަށްގެންދާގޮތުގެ މަޢުލޫމާތު މި ނިޒާމުގެ ތެރެއިން ޤަވާއިދުން ޕީޖީ އޮފީހާވެސް ހިއްސާކުރަމުން ދާނެއެވެ.

އެކަމަށްޓަކައި ދެފަރާތުން ވާހަކަ ދެއްކޭގޮތަށް އޮންލައިން "ޓޫވޭ ކޮމިއުނިކޭޝަން" ޕޯޓަލެއް ޤާއިމުކުރުމަށް ހަމަޖެހިފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އެގޮތުން މި ޕޯޓަލްގެ ބޭނުމަކީ މިހާރަށްވުރެ އަވަހަށް މައުލޫމާތު ބަދަލުކުރުމާއި، ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް ދުވަހުން ދުވަހަށް އަޅަމުން ގެންދިއުންކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މީގެ އިތުރުން، އަނިޔާލިބިފައިވާ މީހުންނާ ގުޅިގެން ޕީޖީ އޮފީހާއި، ޖެންޑަރ މިނިސްޓްރީއާ ދެމެދު ދެކެވޭ ވާހަކަތަކާއި އެޅޭ ފިޔަވަޅުތައް އެއްތަނަކުން ފެންނަން ހުންނާނެ ގޮތް ހަދާނެކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

މައްސަލަތަކުގައި އަނިޔާ ލިބޭ މީހުންގެ މައުލޫމާތު ބަދަލުކުރުމާއި، ފޮލޯ-އަޕް ހެދުމަކީ ޕީޖީ އޮފީހާއި ޖެންޑަރ މިނިސްޓްރީ ގުޅިގެން މިހާރުވެސް ކުރަމުންގެންދާ މަސައްކަތެއްކަމަށް އެ އޮފީހުން ބުނެއެވެ. އަދި މި އެއްބަސްވުމުގެ މަޤްޞަދަކީ އެކަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރުމަށް މަގުފަހިކުރުމެވެ.

- ކޮމެންޓް