ރާއްޖޭގައި މިހާރު ކުރިއަށްދާ ސައުތު އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ފިރިހެން ޓިމުތަކަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހުނު ނަމަވެސް ރަނގަޅު ތަޖުރިބާއެއް ލިބިއްޖެއެވެ.
މުބާރާތުގައި ރާއްޖޭގެ ފިރިހެން ޓީމު ކުޅުނު ހުރިހާ މެޗެއްވެސް ވަނީ ނާކާމިޔާބުވެފައެވެ. ކެޑޭޓް ކެޓަގަރީގައި ރާއްޖެ ބައްދަލުކުރީ ސްރީ ލަންކާ އަދި ބަންގްލަދޭޝްއާއެވެ. މި ދެމެޗުންވެސް ރާއްޖެ ބަލިވީ ސީދާ ދެސެޓުންނެވެ. މި ކެޓަގަރީގެ އެއްވަނާގައި ސްރީ ލަންކާ ސެމީ ފައިނަލަށް ދަތުރުކުރިއިރު، ގްރޫޕްގެ ދެވަނާގައި ސެމީ ފައިނަލަށް ދަތުރުކުރީ ބަންގްލަދޭޝްއެވެ.
ޖޫނިއަރ ކެޓަގަރީގައި ރާއްޖެ ބަންގްލަދޭޝް އާއި ވާދަކޮށް ރާއްޖެ ބަލިވީ 3-1 ގޭމުންނެވެ. ބަންގްލަދޭޝްއިން ފުރަތަމަ ދެ ގޭމު ކާމިޔާބުކޮށްފައި ވަނިކޮށް ރާއްޖެއިން ވަނީ ތިންވަނަ ގޭމު ކާމިޔާބުކޮށް އުންމީދެއް ހޯދާފައެވެ. ނަމަވެސް ބަންގްލަދޭޝްއިން ވަނީ ހަތަރުވަނަ ސެޓު ކާމިޔާބުކޮށް މެޗުން މޮޅުވެފައެވެ. މި ކެޓަގަރީގެ ދެވަނަ މެޗުގައި ޕާކިސްތާނާއި ވާދަކޮށް ރާއްޖެ ބަލިވީ ސީދާ ތިން ގޭމުންނެވެ.
މުބާރާތުގައި ފިރިހެން ޑިވިޝަންގެ ޖޫނިއަރ ކެޓަގަރީގައި ވާދަކުރަނީ ފަސް ޓީމެވެ. އެހެންކަމުން ލީގު ބުރެއް ކުޅުމަށްފަހު ފައިނަލުގައި ބައްދަލުކުރާނީ އެންމެ މަތިން ޕޮއިންޓު ހޯދާ ދެޓީމެވެ. ލީގު ބުރުގައި ތިންވަނަ ހޯދާ ޓީމަކަށް ލޯމެޑަލް ލިބޭނެއެވެ.
މި ކެޓަގަރީގައި ރާއްޖެއަށް ބާކީ ދެމެޗު އެބައޮތެވެ. އަންގާރަ ދުވަހު ރާއްޖެ ބައްދަލުކުރަން ޖެހޭނީ ސްރީ ލަންކާ އަދި ނޭޕާލާއެވެ.
މުބާރާތް ފެށުމުގެ ކުރިން ރާއްޖޭގެ ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ބުނީ ފިރިހެން ޓީމު ނިކުންނާނީ މުބާރާތުގައި ކުޅެގެން މެޗު ތަޖުރިބާތަކެއް ހޯދައި ރަނގަޅު ނަތީޖާތަކެއް ނެރުމަށް ކަމަށެވެ. ނަމަވެސް ޓީމުތަކުގެ ފެންވަރަށް ބަލައި މުބާރާތުގައި ސީދާ މެޑަލްއަކަށް ވާދަކުރަން ފިރިހެން ޓީމަށް އަދި ދެއަހަރުވަރު ނަގާނެމަކަށް އެސޯސިއޭޝަނުން ބުނެއެވެ. އެކަމަކު ރާއްޖޭގެ އަންހެން ޓީމުތައް ވާދަކުރާނީ މޮޅަށް ކުޅެގެން ސީދާ މެޑަލް ހޯދުމަށް ކަމަށްވެސް އެސޯސިއޭޝަނުން ފާހަގަކުރިއެވެ.