ކ. މާލެ
|
5 ޖޫން 2022 | އާދީއްތަ 22:59
ފުވައްމުލައް ސިޓީގައި ގާއިމުކުރި ޓޭބަލް ޓެނިސް ސެންޓަރު ރަސްމީކޮށް ހުޅުވުން
ފުވައްމުލައް ސިޓީގައި ގާއިމުކުރި ޓޭބަލް ޓެނިސް ސެންޓަރު ރަސްމީކޮށް ހުޅުވުން
ރައީސް އޮފީސް
ފުވައްމުލައް ޓީޓީ ސެންޓަރު
ފުރަތަމަ ފަހަރަށް އަތޮޅުތެރޭގައި ޓޭބަލް ޓެނިސް ސެންޓަރެއް ހުޅުވައިފި
މި ސެންޓަރަށް ޚާއްސަކޮށް އިންޑިއާގެ ކޯޗެއް ވަނީ ހަމަޖައްސާފައި
ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަކީ މި ސެންޓަރުގެ ވަރަށް ބޮޑު އަމާޒެއް

މި ސަރުކާރުން ފުވައްމުލައް ސިޓީގައި ގާއިމުކުރި ޓޭބަލް ޓެނިސް ސެންޓަރު ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށެއްގައި ގާއިމުކުރި ފުރަތަމަ ޓީޓީ ސެންޓަރެވެ. އާދީއްތަ ދުވަހުގެ ހަވީރު، މި ސެންޓަރު ރަސްމީކޮށް ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. މި ރަސްމިއްޔާތުގައި ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފުގެ އިތުރުން ޓީޓީ އެސޯސިއޭޝަނުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރާއްޖޭގެ ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިންވެސް ބައިވެރިވިއެވެ.

މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރު ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ގާއިމް ކުރި ސެންޓަރެކެވެ. މި ސެންޓަރަށް ޚާއްސަކޮށް އިންޑިއާގެ ކޯޗެއް ވަނީ ހަމަޖައްސާފައެވެ. ކޯޗަކާއެކު ޓީޓީ ސެންޓަރުގައި ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ޓީޓީގެ ދާއިރާއިން ރާއްޖެއަށް އެތަކެއް ރީތި ނަންތަކެއް ހޯދައިދީފައި ވާއިރު، މިދާއިރާއިން ހުނަރުވެރި ދަރިންތަކެއް ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުޅިވަރުތައް ކުރިއެރުވުމުގައި މި ސަރުކާރުން ޚާއްސަ ސަމާލުކަމެއް ދެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓރ މަހްލޫފު ވިދާޅުވީ މި ސެންޓަރަކީ ހަމައެކަނި މުނިފޫހި ފިލުވާލުމަށް ގާއިމުކުރި ސެންޓަރެއް ނޫން ކަމަށެވެ. އޭގެ އިތުރުން ޓީޓީ ކުޅުމުގެ ދާއިރާއިން ތަމްރީން ލިބިގެން ހުނަރުވެރި ކުޅުންތެރިންތަކެއް އުފެއްދުމަކީ މި ސެންޓަރުގެ ވަރަށް ބޮޑު އަމާޒެއްގެ ގޮތުގައި މިނިސްޓރ ފާހަގަކުރެއްވިއެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު (އައްޔަ) ވިދާޅުވީ އަމާޒަކީ މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައިވެސް ރަނގަޅު ފެންވަރުގައި ޓީޓީ ކުޅެވޭނެ އިންތިޒާމު ހަމަޖެހުން ކަމަށެވެ. އަދި ރާއްޖޭގެ ގައުމީ ޓީމަށް ކުޅެވޭ ފެންވަރުގެ ގިނަ ކުޅުންތެރިންތަކެއް އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަކަން އައްޔަ ފާހަގަކުރެއްވިއެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޯޗުންނާއެކު ކުދިންނަށް ރަނގަޅު ތަމްރީނު ލިބުމާއެކު ރާއްޖޭގައި ބާއްވާ ޓީޓީ މުބާރާތްތަކުގެ ފޯރި ގަދަވެ، ފެންވަރު ރަނގަޅުވާނެ ކަންވެސް އައްޔަ ފާހަގަކުރިއެވެ.

- ކޮމެންޓް