ރާއްޖޭގައި މިހާރު ކުރިއަށްދާ ސައުތު އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ އަންހެން ޓީމު ކެޑޭޓް ބައިގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ކެޑޭޓް ކެޓަގަރީގައި ރާއްޖޭގެ އަންހެން ޓީމު ކުޅުނު ފުރަތަމަ މެޗުގައި ޕާކިސްތާނު އަތުން ބަލިވީ 3-2 ގޭމުންނެވެ. ރާއްޖެއަށް ސެމީގެ ޖާގަ ކަށަވަރުވީ ފަހު މެޗުގައި ސްރީ ލަންކާ ބަލިކޮށްގެންނެވެ. މުބާރާތުގައި ލަންކާ ޓީމުން ވަނީ ސީދާ ތިން ގޭމުން ޕާކިސްތާނު ބަލިކޮށްފައެވެ.
ޕާކިސްތާނު މެޗުގެ ފުރަތަމަ ގޭމުގައި އެޓީމުގެ ހާއިގާ ހަސަން އާއި ވާދަކޮށް ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހިމް ބަލިވީ 3-2 ސެޓުންނެވެ. ދެވަނަ ގޭމުގަައި ރާއްޖޭގެ ދީމާ ވަނީ 3-1 ސެޓުން ޕާކިސްތާންގެ ހޫރު ފަވާދު ބަލިކޮށްފައެވެ. ތިންވަނަ މެޗުގައި ދީމާ އާއި މިޗްކާގެ ޕެއަރ ބައްދަލުކުރީ ޕާކިސްތާނުގެ ހޫދު އާއި ހާއިގާގެ ޕެއާއާ ދެކޮޅަށެވެ. މި ގޭމު ޕާކިސްތާނުން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ހަތަރުވަނަ ގޭމުގައި ސީދާ ތިން ސެޓުން ރާއްޖޭގެ މިޝްކާ މޮޅުވީ ޕާކިސްތާނުގެ ހާއިގާއާއި ވާދަކޮށްގެންނެވެ. ފަހު ގޭމުގައި ޕާކިސްތާނުގެ ހޫރު އަތުން މިޝްކާ ސީދާ ތިން ސެޓުން ބަލިވެ މެޗު ނާކާމިޔާބުވީއެވެ.
ލާންކާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ފުރަތަމަ ގޭމުގައި ލަންކާގެ ލެސަންޔާ އަތުން މިޝްކާ ބަލިވީ ސީދާ ތިން ސެޓުންނެވެ. ނަމަވެސް ދެވަނަ ގޭމުގައި ރާއްޖޭގެ ދީމާ ވަނީ ލަންކާގެ ތަމާޑީ ކައިރިން ސީދާ ތިން ސެޓުން މޮޅުވެ ރާއްޖެއަށް އުންމީދު ހޯދައިދީފައެވެ. ތިންވަނަ ގޭމުގައި ދީމާ އާއި މިޝްކާގެ ޕެއާ ކުޅެން ނުކުމެ ލަންކާގެ ލެސަންޔާ އާއި ޓަމާޑީ އަތުން މޮޅުވީ 3-2 ސެޓުންނެވެ. ހަތަރުވަނަ ގޭމު ލަންކާއިން ކާމިޔާބުކުރި ނަމަވެސް ރާއްޖެއިން ވަނީ ފަސްވަނަ ގޭމު ކާމިޔާބުކޮށް ސެމީގެ ޖާގަ ކަށަވަރުކޮށްފައެވެ.
ފުރަތަމަ ދުވަހުގެ މެޗުތައް ނިމުނުއިރު މި ގްރޫޕުގައި ހިމެނޭ ތިން ޓީމުވެސް ވަނީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފައެވެ. ލަންކާއަށް ގްރޫޕްގެ އެއްވަނަ ލިބެނީ ސެޓުގެ ގޮތުން ރާއްޖެއަށްވުރެ ކުރި ހޯދައިގެންނެވެ. ގްރޫޕްގެ ދެވަނާގައި ރާއްޖެއިން ސެމީ ފައިނަލަށް ދަތުރުކުރިއިރު، ޕާކިސްތާނު އޮތީ ތިންވަނާގައެވެ.