ސްރީލަންކާގައި ސަރުކާރާ ދެކޮޅަށްކުރާ މުޒާހަރާ ތައް އާންމު ވުމުގެސަބަބުން އެގައުމުގައި އިއުލާނުކޮށްފައިއޮތް ކާފިއު އަންގާރަ ދުވަހުގެ ހެނދުނު އުވާލާނެ ކަމަށް އެގައުމުގެ ފުލުހުން އިއުލާން ކޮށްފިއެވެ.
ޑެއިލީ މިރަރ ލަންކާއިން ރިޕޯޓުކޮށްފައިވާގޮތުން ލަންކާ ފުލުހުން ވަނީ އަންގާރަ ދުވަހު ހެނދުނު އެގައުމުގައި އިއުލާނުކޮށްފައިވާ ކާފިއު އުވާލާނެކަމަށް ބުނެފައެވެ.
ހުކުރު ދުވަހު ސްރީލަންކާގެ ރައީސް އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނިކޮށް އެގައުމުގައި ވަނީ ކާފިއުވެސް އިއުލާނުކޮށްފައެވެ.
ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތައް ހޫނުވެ އެތައް ބަޔަކަށް އަނިޔާވެފައިވާއިރު، ހަބުރުތައް ބުނާގޮތުން އެގައުމުގެ މަޖިލިސް ކައިރިއަށް އެއްވެ މުޒާހަރާ ކުރި މީހުންގެ ތެރެއިން ބައެއް މީހުން ވަނީ ހައްޔަރުވެސް ކޮށްފައެވެ.
އަދި ލަންކާގައި ކުރިއަށްދިޔަ މުޒާހަރާއެއް ހޫނުވެ ހިނގި ހަމަނުޖެހުންތަކެއްގެ ތެރޭގައި ސަރުކާރު ނިސްބަތްވާ އެސްއެލްޕީޕީގެ ޕާލިމަންޓްރީ މެމްބަރަކު ވަނީ އަމިއްލަ އަށް މަރުވެސް ވެފައެވެ. މީގެ އިތުރުން އެޕާޓީގެ އެހެން މަޖިލީސް މެމްބަރެއްގެ ގެއަށް ހަމަލާދީ ރޯކޮށްލާފައިވާ ކަމުގެ ރިޕޯޓުވެސް ލަންކާގެ މީޑިއާތަކުން ވަނީކޮށްފައެވެ.
މަސްރަޙް ގޯސްވެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވަނީ ހޯމަ ދުވަހު މަގާމުން އިސްތިއުފާވެސް ދެއްވާފައެވެ. ބޮޑުވަޒީރު މިހާތަނަށް ވިދާޅުވަމުންގެންދެވީ އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.