ކ. މާލެ
|
9 މެއި 2022 | ހޯމަ 16:07
ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ
ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ
ޑެއިލީ މިރޯ
މަހިންދަ ރާޖަޕަކްސަ އިސްތިއުފާދެއްވުން
ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފި
އިސްތިއުފާގެ ސިޓީ ހުށަހެޅުއްވި އިރު އެފަދަ ވާހަކަތަކެއް ވަނީ ފެތުރިފައި
މަހިންދަ އިސްތިއުފާ ދެއްވާފައިވާ އިރު، އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައި
ލަންކާގެ ބޮޑުވަޒީރު މަހިންދަ އިސްތިއުފާ ދެއްވާފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައި

ސްރީ ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވައިފިއެވެ.

ލަންކާގެ ބޮޑުވަޒީރު މަހިންދަ އިސްތިއުފާ ދެއްވާފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ. މަހިންދަ އިސްތިއުފާ ދެއްވާފައިވާ އިރު، އިސްތިއުފާ ދެއްވި ސަބަބެއް ހާމައެއް ނުކުރައްވައެވެ. އިސްތިއުފާގެ ސިޓީ ހުށަހެޅުއްވި އެފަދަ ވާހަކަތަކެއް ވަނީ ފެތުރިފައެވެ.

މީޑިއާތަކުގައި ބުނެފައިވަނީ މަހިންދަ އިސްތިއުފާ ދެއްވާފައިވާ އިރު، އެގައުމުގައި ދެން އެކުލަވާލެވޭ އެއްބައިވަންތަކަމުގެ ސަރުކާރުގައި މަހިންދަ ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް މީގެ ކުރިން މަހިންދަ ވަނީ ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ވަގުތީ ސަރުކާރެއް ގާއިމު ކުރާނަމަ އެކަން ކުރާނީ އެމަނިކުފާނުގެ ލީޑަރޝިޕްގެ ދަށުން ކަމަށް ވިދާޅުވެފައެވެ.

ލަންކާގައި އިގުތިސާދީ ހާލަތު ގޯސްވެ އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާއިރު، ބޮޑުވަޒީރު އިސްތިއުފާއަށް އާންމު ރައްޔިތުން ދިޔައީ ގޮވާލަމުންނެވެ. މިކަމާ ގުޅިގެން މީގެ ކުރިން މަހިންދަ ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ބަޔަކު ގޮވާލާކަމެއް އިނގިވަަޑައިނުގަންނަވާ ކަމަށާއި އެހެން ނަމަވެސް އިސްތިއުފާއަށް ބަޔަކު ގޮވާލާނަމަ އެގޮވާލާ މީހުންނަކީ މީގެ ކުރިންވެސް އެމަނިކުފާނަށް ތާއިދުކުރި ބައެއް ނޫންކަމަށެވެ.

ހޯމަ ދުވަހު ބޮޑުވަޒީރުކަމުގެ މަގާމުން މަހިންދަ ރާޖަޕަކްސަ އިސްތިއުފާދެއްވާފައިވާ ކަމަށް ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާއިރު، މިދިޔަ ހުކުރު ދުވަހު ރައީސް ގޮތަބަޔާ ރާޖަޕަކްސަ މަހިންދަ އަރިހުން މަގާމުން އިސްތިއުފާ ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށް ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެން ބޮޑުވަޒީރުގެ އޮފީހުން ވަނީ އެކަންތައް ދޮގުކޮށްފައެވެ.

މީހެ ކުރިން އެކި ފަހަރުމަތިން މަހިންދަ ރާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ނަމަވެސް މިހާރު ރައީސް ގޮތަބަޔާ ރާޖަޕަކްސައަށް ބޮޑުވަޒީރުގެ އިސްތިއުފާގެ ސިޓީ ފޮނުވާފައިވާ ކަމަށާއި އެސިޓީ ރައީސަށް ލިބިވަޑައިގެންފައިވާކަމަށް ރައީސް އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ.

މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވާފައި މިވަނީ ސަރުކާރުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް އިދިކޮޅުން މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ. މަޖިލީހުގައި އެވޯޓު އިދިކޮޅުން ކާމިޔާބުކޮށްފި ނަމަ ބޮޑުވަޒީރާ ސަރުކާރުގެ ކެބިނެޓް އިސްތިއުފާ ދޭންޖެހޭނެއެވެ.

ބޮޑުވަޒީރު މަހިންދަ އިސްތިއުފާދެއްވުމުގެ ކުރިން ގޯލް ފޭސް ގްރީން ސަރަހައްދުގައި މަސްދުވަސް ވަންދެން ސުލްހަވެރި މުޒާހަރާކުރަމުން ދިޔަ މީހުންނާ މިހާރުގެ ސާރުކާރަށް ތާއިދުކުރާ މީހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގައި ވިއްސަކަށް މީހުންނަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދަންޖެހުނު ކަމަށް ލަންކާގެ މީޑިއާއިން ވަނީ ރިޕޯޓުކޮށްފައެވެ. އަދި މިއާ ވިދިގެން ކޮލޮމްބޯގައި މިހާރު ވަނި ކާފިއުވެސް އިއުލާނުކޮށްފައެވެ.

މި ނިމުނު ހުކުރު ދުވަހު ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ލަންކާގައި ކުއްލި ހާލަތުވެސް އިއުލާނުކުރައްވާފައެވެ.

- ކޮމެންޓް