ކ. މާލެ
|
9 މެއި 2022 | ހޯމަ 17:06
ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތައް އަމަލުންވެސް ފެންނަންޖެހޭ
ސޯޝަލް މީޑިއާގައި ދައްކާ ވާހަކަތައް އަމަލުންވެސް ފެންނަންޖެހޭ
ގޫގުލް
ޚާއްސަ ދުވަސްތައް ސޯޝަލް މީޑިއާގައި
މުހިންމު ދުވަސްތައް ފާހަގަ ކުރެވެނީ ސޯޝަލް މީޑިއާގައި އެކަނި، ބަދަލުކުރަންވެއްޖެ ކަމެއް
 
ސޯޝަލް މީޑިއާގައި ޕޯސްޓުކުރުމަށްވުރެ އެކަން އަމަލު ދެއްކުން މާރަނގަޅު
 
ސޯޝަލް މީޑިއާގައި ހިއްސާކުރާ އެއްޗެހި އެ ރައްދުވާ މީހަކަށް ފެންނާނީ މަދު ފަހަރަކު

މެއި 8ވަނަ ދުވަހު މުޅި ސޯޝަލް މީޑިއާ ފުރާލީ މަންމައިންގެ ދުވަހުގެ ތަހުނިޔާގެ މެސެޖުތަކުންނެވެ. މަންމަދެކެ ލޯބިވާ ކަމަށާއި އެވަރުގެ މަންމައެއް ނުލިބޭނެކަމަށް ބުނެ ހިއްސާ ކޮށްފައިވަނީ އަސަރުން ފުރިގެންވާ މެސެޖުތަކެވެ. ނަމަވެސް މި މެސެޖުތަކުގެ ތެރެއިން ބައެއް މެސެޖުތަކުގެ ފަހަތުގައި އޮތް ހަގީގަތް މުޅިން ތަފާތުވުމަކީ އެކަށީގެންވާ ކަމެކެވެ.

ބައިނަލްއަގުވާމީ ގޮތުން ދުނިޔޭގައި ތަފާތު ދުވަސްތައް ފާހަގަ ކުރާއިރު، ވަކި ދުވަހެއް ޚާއްސަކުރަނީ ސޯޝަލް މީޑިއާގައި އެވާހަކަތައް ހިއްސާކުރަން އެކަންޏެއް ނޫނެވެ. ސޯޝަލް މީޑިއާގައި އެކަން ހިއްސާކުރާއިރު އަމަލުންވެސް އެކަން ފެންނަންވާނެއެވެ. ބައެއް މީހުން މަންމައިންގެ ދުވަހު ޕޯސްޓުތައް ސޯޝަލް މީޑިއާއަށް ލަނީ މަންމައަށް ދުވަހުގެ ތަހުނިޔާވެސް ނުކިޔައެވެ. ޕޯސްޓުގައި އެފަދަ ދެވަނަ މީހަކު ދުނިޔޭގައި ނެތްކަމަށް ބުނާއިރު، އެ ވާހަކަ މަންމަ ކައިރީގައި ބުނަނީވެސް މަދު ބައެކެވެ.

މަންމައިންގެ ދުވަހެއް ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރަނީ މުޅި އަހަރު މަންމައިން ދަރިންނަށް ކުރާ ޚިދުމަތާއި ދޭ ލޯބި ފާހަގަކޮށް، އެ ހުރިހާ ޚިދުމަތަކަށް ޝުކުރުވެރިވާކަން މަންމައިންނަށް އެންގުމުގެ ގޮތުންނެވެ. ސޯޝަލް މީޑިއާގައި ތިބޭ މީހުންނަށް، ޝުކުރުވެރިވާކަން އަންގާކަށް ނޫނެވެ. ޕޯސްޓް ކުރުމުގެ ބަދަލުގައި އެ ދުވަސް މަންމައާއެކު ހޭދަކޮށްލައި، ނުވަތަ އެކަން އަންގައިދިނުމުގެގޮތުން ހަދިޔާ ފޮނުވައި, ގާތުގައި ނެތްނަމަ ގުޅައިގެންވެސް އެކަން މަންމައަށް އަންގައިދިނުމުން މާ އުފާވާނެއެވެ.

މަންމައިންގެ ދުވަސް އެކަންޏެއް ނޫނެވެ. އަންހެނުންގެ ދުވަހާއި ޓީޗަރުންގެ ދުވަހާއި ބައްޕައިންގެ ދުވަސް ފަދަ ދުވަސްތައްވެސް މިހާރު ފާހަގަކުރަނީ ސޯޝަލް މީޑިއާގައި އެކަންޏެވެ. ފޮޓޯއަކާއެކު ޕޯސްޓެއް, ނުވަތަ ދުވަހާ ގުޅުން ހުރި އަސަރުގަދަ މެސެޖެއް، ނުވަތަ ލަވައެއް ޝެއަރކޮށް އެކަން ފޮލޯވަރުންނަށް ދައްކާލުމުން ނިމުނީއެވެ.

ސޯޝަލް މީޑިއާއަކީ އޭގެ ޒާތުގައިވެސް ބައެއް މީހުން އަޅާ މާސްކެކެވެ. ދެއްކުންތެރިކަން ބޮޑު ތަނެކެވެ. މިފަދަ ދުވަސްތަކުގައި ސޯޝަލް މީޑިއާގައި ދެއްކުންތެރިކަން އެއްފަރާތްކުރުމަށްފަހު އެ ދުވަސް ހަގީގަތުގައި ފާހަގަކުރުން މާ ރަނގަޅެވެ.

މައިންބަފައިންނާއި ޓީޗަރުންނާއި އަންހެނުންނާއި ފިރިހެނުންނަށް ޚާއްސަ ދުވަސްތަކެއް ހުރިނަމަވެސް، އެ މީހުން އެ ކޮށްދޭ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރާނީ އެދުވަހު އެކަންޏެއްނޫނެވެ. އެ ދުވަހު އެ ޚިދުމަތްތައް ޚާއްސަގޮތަކަށް ފާހަގަކުރިިނަމަވެސް އަހަރުގެ ކޮންމެ ދުވަހެއްގައި ވެސް އެ ޚިދުމަތުގެ އަގު ވަޒަންކުރަންވާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް
ގުޅުންހުރި