ކ. މާލެ
|
8 މެއި 2022 | އާދީއްތަ 15:51
މަންމައިންގެ ދުވަސް (ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 8 ވަނަ ދުވަހަކީ މަންމައިންގެ ދުވަސް)
މަންމައިންގެ ދުވަސް (ކޮންމެ އަހަރެއްގެވެސް މެއި މަހުގެ 8 ވަނަ ދުވަހަކީ މަންމައިންގެ ދުވަސް)
މަންމައިންގެ ދުވަސް
ލޯބިވާ މަންމާ!
 
މަންމައިންގެ ދުވަހާ ގުޅިގެން ރާޅުގަނޑު ސްޓޫޑިއޯއިން ވަނީ މަދަހައެއް ނެރެފައި
 
މައިންނަށް އަޅާލައި ލޯބިދޭންޖެހޭ
 
މަންމައިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި 8 ވަނަ ދުވަސް

"އެންމެ ފުރަތަމަ މަންމައެވެ. ދެންވެސް މަންމައެވެ. އެއަށްފަހުވެސް މަންމައެވެ. ދެން ބައްޕައެވެ." އިސްލާމް ދީނުގައި މައިންނަށް ދެވިފައިވާ މަތިވެރި ގަދަރު އެންމެ ބޮޑަށް ހާމަވެގެންދާ އެއްކަމަކީ މިއީއެވެ. ސުވަރުގެ ވަނީ އެ ދެ ފައިތިލައިގެ ދަށުގައެވެ. މައެއްގެ ހިތުގައި ޖައްސައިފި މީހަކަށް ސުވަރުގެ ނުދެވޭނެއެވެ. މިއީ ހުސްވެސް އިސްލާމް ދީނުގައި މައިންނަށް ދީފައި އޮންނަ މަތިވެރި ގަދަރު ހާމަވާ ކަންކަމެވެ. އެއީ ވަރަށްވެސް މާތް ބައެކެވެ.

މަންމައަކީ ތިމާ މި ދުނިޔެއަށް އުފަން ނުވަނީސްވެސް ތިމާދެކެ އެންމެ ލޯބިވި މީހާއެވެ. އަދި ތިމާ ދުނިޔެއަށް އުފަންވެ އެންމެ ފަހު ވަގުތާ ޖެހެންދެންވެސް, އަދި އެއަށްފަހުވެސް ތިމާދެކެ ލޯބިވާނެ މީހާއެވެ. އަދި ތިމާއަށްޓަކާ ވާންޖެހުނު ކޮންމެ ގުރުބާނީއަކާ ކޮންމެ ގޮންޖެހުމަކާ އެއްވެސް ފަސްޖެހުމެއްނެތި ކުރިމަތިލާނެ މީހަކީ ތިމާގެ މަންމައެވެ. ތުއްތު އިރު އެތައް ރެއެއްގެ ނިދި ނަގާލައި ހޭލައި އިންނާނެއެވެ. ބަލިވުމުން ދުރަށް ނުގޮސް އަބަދުވެސް ކައިރީގައި އިންނާނެއެވެ. ލޯބި ދޭނެއެވެ. އަޅާލާނެއެވެ. ތިމާ ބުނެފި ކޮންމެ ކަމެއް ކޮށްދޭން އެ މަންމަ ހުންނާނީ ތައްޔާރަށެވެ. އެއީ މައިންބަފައިން އަހަރެމެންދެކެ ވާ ލޯބީގެ ވަރަށް ކުޑަ މިންވަރެކެވެ. އެއީ ބަޔާންކޮށްދޭންވެސް ނޭނގޭ ވަރުގެ ފުން ލޯތްބެކެވެ.

ދަރިންނަށްޓަކާ މަންމައަކު ނޫނީ ބައްޕައަކު އެ ކޮށްދޭ ކަންކަމާއި އެ ވާ ގުރުބާނީތަކަކީ ބަދަލު ދެވޭނެ ކަމެއް ނޫނެވެ. ކުރެވޭނެ ހަމައެކަނި ކަމަކީ އެމީހުންނަށް އިންތިހާއަށް ލޯބި ދިނުމެވެ. އަބަދުވެސް އެމީހުންނާއެކު ވުމެވެ. އަބަދުވެސް ހާލު ބެލުމެވެ. ބަލިވުމުން އަޅާލުމެވެ. މައިންބަފައިންނަށް އަޅާލުމަކީ ދަރިންގެ މައްޗަށް ވާޖިބުކުރައްވާފައިވާ ކަމެކެވެ.

އެހެންނަމަވެސް މިއަދުގެ މުޖުތަމައުން މަދުން ނަމަވެސް މައިންބަފައިންނަށް އަޅާ ނުލުމާއި އެމީހުން ބާކީކޮށްލައި މަގުމަތިކޮށްލުމުގެ ހަޑި އުޅުން ފެނިގެންދެއެވެ. ހަނދާންކުރާށެވެ. މައިންބަފައިންނާމެދު ގޯސްކޮށް ކަންތައްކުރުމަކީ މާތްﷲ ނުރުހުންވެވޮޑިގަންނަވާ އަމަލެކެވެ. ސުވަރުގެ ވަނީ މައިމީހާގެ ފައިތިލަ ދަށުގައޭ ބުނާ ބުނުމުންވެސް މިކަމުގެ ބޮޑުކަން ހާމަވެއެވެ. މިއަދުގެ މުޖުތަމައަށް ބަލާލާއިރު މިއީ ވަގުތު ފާއިތުވުމުން ގިނަ ބަޔަކަށް ވިސްނޭ ކަމަކަށް މިވަނީ ވެފައެވެ. މިއީ ހިތާމަކުރަންޖެހޭ ކަމެކެވެ.

މިއަދު ފާހަގަކުރަމުންދާ މަންމައިންގެ ދުވަހުގެ މުނާސަބަތުގައި ރާޅުގަނޑު ސްޓޫޑިއޯގެ ފަރާތުން ވަނީ މިއަދުގެ މުޖުތަމައުގައި މަދުންނަމަވެސް ފެން މިފަދަ ކަންކަމަށް ބިނާކޮށް މަދަހައެއް ރިލީޒްކޮށްފައެވެ. މި މަދަހައިގެ ޅެން ހަދާފައިވަނީ ހައްމާދު ރަޝީދު(ހަމްޕު) އެވެ. "މަންމަ" މި ނަމުން ނަން ދީފައިވާ މި މަދަހައިގައި މަންމައަކާމެދު އިހާނެތިކޮށް ހިތާ މަންޒަރު ފެނެއެވެ. އެ މަންމަ އެތައް ގުރުބާނީއެއް ވެގެން ދަރިފުޅު ބަލާ ބޮޑުކުރެއެވެ. އެހެންނަމަވެސް ދަރިފުޅު ބޮޑުވުމުން, މަންމަ ކޮށްދޭ ކަންކަން ދަރިފުޅަށް ކަމަކު ނުދެއެވެ. އަދި މަންމަ ބަލިވިދުވަހު މަންމައަށް އަޅައެއް ނުލައެވެ. މަންމަގެ ހާލެއް ނުބަލައެވެ. އެންމެ ފަހުން މަންމަ ވަކިވެ ދަނީއެވެ.

މައިންބަފައިންނާއިމެދު ހެޔޮކޮށް ކަންތައް ކުރަންޖެހޭނެކަން އެނގެންޖެހެނީ މައިންބަފައިން ވަކިވެދާ ހިސާބަކުން ނޫނެވެ. އެމީހުން ދިރިތިއްބައި އެމީހުންނަށް ދޭންޖެހޭ ލޯތްބާއި އަޅާލުން ދޭންޖެހެއެވެ. ވަގުތު ފާއިތުވުމުން ދެން ކުރެވޭނެ ކަމެއް ނޯންނާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް