ކ. މާލެ
|
8 މެއި 2022 | އާދީއްތަ 11:27
ދިއްގަރު ހޯމް ސްޓޭ ފަތުރުވެރިން
ދިއްގަރު ހޯމް ސްޓޭ ފަތުރުވެރިން
އަލީ ޝާފީ
ރަށު ފަތުރުވެރިކަން އިތުރުކުރުން
މި ސަރުކާރުގެ ދަތުރުފަތުރުގެ ސިޔާސަތަކީ ރަށު ފަތުރުވެރިކަމަށް ފަހިވި މަގެއް: މިނިސްޓަރު މައުސޫމް
ބައެއް ގެސްޓްހައުސްތަކާ ހަމައަށް ވާސިލްވުމުގައި ގޮންޖެހުންތަކެއް ހުރޭ
ސަރުކާރުން ގެންދަނީ ހުރިހާ ސަރަހައްދެއްގައި އެއަރޕޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން
އެއަރ ކަނެކްޓިވިޓީ އިތުރުކުރުމަށް މިނިސްޓްރީން މަސައްކަތްތަކެއް ކުރޭ

މި ސަރުކާރުން ގެންގުޅޭ ދަތުރުފަތުރުގެ ސިޔާސަތަކީ ރަށު ފަތުރުވެރިކަން ކުރިއަރަން މަގުފަހިވި ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުަގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ރަށްރަށުގެ އޮކިއުޕެންސީއާ އެންމެ ބޮޑަށް ގުޅިފައި އޮންނަނީ މި ދާއިރާއަށް އަންނަ އިންފްރާސްޓްރަކްޗަރ ކަމަށެވެ. ބައެއް ގެސްޓްހައުސްތަކާ ހަމައަށް ވާސިލްވުމަށް، ވަގުތުގެ ގޮތުންނާއި ފައިސާގެ ގޮތުން ވަރަށް ބޮޑެތި ގޮންޖެހުންތައް ހުންނަ ކަމަށާއި ތަކުލީފުތަކެއް އުފުލަންޖެހޭކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ފަތުރުވެރިކަމަށް ބޭނުންވާ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަކުރުމަކީ ސަރުކާރުގެ މައި ސިޔާސަތުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސިޔާސަތުގެ ތެރެއިން މީހުން ދިރިއުޅޭ ކޮންމެ ރަށަކުން ބައި ގަޑިއިރުގެ ތެރޭފައި އެއަރޕޯޓަކާ ހަމައަށް ދެވޭ ގޮތަށް އެއަރޕޯޓުތައް ތަރައްގީކުރަމުން ދިއުމަކީ ކުދި ގެސްޓްހައުސްތަކަށް ފަތުރުވެރިކަން ކުރިއެރުވުމަށް ލިބޭ ވަރަށް ބޮޑު ބާރަކަށް ވާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން ހައި ސްޕީޑް ފެރީގެ ނިޒާމަކުން މުޅި ރާއްޖެ ގުޅާލުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއަށް އަލިއަޅުވާލައްވައި މިނިސްޓަރު ވިދާޅުވީ އަތްފޯރާ އަގުތަކެއްގައި ދަތުރުފަތުރުގެ ނިޒާމު ގާއިމްކުރުމަކީ ގެސްޓް ހައުސްތަކަށް ދެވޭ ވަރަށް ބޮޑު އެއްބާރުލުމެއް ކަމަށެވެ.

މި މަސައްކަތްތަކުގެ އިތުރުން އެއަރ ކަނެކްޓިވިޓީ އިތުރުކުރުމަށް މިނިސްޓްރީން މަސައްކަތް ކުރަމުންދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ޚާއްސަކޮށް ރާއްޖޭގައި ހުރި އިންޓަރނޭޝަނަލް އެއަރޕޯޓުތަކަށް ބޭރުން އަންނަ ބޯޓުތައް ޖެއްސޭނެ ގޮތް ހެދުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރުވެސް ބޮޑެތި ބޯޓުތައް ޖެއްސޭނެ އެއަރޕޯޓުތައް އެބަހުރި.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މިނިސްޓަރު ވިދާޅުވީ ރަށްރަށަށް ދާ ފަތުރުވެރިން އިތުރުކުރުމުގައި ކައުންސިލްތަކުން ވަރަށް ބޮޑު ދައުރެއް އަދާކުރަންޖެހޭ ކަމަށެވެ. ދުރު މުސްތަގުބަލަށް ވިސްނައިގެން މަސައްކަތްކުރަންޖެހޭ ކަމަށާއި، ރަށްރަށަށް ދާ ފަތުރުވެރިން އަތުން ފައިސާ ނެގި ނަަމަވެސް އެ ފައިސާއަކީ ލާހިކު އެއްޗަކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި ވިޔަފާރި ކުރުމަށް އިސްކަންދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. ކައުންސިލްތަކުން މިހާރުވެސް ކުރަމުންދާ މަސައްކަތްތަކާއިމެދު ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގަންނަވާކަމަށާއި، އެހެންނަމަވެސް މި ކަމަކަށް ސަމާލުކަން ދޭންޖެހޭކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމް ވިދާޅުވިއެވެ.

- ކޮމެންޓް