މާލެ ސިޓީގެ މިސްކިތްތަކުގައި ކުނި ގިނަވުމުގެ ސަބަބުން އެކަމުގެ ޝަކުވާތައް ގިނަ ބަޔަކު ދަނީ ކުރަމުންނެވެ. ނަމާދަށް ދާއިރު މިސްކިތުގެ ގޯތި ތެރެއިން ކުނި ފެނުމާއި މިސްކިތުގެ ތެރޭގައި ކުނީގެ ވަސް ފެތުރިފައި ހުރުމުން މިސްކިތަށް ދާ މީހުންނަށް ދަތިތަކާ ކުރިމަތިވާ ކަމުގެ ޝަކުވާތައް ލިބެއެވެ. މި މައްސަލައަށް ހައްލެއް ހޯދަން އާއްމުންގެ ފަރާތުން ބައެއް މީހުން އިސްނަގައިގެން މަސައްކަތް ކުރާތާ ވެސް އެތައް ދުވަހެއް ވެއްޖެއެވެ.
ބައެއް މިސްކިތްތަކުގެ ގޯތި ތެރޭގައި ގަސްތައް ހައްދާފައިވާއިރު ގިނަ އަދަދެއްގެ ޕްލާސްޓިކް ފުޅިއާއި ކޮތަޅާއި ޓިޝޫ ފަދަ ތަކެތިން ގަސްތަކުގެ ތެރެ ވަނީ ފުރިފައެވެ. ބައެއް މިސްކިތްތަކުގެ ގޯތި ތެރެއަށްވާ ގޮތަށް ހުންނަ ތަންތަން ކުނި ގޮޑަކާ އެއްފަދައެވެ. އެ މައްސަލަ ހައްލުކޮށްދޭން އާއްމުންގެ ފަރާތުން ސިޓީ ކައުންސިލާއި އިސްލާމިކް މިނިސްޓްރީ އާއި ކަމާ ބެހޭ އެހެން ފަރާތްތަކުގައި ވެސް ވަނީ އެދިފައެވެ. ނަމަވެސް އަދިވެސް މިހާތަނަށް އެކަމަށް ހައްލެއް ނުލިބޭ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.
މިސްކިތްތައް ބެލެހެއްޓުމުގެ ޒިންމާއަކީ ރަށްތަކާއި ސިޓީ ކައުންސިލްތަކުގެ ޒިންމާއެކެވެ. މިއީ މި ސަރުކާރު އައިފަހުން ޑީސެންޓްރަލައިޒޭޝަން ގާނޫނުގެ ދަށުން ކައުންސިލްތަކަށް ދިން ބާރުތަކާއި ޒިންމާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް މާލޭގެ ބައެއް މިސްކިތްތަކުން ފެންނަނީ މިސްކިތުގެ އެތެރެ އެކަނި ސާފުކޮށް ބަލަހައްޓާ މަންޒަރެވެ. މިސްކިތުގެ ގޯތިތެރެއަށް މާ ބޮޑު އަޅާލުމެއް ނުދެއެވެ.
ކުނީގެ ސަބަބުން އެންމެ ބޮޑަށް މައްސަލަ ދިމާވެފައިވާ އެއް މިސްކިތަކީ މަސްޖިދުލް މުޙައްމަދު ޖަމީލް ދީދީއެވެ. އެ މިސްކިތުގައި ވުޟޫ ކުރާ ސަރަހައްދު މަތީގައި ކުނި ޖަމާވެފައި ހުރުމުގެ ސަބަބުން އެ މިސްކިތަށް ނަމާދަށް ދާ މީހުންނަށް އުނދަގޫތަކާ ކުރިމަތިވެއެވެ. އެގޮތުން މިސްކިތުގެ އެތެރޭގައި ކުނީގެ ވަސް ހުރުމާއި އެ ކުނީގެ ސަބަބުން މިސްކިތުގެ ތެރެއަށް މީދަލާ ކުރަފި ފަދަ ތަކެތި ވަނުން ފަދަ ކަންކަން ވެސް ދިމާވާ ކަމަށް މައުލޫމާތު ލިބެއެވެ.
މިސްކިތްތަކުގެ ގޯތިތެރެ ސާފު ނުކުރާ މައްސަލަ އިސްލާމިކް މިނިސްޓްރީގެ ސަމާލުކަމަށް ވެސް ގެނެސްފައިވާއިރު އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ރާއްޖެ އެމްވީއަށް ވިދާޅުވީ މިސްކިތްތައް ސާފު ކުރުމަށް ސަރުކާރުން ސިޓީ ކައުންސިލަށް ބަޖެޓެއް ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި ބަޖެޓް ތާށިވެގެން އެފަދަ މަސައްކަތެއް ނުކުރެވޭނަމަ މިނިސްޓްރީންވެސް އެހީވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ މިދިޔަ ރަމަޟާން މަހު ވެސް މާލެ ސިޓީ ކައުންސިލްއަށް މިސްކިތްތަކުގެ އާބާތުރަ ފިލުވުމަށާއި މިސްކިތްތައް ބެލެހެއްޓުމަށް ތިން މިލިއަން ރުފިޔާ ދިން ކަމަށެވެ.
"މާލެ ސިޓީ ކައުންސިލަށް މިސްކިތްތަކުގެ އާބާތުރަ ފިލުވަން އަޅުގަނޑުމެން ދިނިން ދެ މިލިއަން ރުފިޔާ. އަދި މިސްކިތު ފަންޑުން އޭގެ އިތުރުން ވެސް ދިނިން އެއް މިލިއަން ރުފިޔާ. ޖުމްލަ ތިން މިލިއަން ރުފިޔާ އެބޭފުޅުންނަށް ދިނިން ވަގުތީ ގޮތުން އެ ދިމާވާ މައްސަލަތައް ހައްލު ކުރަން،"އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު
މިސްކިތްތަކުގެ ގޯތިތެރެ ސާފު ނުކުރާ މައްސަލަ ބޮޑުވެފައިވާއިރު ބައެއް މިސްކިތްތަކުގައި މަސައްކަތް ކުރާ މީހުން މައުލޫމާތު ދޭ ގޮތުގައި އެ މީހުންނަށް މުސާރަ ނުލިބޭތާ ވެސް ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އެ މައްސަލަ ވެސް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން މާލެ ސިޓީ ކައުންސިލާ މަޝްވަރާތައް ކުރައްވާ ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިސްކިތްތަކަށް ހާއްސަ ކޮމިޓީއެއް ވެސް އޮވެއެވެ. އެއީ މިނިސްޓްރީ އާއި ސިޓީ ކައުންސިލާއެކު ހަދާފައިވާ ކޮމިޓީއެކެވެ. ނަމަވެސް ބައެއް ކަންކަން ކުރުމުގައި ތާށިތަކެއް ހުންނަ ކަމަށް މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.