ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް އެމެރިކާގެ ނިއުޔޯކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓާރޭޒްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އދ ގެ މައި މަރުކަޒުގައެވެ. މި ބައްދަލުކުރެއްވުމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް ގުޓާރޭޒް ވަނީ އދ ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ރިޔާސަތަށް ތައުރީފުކުރައްވާފައެވެ. އެމަނިކުފާނު ވަނީ މޫސުމީ ބަދަލުތަކުގެ މައްސަލައިގައި ރާއްޖެއަށް އެއްބާރުލެއްވުން ދެއްވާނެކަމަށާއި، ރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ކުރީ ސަފުގައި އަބަދުވެސް މަސައްކަތްކުރަމުންދާ ގައުމެއްކަން ފާހަގަކުރައްވާފައެވެ. މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ, މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއަށް ބޮޑެތި އިންވެސްޓްމަންޓްތައް ބޭނުންވާކަމަށާއި، މިގޮތުން އަބަދުވެސް އދ އިން, އަދި އދ ގެ ސެކްރެޓަރީ ޖެނެރަލްގެ ހައިސިއްޔަތުން އެމަނިކުފާނު ރާއްޖެއަށް ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ދެއްވާނެކަމުގައި ވިދާޅުވެފައެވެ.
ނައިބު ރައީސް ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް ދެއްކެވި ލީޑަރޝިޕަށް ތަޢުރީފުކުރައްވާފައެވެ. އަދި، އެމަނިކުފާނު ވަނީީ އދ ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދުގެ ރިޔާސަތާމެދު ހިތްޕުޅުހަމަޖެހޭކަމުގައި ވިދާޅުވެފައެވެ.
ހުރިހާ ގައުމުތަކުން އެކަތިގަނޑަކަށް ވާންވީ ވަގުތަކީ މިވަގުތުކަން ހާމަކުރައްވަމުން ނައިބު ރައީސް ވަނީ, ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކާއި މޫސުމީ ބަދަލުތަކުގެ ސަަބަބުން ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ރާއްޖެއަށް އެހީތެރިކަން ބޭނުންވާކަމުގައި ވިދާޅުވެފައެވެ. އަދި، ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުން ނާޒުކު ކުދި ގައުމުތަކަށް, މޫސުމީ ބަދަލުތަކުން އަރައިގަތުމަށް އެހީތެރިވެދިނުން މުހިންމުކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުންވެސް ނައިބު ރައީސް ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ރާއްޖޭގެ ބޯޑަރު ބަންދުކުރަން ޖެހުމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދުގެ މައިބަދަ ކަމުގައިވާ ފަތުރުވެރިކަމަށް ކުރި އަސަރުތަކާ ގުޅުންހުރި ބައެއް ކަންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ, ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ފަރާތުން ބައެއް ކަންކަމުގައި, ބޭނުންފުޅުވާވަރަށް އެއްބާރުލުން ނުލިބޭކަން ހިތާމައާއެކު ފާހަގަކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި, ކުރަން ހުރި ކަންކަން ގިނަކަމުގައި ވިދާޅުވެ އެމަނިކުފާނު ވަނީ, ކުރިއަރާފައިވާ ބޮޑެތި ގައުމުތަކުގެ ސަބަބުން ކުރިމަތިވާ ބައެއް މައްސަލަތަކަށް އެންމެ ބޮޑު އަގެއް ދައްކަންޖެހިފައިވަނީ ރާއްޖެ ފަދަ ކުދި ނާޒުކު ގައުމުތަކުން ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ވެސް އދ ގެ ސެކްރެޓަރީ ޖެނެރަލް ވަނީ މޫސުމަށް އަންނަމުންދާ ބަދަލުތަކާ ގުޅޭގޮތުން ކުދި އަދި ނާޒުކު ގައުމުތަކުގެ ހައްގުގައި މަސައްކަތްކުރުންމަތީ ދެމިހުންނަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަށް ހެޔޮ އެދުންތައް ފޮނުއްވާފައެވެ.
މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ނައިބު ރައީސް ވަނީ, ރާއްޖެއިން ގަބޫލުކުރާގޮތުގައި މިއީ މޫސުމީ ބަދަލުތަކާ ގުޅިގެން ލަސްނުކޮށް ފިޔަވަޅު ނަގަންވީ ވަގުތުކަން ހާމަކުރައްވާފައެވެ. އަދި އެމަނިކުފާނު ވިދާޅުވީ މިއީ މިއަދު ރާއްޖެއަށް ކުރިމަތިވާ ކަމެއްކަމުގައި ވަނީނަމަ, ކުރިއަރާފައިވާ އެހެން ބޮޑެތި ގައުމުތަކަށްވެސް މާދަމާ މިކަންކަން ކުރިމަތިވާނެ ކަމުގައެވެ. މީގެ އިތުރުންވެސް ނައިބު ރައީސް ވަނީ, އަންހެނުން ބާރުވެރިކުރުވުމާއި ޒުވާނުން ބާރުވެރިކުރުވުމާ ގުޅޭގޮތުން އދ ގެ ސެކްރެޓަރީ ޖެނެރަލާ މަޝްވަރާކުރައްވާފައެވެ.