ކ. މާލެ
|
6 މެއި 2022 | ހުކުރު 17:58
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް
ފަތުރުވެރިކަމުގައި ތިމާވެށި ރައްކާތެރިކުރުން
ފަތުރުވެރިކަން ކުރިއެރުވުމުގައި ތިމާވެށި ރައްކާތެރި ކުރުމަކީ ރާއްޖެއަށް މަޖުބޫރު ކަމެއް: މައުސޫމް
ފަތުރުވެރިކަމުގެ ޕޮލިސީތައް ހަދާފައިވާނީ ތިމާވެއްޓަށް އިސްކަމެއް ދީގެން ކަމަށް ވިދާޅުވި
ޕޮލިސީ ނެތަސް ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކުން ތިމާވެއްޓަށް އިސްކަން ދޭން ޖެހޭ ކަމަށް ވިދާޅުވި
ޕްލާސްޓިކް ނައްތާލަން ސަރުކާރުން ކުރާ މަސައްކަތަށް ފަތުރުވެރިކަމުގެ ދާއިރާގެ އެއްބާރުލުން ލިބޭނެ ކަމަށް ވިދާޅުވި

ފަތުރުވެރިކަން ކުރިއަރުވާއިރު ތިމާވެށި ހިމާޔަތް ކުރުމަށް އިސްކަން ދިނުމަކީ ރާއްޖެއަށް އޮތް އިހުތިޔާރެއް ނޫން ކަމަށާއި އެއީ މަޖުބޫރު ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ޖަމުޢިއްޔާ (ޔޫ.އެން.ޑަބްލިއު.ޓީ.އޯ) އިން މިވަގުތު ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކާ ގުޅޭ ގޮތުން ރާއްޖެ ޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މައުސޫމް ވިދާޅުވީ ފަތުރުވެރިކަން ކުރިއަރުވާއިރު ތިމާވެއްޓަށް އިސްކަމެއް ދިނުމަކީ މިއަދު ކޮންމެ ގައުމަކުން ވެސް އިސްކަމެއް ދޭ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ރާއްޖެއަށް މަޖުބޫރު ކަމެއް ކަމަށާއި ފަތުރުވެރިކަން ކުރިއެރުވުމަށް ހަދާ ޕޮލިސީތަކާއި ގާނޫނުތައް ވެސް އެކުލަވާލައިފައިވަނީ އެކަންކަމަށް ބަލައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކައިގައި ޕޮލިސީއެއް ނުވަތަ ގާނޫނެއް ނެތް ނަމަވެސް ފަތުރުވެރިކަމުގެ ދާއިރާގެ ސްޓޭކް ހޯލްޑަރުން އެކަމަށް އިސްކަން ދޭން ޖެހޭ ކަން ފާހަގަ ކުރެއްވިއެވެ. އަދި މިހާރު ގިނަ ތަންތަނުން އެގޮތަށް އަމަލު ކުރާ ކަމަށް ވެސް މައުސޫމް ފާހަގަ ކުރެއްވިއެވެ.

"ދިވެހި ރާއްޖެއަކީ ތިމާވެށީގެ މުހިންމުކަން އެންމެ ބޮޑަށް ދެނެގަންނަން ޖެހޭ ގައުމުކަން ފާހަގަ ކުރެވޭ. އެއީ ޓޫރިޒަމް ބިނާވެގެން ވަނީ ތިމާވެށީގެން ކަންތައްތަކަށް. އެހެންވީމަ ތިމާވެށި ރައްކާތެރި ކުރުން އެއީ އަޅުގަނޑުމެންނަށް ޗޮއިސްއެއް ނޫނޭ، މިހާރު އަޅުގަނޑުމެން ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް. އެގޮތަށް އަޅުގަނޑުމެންގެ ޕޮލިސީތައް ވެސް މިހުރީ،"
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

މައުސޫމް ވިދާޅުވީ ޕްލާސްޓިކް މައްސަލައަކީ މުޅި ދުނިޔެއަށް ދިމާވެފައި އޮތް މައްސަލައަކަށް ވާއިރު ރާއްޖޭގެ މިސްރާބު ވަރަށް ރަނގަޅު ކަމަށެވެ. އެގޮތުން، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހުގެ "ނެޓް ޒީރޯ 2030" ގެ ދަށުން ރާއްޖެއިން މުޅިން ހެން އެއްފަހަރާ ބޭނުންކޮށް އުކާލާ ޒާތުގެ ޕްލާސްޓިކް ނައްތާލެވޭނެ ކަމަށް ފާހަގަ ކުރެއްވިއެވެ.

ރާއްޖެއިން އެއްފަރާ ބޭނުންކޮށް އުކާލާ ޒާތުގެ ޕްލާސްޓިކާ ދުރަށްދާން ގިނަ ފިޔަވަޅުތަކެއް މިހާރު ވެސް ދަނީ އަޅަމުންނެވެ. އެގޮތުން، އޮފީސްތަކާއި ސްކޫލްތަކާއި ބައެއް ކުންފުނިތަކުގައި ވެސް ޕްލާސްޓިކް ބޭނުން ކުރުން ވަނީ ވަރަށް ބޮޑަށް މަދުކޮށްފައެވެ.

ޔޫއެންޑަބްލިއުޓީއޯއިން މިހާރު ކުރިއަށްގެންދާ މަޝްވަރާ ބައްދަލުވުންތަކުގައި މައިގަނޑު ހަތަރު ކަމަކަށް މަޝްވަރާ ކުރަމުން އަންނަ ކަމަށް ވެސް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ. އޭގެ ތެރޭގައި ތިމާވެށި ރައްކާތެރި ކުރުމާއި އެންމެން ގުޅިގެން މަސައްކަތް ކުރުމާއި އަންހެނުން ބާރުވެރި ކުރުވުމާއި އުފެއްދުންތެރި ޒުވާނުން ތަމްރީން ކުރުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރިއަށްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްވަރާ ބައްދަލުވުންތަކުގައި އ.ދ. މެމްބަރު ގިނަ އަދަދެއްގެ ގައުމުތަކުން ބައިވެރިވެއެވެ.

- ކޮމެންޓް