ކ. މާލެ
|
5 މެއި 2022 | ބުރާސްފަތި 19:03
އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން
އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން
ރާއްޖެއެމްވީ
މަގޭ ރިޕޯޓް
މަސް ދާނީ ފެން އޮތް ދިމާއަކަށެވެ.
 
މިހާރު ހިނގަމުން މިދާ ރިޔާސީ ދައުރުގައި ހާސިލުކުރަން އަދި ވަރަށް ގިނަ ކަންކަން އެބަހުރިކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވި
 
ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން، ރައީސް ސާލިހު ތާއީދުކުރައްވާ ކެންޑިޑޭޓް ފައްޔާޒު އިސްމާއީލަށް ތާއީދުކުރައްވާކަން ހާމަވި
 
ދެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ބޭފުޅުންވެސް އެއްބަޔަކު އަނެއްބަޔަކަށް ނުގޮވާ އެއްޗެއް ނެތް

"މަސް ދާނީ ފެން އޮތް ދިމާއަކަށެވެ." މިއީ އާންމުކޮށް ދިވެހިންގެ ތެރޭގައި ބޭނުންކޮށް އުޅޭ އަދަބީބަހެކެވެ. މި ބަސް ބޭނުންކޮށް އުޅެނީ ކޮންމެ ކަމެއް ކޮންމެ ގޮތަކަށް އޮތް ނަމަވެސް އެމީހަކަށް ފަސޭހައިން ކަމެއް ވާން އޮންނަ ފަރާތަކަށް ނުވަތަ އެމީހަކަށް އެވަގުތަށް ފައިދާ ވާނެ ދިމާއަކަށް ދާ ދިޔުމަށް ނިސްބަތްކޮށެވެ. ރާއްޖޭގެ ސިޔާސީ މަސްރަހުވެސް އޮންނަނީ މިފަދަ ގޮތަކަށެވެ. އެއިރަކު ވެރިކަމުގައި އޮންނަ ޕާޓީއަކަށް ތާއީދުކޮށް އެ ޕާޓީއަކާ އެއްކޮޅަށް އަރާ ސިޔާސީ މީހުން މަދެއް ނޫނުވެ. ރާއްޖޭގެ ޑިމޮކްރެސީގެ ކުރު ހަޔާތުގައި މިފަދަ އެތައް މަންޒަރެއް ފެނެއެވެ. އެއް ދުވަހު ހިތުހުރި އެއްޗެއް ގޮވުމަށްފަހު އަނެއް ދުވަހު އިރުއަރާއިރު, ލިބޭ މަގާމާއި މަންފާއާއެކު ރާގު ބަދަލުވެއެވެ.

މިފަދަ މިސާލުތައް ކިޔަން ފަށައިފި ނަމަ ލިސްޓް ވަރަށް ދިގުވާނެއެވެ. އެހެންކަމުން އެ ލިސްޓް ބާއްވާލާނަމެވެ. މިހާރު ދައްކަން މި އުޅެނީ ފޯރިއާއެކު ކުރިއަށްދާ އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގެ ފޯރީގައި ހިނގާ ޝައުވެރި ކަންކަމުގެ ވާހަކައެވެ. މި އިންތިޚާބުގައި ޕާޓީގެ ތެރޭގައި ދެ ފެކްޝަނެއް އޮތްކަމީ ހަގީގަތެކެވެ. ޕާޓީގެ އިސް ބޭފުޅުންގެ ސޯޝަލް މީޑިއާ އެކައުންޓުތައް ބަލާލުމުންވެސް މިކަން ވަރަށް ސާފުވާނެއެވެ.

އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންނަށް ތާއީދުކުރައްވާ ބޭފުޅުންވެސް އެއްބަޔަކު އަނެއްބަޔަކަށް ނުގޮވާ އެއްޗެއް ނެތެވެ. މިއީ ކެމްޕެއިންގެ ފޯރިއޭ ބުނެ މިކަންވެސް ނިންމާލެވިދާނެއެވެ. އެހެންނަމަވެސް މި ފޯރީގައި އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އެމްޑީޕީ އުފެދުނީއްސުރެ ރައީސް ނަޝީދުގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުން ރައީސް ސާލިހު ތާއީދު ކުރައްވާ ކެންޑިޑޭޓް ފައްޔާޒު އިސްމާއީލަށް ތާއީދު ކުރައްވާކަން ހާމަ ކުރެއްވުމުންނެވެ. މިކަންވީ ޚުދު ރައީސް ނަޝީދަށްވެސް ހައިރާންކަން ލިބިވަޑައިގަތް ކަމަކަށް ކަން އެމަނިކުފާނު ކުރެއްވި ޓްވީޓުން ވަރަށްވެސް ރަނގަޅަށް ހާމަވެއެވެ. އެމްޑީޕީ އުފެދުނީއްސުރެ ރައީސް ނަޝީދުގެ ފިކުރަށް ތާއީދު ކުރައްވައިގެން ހުންނެވި އެންވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ, ފައްޔާޒު އިސްމާއީލަށް ތާއީދު ކުރައްވާކަން ހާމަކުރެއްވުމާއެކު ކޯފާވެވަޑައިގެން ރައީސް ނަޝީދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ, "މިނިސްޓަރ ޝައުނާގެ އަމިއްލަ ވަޒީފާގެ އެދުމަށް ފަހިކޮށް އެމްޑީޕީއަކީ ކޮބައިކަން ބަޔާން ކުރަން ނޫޅުއްވާ. އެމްޑީޕީގެ އާންމު މެމްބަރުންނަށް އެމްޑީޕީއަކީ ކޮބައިކަން ވަރަށް ސާފުވާނެ." މިހެންނެވެ.

މިނިސްޓަރ ޝައުނާ އާއްމުކުރެއްވި މެސެޖްގައި ވިދާޅުވެފައިވަނީ, މިހާރު ހިނގަމުން މިދާ ރިޔާސީ ދައުރުގައި އަދި ހާސިލުކުރަން ވަރަށް ގިނަ ކަންކަން އެބަހުރި ކަމަށެވެ. އެކަންކަން ހާސިލް ކުރަންޖެހޭނީ ޕާޓީއާއެކުގައި ކަމަށާއި, އަދި އެކަންކަން ވާނީ ފައްޔާޒާއެކު ކަމަށެވެ. އެމްޑީޕީއަކީ ރާއްޖޭގެ މުޅި ސިޔާސީ ހަޔާތް ބަދަލުކޮށްލި ޕާޓީއެއް ކަމަށާއި އަދި ރާއްޖޭގެ ރައްޔިތުންގެ އާންމު ދިރިއުޅުމުގެ ހާލަތުވެސް ބަދަލުކުރުމަށް މުހިންމު ސިޔާސަތުތަކެއް ކަނޑައަޅައިގެން މަސައްކަތްކުރާ ޕާޓީއެއް ކަމަށެވެ. 2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމުގަ މުހިންމު ކަންތައްތަކެއް ހާސިލުކުރެވުނުކަންވެސް ޝައުނާ ފާހަގަކުރެއްވިއެވެ.

ހެލްތު މިނިސްޓަރު އަހުމަދު ނަސީމްވެސް ވަނީ ފައްޔާޒަށް ތާއީދުކުރެއްވުމަށް ނިންމަވާފައެވެ. މިއީވެސް ގިނަ ބަޔަކަށް ހައިރާންކަން ގެނުވި ކަމެކެވެ. މިނިސްޓަރ ނަސީމަކީ ރައީސް ނަޝީދުގެ އާއިލީ ބޭފުޅެއްގެ އިތުރުން މިހާތަނަށްވެސް ރައީސް ނަޝީދުގެ ފިކުރާއެކު މިހާތަނަށް ސާބިތުވެ ހުންނެވި ބޭފުޅެކެވެ.

ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަކުރެއްވުމަކީވެސް ސިހުން ގެނުވި ކަމެކެވެ. ސަބަބަކީ ހިސާނަކީ ރައީސް ނަޝީދުގެ ގާނޫނީ ވަކީލުގެ އިތުރުން, އެމަނިކުފާނުގެ ވެރިކަމުގައި އެންމެ އަރިހުގައި މަސައްކަތް ކުރެއްވި ބޭފުޅުންގެ ތެރެއިން އެއްބޭފުޅާވެސްމެއެވެ.

މި ބޭފުޅުންނަކީ ރައީސް ނަޝީދު ތާއީދު ކުރައްވާ ކެންޑިޑޭޓަކަށް ތާއީދު ކުރައްވާނެ ބޭފުޅުންކަމަށް ގަބޫލު ކުރެވިފައި އޮތްނަމަވެސް އެހެނެއް ނުވިއެވެ. މިއީ ރާއްޖޭގެ ސިޔާސީ މަސްރަހުގައި އާންމުގޮތެއްގައި ކަން ހިނގާ ގޮތެކެވެ. މިހަގީގަތް ގަބޫލު ކުރުން ނޫން ގޮތެއް ނެތެވެ. މާދަމާ މި ނިންމުންތައް ބަދަލުވެސް ވެދާނެއެވެ.

ކޮމެންޓް
ގުޅުންހުރި
މެއި 6ގައި ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ ޝަރީއަތް އަވަސްކުރުމަށް އަސްލަމް ގޮވާލައްވައިފި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
ރާއްޖޭގެ ކުރިމަގަށް ކުރީގެ ރައީސް ސާލިހާއި ކުރީގެ ރައީސް ނަޝީދު އެކުގައި މަސައްކަތް ކުރައްވަންޖެހޭ: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ