އޭޕްރިލް މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް، ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީއެސްއައިޕީ)އަށް 1.8 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ.
މިއަހަރުގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 6.3 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، ފާއިތުވި އަހަރުގެ މި މުއްދަތުގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ސަރުކާރުން ޚަރަދުކޮށްފައިވަނީ 952.6 މިލިއަން ރުފިޔާއެވެ.
ޚަރަދުކޮށްފައިވާ ދާއިރާތަކަށް ބަލާއިރު، ދަތުރުފަތުރުގެ އެކި މަޝްރޫއުތަކަށް 3 ލައްކަ ރުފިޔާ، ބަނދަރުގެ އެކި މަޝްރޫއުތަކަށް 235.2 މިލިއަން ރުފިޔާ، އެއަރޕޯޓްގެ އެކި މަޝްރޫއުތަކަށް 22.3 މިލިއަން ރުފިޔާ، އަދި ބްރިޖުގެ މަޝްރޫއުތަކަށް 248 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
މީގެ އިތުރުން ތައުލީމީ އެކި މަޝްރޫއުތަކަށް ޕީއެސްއައިޕީ ބަޖެޓުން 113.3 މިލިއަން ރުފިޔާ، ތިމާވެށި ހިމާޔަތްކުރުމުގެ އެކި މަޝްރޫއުތަކަށް 228.3 މިލިއަން ރުފިޔާ، ފެނާއި ނަރުދަމާގެ އެކި މަޝްރޫއުތަކަށް 333.3 މިލިއަން ރުފިޔާ، ސިއްހީ އެކި މަޝްރޫއުތަކަށް 60.8 މިލިއަން ރުފިޔާ، ނެޝަނަލް ސެކިއުރިޓީ އެންޑް ޕަބްލިކް އޯޑަރގެ އެކި މަޝްރޫއުތަކަށް 13.3 މިލިއަން ޚަރަދުކޮށްފައިވެއެވެ.
އޮފީސް އިމާރާތްތަކަށާއި ކައުންސިލްތަކަށް 46.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު، އިމާރާތްކުރުމުގެ އެކި މަޝްރޫއުތަކަށް 171 މިލިއަން ރުފިޔާ، ބިން ހިއްކުމާއި މަގު ހެދުމަށް 266 މިލިއަން ރުފިޔާ، އަދި މަސްވެރިކަމާއި ދަނޑުވެރިކަަމުގެ އެކި މަޝްރޫއުތަކަށް 2.2 މިލިއަން ރުފިޔާވަނީ ހޭދަކޮށްފައެވެ.
ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް 21 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރުން ވަނީ 11.2 ބިލިއަން ރުފިޔާ ޚަރަދުކޮށްފައެވެ. އޭގެ ތެރޭގައި ލޯނު ރިޕޭމަންޓްގެ ގޮތުުގައި މިހާތަނަށް ޚަރަދުކުރި 681.1 މިލިއަން ރުފިޔާ ހިމެނެއެވެ. އަހަރުގެ މިހާތަނަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 8.5 ބިލިއަން ރުފިޔާއެވެ.