މިއަހަރުގެ ރަމަޟާން މަހު އުމްރާގެ އަޅުކަން އަދާ ކުރަން ދިޔަ އުމްރާވެރިން އެނބުރި އަންނަން ފަށައިފިއެވެ.
ރާއްޖޭން ކޮންމެ އަހަރެއްގެ ވެސް ރަމަޟާން މަހާ ދިމާކޮށް ގިނަ އަދަދެއްގެ މީހުން އުމްރާއަށް ދެއެވެ. މިއަހަރުވެސް ގިނަ ބަޔަކު އުމްރާގެ އަޅުކަން އަދާ ކުރަން ގޮސްފައިވާއިރު އުމްރާވެރިން އެނބުރި އަންނަން ފަށާފައިވަނީ އަންގާރަ ދުވަހުން ފެށިގެންނެވެ.
މިއަަހަރުގެ ރޯދަ މަހާ ދިމާކޮށް ސައުދީން ވަނީ ކޮވިޑް-19 އާ ގުޅިގެން އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ވެސް ލުއިތަކެއްދީފައެވެ. އެގޮތުން، އެ ގައުމަށް ދާއިރު ޕީސީއާރް ޓެސްޓް ހެދުމާއި ބޭރުގައި އުޅޭއިރު މާސްކު އެޅުން ފަދަ ފިޔަވަޅުތައް ވަނީ އުވާލައިފައެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ފުރަތަމަ ފަހަރަށް މައްކާގެ ހަރަމްފުޅުގައި ބޮޑުޖަމާއަތުގައި ޢީދު ނާމާދުވެސް ވަނީ ކޮށްފައެވެ. އެ ޖަމާއަދުގައި ގިނަ އަދަދެއްގެ ދިވެހިން ވެސް ބައިވެރިވިއެވެ.
ރާއްޖެއެމްވީއަށް މައުލޫމަތު ލިބިފައިވާ ގޮތުގައި ބައެއް އުމްރާވެރިން އެނބުރި ރާއްުޖެ އަންނާނީ ޝައްވާލު މަހުގެ ހަ ރޯދަ ނިންމާލުމަށް ފަހުއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން މިއަހަރުގެ މިހާތަނަށް ހަތަރު މިލިޔަނަށް ވުރެ ގިނަ މީހުން ވަނީ އުމްރާގެ އަޅުކަން އަދާ ކޮށްފައެވެ.