ކ. މާލެ
|
2 މެއި 2022 | ހޯމަ 20:56
ރައީސްގެ ދެކަނބަލުން މާފުށީގައި އީދު ފާހަގަކުރައްވަނީ
ރައީސްގެ ދެކަނބަލުން މާފުށީގައި އީދު ފާހަގަކުރައްވަނީ
ރައީސް އޮފީސް
ރައީސްގެ ދެކަނބަލުން އީދު ފާހަގަކުރުން
މާފުށީ ރައްޔިތުންނާއެކު ރައީސްގެ ދެކަނބަލުން ފިޠުރު ޢީދު ފާހަގަކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މާފުށީ ރައްޔިތުންގެ ފަރާތުން ދެއްވި ޢީދު ދުވަހުގެ ޚާއްޞަ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާފައި
މާފުށީ ކުޑަކުދިންގެ ޕާކުގައި ބޭއްވި "މާފަހިވަތި" ކުޑަކުދިންގެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެން ކުޑަކުދިންނާއެކު ވަގުތު ހޭދަކުރައްވާފައި

ފިޠުރު ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާލެއަތޮޅު މާފުށްޓަށް ވަޑައިގެން، މާފުށީ ރައްޔިތުންނާއެކު ފިޠުރު ޢީދުގެ އުފާ ފާޅުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މާފުށްޓަށް ވަޑައިގެންފައި މި ވަނީ މާފުށީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދަޢުވަތަކަށެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މާފުށީ ރައްޔިތުންގެ ފަރާތުން ދެއްވި ޢީދު ދުވަހުގެ ޚާއްޞަ މެންދުރުގެ ފަރިއްކޮޅެއްގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

މީގެ އިތުރުންވެސް މާފުށީ ކުޑަކުދިންގެ ޕާކުގައި ބޭއްވި "މާފަހިވަތި" ކުޑަކުދިންގެ ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެން ކުޑަކުދިންނާއެކު ވަގުތު ހޭދަކުރައްވާފައެވެ.

ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތައް އުވާލި ފަހުން މިހާ ކުލަގަދަކޮށް ރާއްޖޭގައި ޢީދު ފާހަގަކުރާ މިއީ ފުރަތަމަ ފަހަރެވެ.

މިއަހަރު އެންމެ ކުލަ ގަދަކޮށް ޢީދު ފާހަގަކުރާ އެއް ރަށަކީ މާފުއްޓެވެ. ޢީދު ފާހަގަކުރަން ގިނަ އަދަދެއްގެ މީހުން ވެސް ވަނީ އެ ރަށަށް ގޮސްފައެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިތުރު ޢީދާ ދިމާކޮށް މާފުށީގެ ހުރިހާ ގެސްޓުހައުސެއް އެއް ހަފްތާއަށް ވަނީ ފުރިފައެވެ.

ޢީދު ފާހަގަ ކުރަން ގިނަ ހަރަކާތްތަކެއް މާފުށީގައި ކުރިއަށްދާނެއެވެ. މި ހަރަކާތްތައް ފަށާފައިވަނީ ހޯމަ ދުވަހުގެ ހެނދުނު ބޮޑު ޖަމާއަތުގައި ބޭއްވި އީދު ނަމާދާއެކުގައެވެ.

މީގެ އިތުރުން ޢީދު ޝޯއެއްވެސް އެ ރަށުގައި އޮންނާނެއެވެ. މި ޝޯގައި ހަބޭސް ބޮޑު ބެރު ގްރޫޕުގެ ހަރަކާތްތަކާއި ޔާރާ ގްރޫޕުގެ ހަރަކާތްތައް ކުރިއަށްދާނެއެވެ. އެ ޝޯގައި ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

- ކޮމެންޓް