ކ. މާލެ
|
1 މެއި 2022 | އާދީއްތަ 16:06
ތައުލީމީ ދާއިރާގެ މުސާރައަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ތައުލީމީ ދާއިރާގެ މުސާރައަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރައީސް އޮފީސް
ތައުލީމީ ދާއިރާގެ މުސާރަ ބޮޑުކުރުން
ތައުލީމީ ދާއިރާގެ މުސާރައިގެ ބޮޑު ބަދަލަށް ނަޒަރެއް
 
މުޅި މި ދާއިރާގެ 8889 މުވައްޒަފުންނަށް ދައުލަތުން ބައި ބިލިއަނާ ގާތްކުރާ އަދަދަކަށް ޚަރަދުކުރާނެ
 
ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުން 3 ރޭންކަކަށް ބަހާލާފައިވޭ
 
މުސާރައިގެ އައު އޮނިގަނޑުގެ ތެރޭގައި ހިމެނިގެން، 4 ފަންނެއްގެ މުސާރަ ބޮޑުކޮށްފައިވޭ

ތައުލީމީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާނުގައި ވެވަޑައިގެންނެވި ވައުދުފުޅާ އެއްގޮތަށް، މެއި މަހުން ފެށިގެން އެ ދާއިރާގެ މުސާރަ ބޮޑުކުރުމަށް ނިންމައި، ދައުލަތުގެ ކަމާބެހޭ އިދާރާތަކުން މިވަނީ އެކަމާގުޅޭ ތަފްސީލުތައް ހިއްސާކޮށްފައެވެ.

ދައުލަތުގެ މުސާރައިގެ އައު އޮނިގަނޑުގެ ތެރޭގައި ހިމެނިގެން 4 ފަންނެއްގެ މުސާރަ ބޮޑު ކޮށްފައިވާއިރު، އޭގެތެރޭގައި ހިމެނެނީ; ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުންނާއި ޓީޗަރުންނާއި އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންނެވެ.

އޭގެ އިތުރުންވެސް ތައުލީމީ ދާއިރާގެ އިދާރީ ފަރާތްތަކާއި އެހެނިހެން ވަޒީފާތަކަށް މިވަނީ 35 އިންސައްތައިގެ މުސާރައިގެ ކުރިއެރުމެއް އައިސްފައެވެ.

ޕްރިންސިޕަލުންނާއި ޑެޕިއުޓީ ޕްރިންސިޕަލުން:

ރާއްޖޭގެ ސްކޫލްތަކުގެ ޕްރިންސިޕަލުން 3 ރޭންކަކަށް ބަހާލާފައިވާއިރު، މިވަގުތު ރޭންކް 1ގެ 127 މުވައްޒަފުންނާއި ރޭންކް 2ގެ 48 މުވައްޒަފުން އެބަތިއްބެވެ. މިސާލެއްގެ ގޮތުން، ރޭންކް 1 ނުވަތަ އޮނިގަނޑު ލެވެލް 9 ގެ ޕްރިންސިޕަލަކަށް މުސާރައާއި އިނާޔަތްތަކާއެކު މިހާރު ގެއަށް ގެންދަން ލިބޭ މުސާރައަކީ 16،796 ކަމަށްވާނަމަ، މެއި މަހުން ފެށިގެން މުސާރައަށް މި އަންނަ ބަދަލުތަކާއެކު އޭނާގެ މުސާރަ 30،610ށް އިތުރުވެގެން ދެއެވެ.

ޕްރިންސިޕަލުންގެ މުސާރައަށް އަންނަ ބަދަލުތަކާއެކު، ދައުލަތުގެ ބަޖެޓުން 31 މިލިއަން ރުފިޔާ އިތުރަށް ޚަރަދުވާނެއެވެ.

ޑެޕިއުޓީ ޕްރިންސިޕަލުންނަށް ބަލާއިރު، އެ ފަންނުވެސް 3 ގިންތިއަކަށް ވަނީ ބަހާލާފައެވެ. އޭގެ ތެރެއިން އެންމެ ދަށް ރޭންކުގެ ޕްރިންސިޕަލަކަށް ބަލާއިރު، މިހާރު އޭނާ ގެއަށް ގެންދަން ލިބޭ މުސާރައަކީ 13،079 ރުފިޔާ ކަމަށްވާނަމަ، މެއި މަހުން ފެށިގެން އަންނަ ބަދަލުތަކާއެކު އޭނާގެ މުސާރަ 23،240ށް އިތުރުވެގެން ދެއެވެ.

މާނައަކީ އެންމެ ދަށް ރޭންކަށް ބަލާއިރުވެސް މި އަންނަނީ 78 އިންސައްތައިގެ ކުރިއެރުމެކެވެ.

ތައުލީމީ ދާއިރާގެ މުސާރައިގެ ބޮޑު ބަދަލަށް ނަޒަރެއް - ޕެންޝަން އޮފީސް

ޓީޗަރުން:

ޓީޗަރުންގެ މުސާރައަށް މި އައި ބޮޑު ބަދަލަކީ އެތައް އަހަރެއްގެ ދިގު އިންތިޒާރެއްގެ ނަތީޖާއެވެ. ޓީޗަރުންނަށް ބަލާއިރު، 5 ރޭންކަކަށް ވަނީ ބަހާލާފައެވެ.

އޭގެ ތެރެއިން ޑިޕްލޮމާ ފެންވަރުގެ ޓީޗަރެއްގެ މުސާރަ 10،000ން 13،000ށް އިތުރުވެގެންދާއިރު، ޑިގްރީ ފެންވަރުގެ ޓީޗަރުންގެ މުސާރަ 13،000ން 19،000ށް ބޮޑުވެގެންދެއެވެ.

އޭގެ އިތުރުން، މާސްޓަރސް ފެންވަރުގެ ޓީޗަރުންގެ މުސާރަ 15،000ން 20،000ށް އިތުރުވެގެންދެއެވެ.

ޓީޗަރުންގެ މުސާރައަށް މި އައި ބޮޑު ބަދަލުގެ އަސަރު ރާއްޖޭގައި މަސައްކަތްކުރާ 6815 ޓީޗަރުންގެ މުސާރައިން ފެންނައިރު، އެއީ އެތައް އާއިލާއަކަށްވެސް ލިބިގެންދާނެ އުފާވެރިކަމަކަށް ނޫނީ ނުވާނެއެވެ.

އެހެންނަމަވެސް، ޓީޗަރުންގެ މުސާރައަށް އަންނަ މި ބަދަލުތަކުގެ ތެރޭގައި ބިދޭސީ މުވައްޒަފުން ނުހިމެނޭނެކަމަށް އާދިއްތަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ ވިދާޅުވިއެވެ. ސަަބަބަކީ އެއީ ވަކި އެއްބަސްވުމެއްގެ ދަށުން ދައުލަތުގެ ކަމާގުޅުންހުރި ވުޒާރާއާއެކު އެގްރީމަންޓުވެ ރާއްޖޭގައި ވަޒީފާ އަދާކުރާ ފަރާތްތަކަކަށްވާތީއެވެ.

ބިދޭސީ މުވައްޒަފުން ވަޒީފާގަ މި ތިބެނީ އަޅުގަނޑުމެންނާއެކު ވެވޭ ވަކި ކޮންޓްރެކްޓެއްގެ ދަށުން. އެހެންވީމަ އެބޭފުޅުންގެ މުސާރަ މީގެ ތެރޭގަ ނުހިމެނޭނެ
އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު އަލީ
ތައުލީމީ ދާއިރާގެ މުސާރައިގެ ބޮޑު ބަދަލަށް ނަޒަރެއް - ޕެންޝަން އޮފީސް

ޓީޗަރުންގެ މުސާރައަށް ގެންނަ ބަދަލުތަކާއެކު، 419 މިލިއަން ރުފިޔާ ޓީޗަރުންނަށް އިތުރަށް އެބަ ޚަރަދުވެއެވެ. އެހެންނަމަވެސް، ޓީޗަރުން ކުރާ އަގުހުރި މަސައްކަތުގެ ހައްގު މިންވަރު ފޯރުކޮށްދެވުމަކީ ސަރުކާރުގެ ވައުދެއްކަމުން، މިއީ އެކަމަށް ކޮށުނު ފުރަތަމަ މަގުކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮފެޝަނަލަސް:

އެޑިއުކޭޝަނަލް ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުންނަކީ ތައުލީމީ ދާއިރާގެ ކަރިކިއުލަމް ބިނާކުރުމާއި، ސިޔާސަތުތައް ބައްޓަންކުރުމުގައި މުހިއްމު ރޯލެއް އަދާކުރާ ބައެކެވެ. އެ ފަރާތްތަކުގެ މުސާރަވެސް އައު ފްރޭމްވަރކުގައި ހިމެނިގެންދާއިރު، ދައުލަތުގެ ބަޖެޓުން 10 މިލިއަނަށްވުރެ ގިނަ ރުފިޔާ އެކަމަށް ހޭދަވެއެވެ.

ތައުލީމީ ދާއިރާގެ މުސާރައަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ރައީސް އޮފީސް

ދެން ހިމެނެނީ އިދާރީ އެހެން މުވައްޒަފުންނެވެ. އެކައުންޓެންޓުންނާއި ހިއުމަން ރިސޯސް އޮފިސަރުން ފަދަ ތައުލީމީ ދާއިރާގެ އެހެން މުވައްޒަފުންވެސް އޭގެ ތެރޭގައި ހިމެނޭއިރު، އެ ފަރާތްތަކުގެ މުސާރައަށްވެސް 35 އިންސައްތައިގެ ކުރިއެރުމެއް އާދެއެވެ.

މެއި މަހުން ފެށިގެން އެ ފަރާތްތަކުގެ މުސާރަވެސް ބަދަލުވެގެންދާއިރު، މުޅި މި ދާއިރާގެ 8889 މުވައްޒަފުންނަށް ދައުލަތުން ބައި ބިލިއަނާ ގާތްކުރާ އަދަދަކަށް ޚަރަދުކުރަން މި ނިންމި ނިންމުމުން ދޭހަވަނީ، ތައުލީމީ ދާއިރާއަށް މި ސަރުކާރުން ދޭ އަހައްމިއްޔަތުކަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
20%
40%
0%
20%
0%
20%
ކޮމެންޓް