ކ. މާލެ
|
27 އޭޕްރިލް 2022 | ބުދަ 22:19
ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކޮށްދިން މާޓިން ކޫޕްމަން
ރާއްޖޭގެ ގައުމީ ޓީމަށް ކޯޗުކޮށްދިން މާޓިން ކޫޕްމަން
އެފްއޭއެމް
ކޫޕްމަން ގައުމީ ކޯޗުކަމުން ވަކިކުރި މައްސަލަ
ކޫޕްމަން، ފީފާއަށް ރާއްޖޭގެ އެފްއޭގެ މައްސަލަ ހުށަހަޅައިފި!
ކޫޕްމަން ބުނީ އޭނާ ރާއްޖެއާމެދު ޚާއްސަ ޝައުގުވެރިކަމެއް ހުރިކަމަށް
ލޯޔަރުން މެދުވެރިކޮށް ފީފާއަށް މައްސަލަ ހުށަހެޅުމަށްފަހު ބުނީ، ހައްގު ލިބޭނެކަމަށް އުއްމީދުކުރާކަމަށް
ކޫޕްމަންއަކީ ގައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން އެންމެ މަދު މެޗަށްފަހު މަގާމު ގެއްލުނު ކޯޗު

އެއްބަސްވުމަށް އިހުތިރާމްކުރުމުގެ ޔަގީންކަން ދަމަހައްޓަންކަމަށްބުނެ، ގައުމީ ފުޓްބޯޅަ ޓީމްގެ ކުރީގެ ކޯޗު މާޓިން ކޫޕްމަން ފީފާއަށް ރާއްޖޭގެ އެއްއޭގެ މައްސަލަ ހުށަހަޅައިފިއެވެ.

އޭނާ މައްސަލަ ހުށަހެޅީ ކޮވިޑްގެ އެންމެ އުނދަގޫ ވަގުތު އޭނާގެ އެއްބަސްވުން އެފްއޭއެމްއިން ބާތިލްކުރުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ. ކޫޕްމަންގެ އެއްބަސްވުން އެފްއޭއެމްއިން ނިމުމަކަށް ގެނައީ ކޮވިޑާއެކު ފުޓްބޯޅައިގެ ހަރަކާތްތައް ހުއްޓިފައިވަނިކޮށެވެ. ކޫޕްމަން ބުނީ އޭނާ ރާއްޖެއާމެދު ޚާއްސަ ޝައުޤުވެރިކަމެއް ހުރިކަމަށާއި، އެކަމަކު އޭނާ ދާންބޭނުންވާ ހިސާބަށް ދާން ފުރުސަތު ނުލިބުނުކަމަށެވެ. ލޯޔަރުން މެދުވެރިކޮށް ފީފާއަށް މައްސަލަ ހުށަހެޅުމަށްފަހު އޭނާ ބުނީ، ހައްގު ލިބޭނެކަމަށް އުއްމީދުކުރާކަމަށެވެ.

ގައުމީ ޓީމުގެ ކޯޗުކަމާ 2020 ވަނަ އަހަރު ޖެނުއަރީ މަހު ހަވާލުވި ކޫޕްމަންއަށް ރަސްމީ މެޗެއް ނުލިބެނީސް މިދިޔަ އަހަރުގެ ކުރީކޮޅުގައި އޭނާއަށް ވަނީ އިތުރު ތިން އަހަރުގެ ކޮންޓްރެކްޓެއް ދީފައެވެ. އޭރު ކޫޕްމަންގެ އިރުޝާދުގެ ދަށުން ގައުމީ ޓީމަށް ކުޅެވުނީ ތިން މެޗެވެ. އެއީ މިދިޔަ އަހަރުގެ ޖުލައި މަހު ސެންޓްރަލައިޒްކޮށް ކުޅުނު ފީފާ ވޯލްޑް ކަޕް ކޮލިފައިންގެ ތިން މެޗެވެ.

ކޮލިފައިންގައި ސީރިއާ އަތުން 4-0ގެ ނަތީޖާއަކުން ރާއްޖެ ބަލިވިއިރު، ޗައިނާ އަތުން ރާއްޖެ ބަލިވީ 5-0ގެ ނަތީޖާއަކުންނެވެ. އެކަމަކު ކޮލިފައިންގެ ފަހު މެޗުން ރާއްޖެ ވަނީ ފިލިޕީންސްއާ 1-1ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ. މިއީ ތާރީޚުގައި ފިލިޕީންސް އަތުން ރާއްޖެއަށް ލިބުނު ފުރަތަމަ ޕޮއިންޓެވެ. ކޫޕްމަންއަކީ ގައުމީ ޓީމާ ހަވާލުވި ކޯޗުންގެ ތެރެއިން އެންމެ މަދު މެޗަށްފަހު މަގާމު ގެއްލުނު ކޯޗެވެ.

ކޫޕްމަނުގެ އެއްބަސްވުން އުވާލިއިރު ޖެނެލަރް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ، ކޫޕްމަންއާއެކު އެސިސްޓަންޓް ކޯޗުގެ ގޮތުގައި ހަރަކާތްތެރިވަމުން އައި ނެދަލެންޑްސްގެ ރެނޭ ހިޑިންކްގެ އެއްބަސްވުންވެސް މީގެ ތިން މަސް ކުރިން ދެ ފަރާތް އެއްބަސްވެގެން އުވާލާފައިވާ ކަމަށެވެ. ހިޑިންކް މީގެ ކުރިން ވަނީ 23 އަހަރުގެ ދަށުގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމާވެސް ހަވާލުވެފައެވެ.

ކޫޕްމަންގެ އެސިސްޓެންޓެއްގެ ގޮތުގައި ގައުމީ ޓީމުގައި މަސައްކަތްކުރި ނެދަލެންޑްސްގެ ރެނޭ ހިޑިންކް ވެސް ވަނީ އެފްއޭއެމާ ދެކޮޅަށް ފީފާގައި މައްސަލަ ކުރިއަށް ގެންގޮސްފައެވެ. އެސިސްޓެންޓް ކޯޗުކަމުގެ މަގާމުން އޭނާ ވަކިކުރި ގޮތް ފީފާ ޓްރައިބިއުނަލްއިން ބެލުމަށްފަހު، އެފްއޭއެމްއިން ހިޑިންކަށް 2.9 މިލިއަން ރުފިޔާ (187,375 ޑޮލަރު) ދެއްކުމަށް ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ވަނީ އަންގާފައެވެ.

- ކޮމެންޓް