ބާރ އިމްތިހާނަށް ހޭދަވާ ފައިސާގެ އިތުރު ތަފްސީލް ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބާރ ކައުންސިލްގައި އެދިއްޖެއެވެ.
ކޮމިޓީން މިހެން އެދިފައިވަނީ، ބާރ އިމްތިހާނުގައި ބައިވެރިވުމުގެ ފީއެއްގެ ގޮތުގައި 10،000 (ދިހަހާސް) ރުފިޔާ ބާރ ކައުންސިލުން ކަނޑައަޅުއްވާފައިވާތީ، ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު އުޝާމް ފޮނުއްވާފައިވާ ސިޓީއާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުގައެވެ.
މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ، މި އިމްތިހާނު ފަރުމާކޮށް ކުރިއަށް ގެންދިޔުމަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް ކަނޑައެޅިފައި އޮތުމުން އެކަމާ ކަން ބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ސިރާޖް ވިދާޅުވީ، ބާރ އިމްތިހާނު ފަރުމާކޮށް، ޑިވެލޮޕްކުރުމަށް އެކަނޑައަޅައިފައިވާ ފަރާތަށް ޚަރަދުވާނެ ކަމަށް ބާރ ކައުންސިލުން ބުނެފައިވާ 6،168،000 (ހަ މިލިއަން އެއްލައްކަ ފަސްދޮޅަސް އަށް ހާސް) ރުފިޔާ އަކީ ބޮޑު އަދަދެއް ކަމަށެވެ.
ރިކަރަންޓް ޚަރަދުގެ ގޮތުގައި 2 މިލިއަނެއްހާ ރުފިޔާ ޚަރަދުވާނެ ކަމަށާއި އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި ހަތަރުލައްކަ ފަންސާސް ހަ ހާސް ކޮންމެވެސް ވަރެއް ޚަރަދުވާނެ ކަމަށް ބާރ ކައުންސިލުން ވަނީ ކޮމިޓީއަށް މައުލޫމާތު ދީފައެވެ.
ސިރާޖު ވިދާޅުވީ، އިނގިރޭސިވިލާތުގެ ބަޔަކާ ހަވާލުކޮށްގެން މި އެގްޒާމް ހަދާއިރު، ރާއްޖޭގައި ހަދާ ބާރ އެގްޒާމެއްގެ ބޭނުމަކީ މި ރާއްޖޭގައި ކޯޓުތަކުގައި ވަކާލާތުކުރަން ހުއްދަ ދިނުން ކަމަށެވެ. އެ ކަން ޔަޤީންކުރުމުގެ ބޭނުމުގައި ދޭ އެގްޒާމަކަށްވާއިރު ރާއްޖޭގައި ހުރިހާ ގާނޫނުތަކެއް ވެސް ހުރީ ދިވެހިން ކަމަށެވެ. އިނގިރޭސި ބަހަށް ތަރުޖަމާކޮށްފައި ހުރީ ވަރަށް މަދު އެއްޗެއް ކަމަަށެވެ. އެހެންކަމުން، ބޭރު ބަޔަކާ ހަވާލުކޮށްގެން 6 މިލިއަން ރުފިޔާ ދީގެން މިކަން ކުރަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށް ސިރާޖް ވިދާޅުވިއެވެ. އެހެންކަމުން މި ފައިސާގެ އިތުރު ތަފްސީލް ބޭނުންވާކަމަށް ސިރާޖު ވިދާޅުވިއެވެ.
ސިރާޖް ވިދާޅުވީ، މިހާ ބައިވަރު ފައިސާ ވަކި ބަޔަކަށް އެގޮތަށް ދޫކުރާއިރުގައި މި ކަން، މި ޕާޓީ ސިލެކްޓުކުރި ގޮތެއްވެސް ސާފުވާން ޖެހޭ ކަމަަށެވެ. ސިރާޖު ވިދާޅުވީ، ދިވެހިރާއްޖޭގައި މި ކަން ކުރެވޭނެ ހަމަ ރަނގަޅު މޮޅެތި ބޭފުޅުން ތިއްބަވާނެ ކަަމަށް ގަބޫލު ކުރެވޭ ކަމަށެވެ.