ކ. މާލެ
|
26 އޭޕްރިލް 2022 | އަންގާރަ 08:19
ކޮވިޑް-19 ގެ ހާލަތުގައި މާލޭގެ މަގުމަތި
ކޮވިޑް-19 ގެ ހާލަތުގައި މާލޭގެ މަގުމަތި
ހެލްތު ޕްރޮޓެކްޝަން އެޖެންސީ
ދަރުމަވެރިންގެ މަސައްކަތް
ދިމާވި ކޮންމެ ކަމެއްގައި އެންމެ ކުރީގައި ވޮލަންޓިއަރުން
ކޮވިޑް-19ގެ ހާލަތުގައި ދަރުމަވެރިކަމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުތް
މިވީ ދެ އަހަރުތެރޭ ދިވެހިންނަށް ވަނީ ގިނަ ކަންތައްތަކެއް ތަޖުރިބާކުރަން ޖެހިފައި
މި މުއްދަތުގައި ދަރުމަވެރިން ކުރި ބުރަ މަސައްކަތަށް ޝުކުރު ހައްގު

ބަޔަކާ ކުރިމަތިލާންޖެހޭ ކޮންމެ ކަމަކުންވެސް އަރައިގަނެވެނީ ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުންނެވެ. ދައުލަތާއި ރައްޔިތުން ގުޅިގެން ކުރާ މަސައްކަތަކީ މިއިން ކޮންމެ ކަމަކުންވެސް އަރައިގަތުމަށް ކުރާ މަސައްކަތަށް ވަރަށް ބޮޑު ލުއިކަމެއް ގެނެސްދޭ ކަމެކެވެ. އާންމުންގެ ތެރެއިންވެސް ޚާއްސަ ބައެއް ފާހަގަކޮށްލެވެއެވެ. އެއީ ވޮލެންޓިއަރުން ނުވަތަ ދަރުމަވެރިންނެވެ.

ކޮވިޑް-19ގެ ހާލަތުގައި ރާއްޖެއިން 2 އަހަރު ހޭދަކޮށްފައިވާއިރު މި މުއްދަތުގައިވެސް ދަރުމަވެރިން ވަނީ ވަރަށް މުހިންމު މަސައްކަތްތަކެއް ކޮށްދީފައެވެ. މީގެ ކުރިން ދުވަހަކުވެސް ކުރިމަތިލާން ޖެހިފައި ނުވާވަރުގެ ބޮޑު ކަމަކުން އަރައިގަތުމަށް މުޖުތަމައުގެ ވަރަށް ބޮޑު އެހީތެރިކަމެއް ބޭނުންވިއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ މަސައްކަތްތަކަށް އާންމުންގެ އެހީތެރިކަން ހޯދުމަށް ހުޅުވާލުމުން ގިނަ ބަޔަކު ވަނީ ދަރުމަވެރިންގެ ގޮތުގައި މި މަސައްކަތާ ގުޅިފައެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކާ ހަމައަށް އަންނަންދެން މި މަސައްކަތުގައި ދެމިތިބި މީހުން މަދެއް ނޫނެވެ.

ދަރުމަވެރިން ހޯދުމަށް ހުޅުވާލުމުން ސަރުކާރުގެ އިދާރާތަކުގައި މަސައްކަތްކުރާ މީހުންނާއި، ގިނަ އަދަދެއްގެ ކިޔަވާ ކުދިންވެސް ވަނީ މި މަސައްކަތަށް ނިކުމެފައެވެ. މިގޮތުން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ކޯލް ސެންޓަރުގެ މަސައްކަތާއި، އިދާރީ މަސައްކަތްތަކުގެ އިތުރުން ސާމްޕަލް ނެގުމާއި، ސާމްޕަލް ޓެސްޓު ކުރުމުގެ މަސައްކަތުގައި ދަރުމަވެރިން މަސައްކަތްކޮށްފައިވެއެވެ.

މިވީ ދެ އަހަރު ދުވަހުގެ ތެރޭގައި ކޮވިޑް-19ގެ ހާލަތުން އަރައިގަތުމުގައި ދަރުމަވެރިންގެ ހިއްސާ ވަރަށްވެސް ބޮޑެވެ. އާއިލާއާއި ދުރުގައި އެތައް ދުވަހެއް ވަންދެން ތިބެގެން ދަރުމަވެރިން އެ ކޮށްދިން މުހިންމު މަސައްކަތް ބަލައިގަނެ ފާހަގަކުރަން ޖެހެއެވެ. ކޮންމެ ދަނޑިވަޅެއްގައިވެސް ދަރުމަވެރިންގެ އެހީތެރިކަން ބޭނުންވެއްޖެނަމަ އެ އެހީއެއް ލިބޭނެކަން މިއަދު މިވަނީ ވަރަށް ސާފުކޮށް އެނގިފައެވެ.

ވޮލެންޓިއަރުންނަކީ މާތް މަގުސަދެއްގައި މުޖުތަމައަށާއި ގައުމަށް ދިމާވާ ދަތިތަކުން އަރައިގަތުމަށް ގައުމީ ޒިންމާއެއް ނުވަތަ ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން ފައިސާގެ ދަހިވެތިކަން ދޫކޮށް މަސައްކަތް ކުރާ ބަޔެކެވެ. މިއީ އިންސާނީ ޚިދުމަތެކެވެ. އެދުމެއް ނެތި ހެޔޮ ހިތުންކުރާ އިންސާނީ ޚިދުމަތަށްވުރެ ވަކިން އަގުބޮޑު ޚިދުމަތެއް ނޯންނާނެއެވެ.

- ކޮމެންޓް