ކ. މާލެ
|
24 އޭޕްރިލް 2022 | އާދީއްތަ 13:41
ވެލާނާ އިންޓަަރނޭޝަނަލް އެއާރޕޯޓު
ވެލާނާ އިންޓަަރނޭޝަނަލް އެއާރޕޯޓު
ވެލާނާ އެއާޕޯޓް
އެއިރޯފްލޮޓުގެ ދަތުރުތައް ފެށުން
އަންނަ މަހުގެ 14 ގައި އެއިރޯފްލޮޓުގެ ދަތުރުތައް ފަށަނީ
އަހަރު ފެށުނުއިރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަމުން ދިޔައީ ރަޝިޔާއިން
އެއިރޯފްލޮޓުގެ ދަތުރުތައް ފެށުމަށް މިހާރު ވަނީ ފައިލްކޮށްފައި
މިހާރު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަމުންދަނީ އިނގެރޭސިވިލާތުން

އަންނަ މެއި މަހުގެ 14 އިން ފެށިގެން ރަޝިޔާގެ އެއިރޯފްލޮޓުގެ ދަތުރުތައް ފަށާނެ ކަމަށް މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފިއެވެ.

ރަޝިޔާއާއި ޔުކްރެއިނާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ގިނަ ޤައުމުތަކަކުން ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމުން، އެއިރޯފްލޮޓުން ވަނީ ބައިންލައަގުވާމީ ދަތުރުތައް ކުރުން މެދުކަނޑާލާފައެވެ. އެހެންނަމަވެސް ރާއްޖެއިން މިފަދަ ދަތިކުރުމުގެ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އެއިރޯފްލޮޓަކީ ގިނަ އަދަދެއްގެ ފަތުރުވެރިންނާއެކު ރާއްޖެއަށްވެސް ދަތުރުކުރާ އެއާލައިނެކެވެ.

އެއިރޯފްލޮޓުން ރާއްޖެއަށް ކުރަމުން އައި ދަތުރުތައް ހުއްޓާލި ހިސާބުން ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދިޔައީ މަދުވަމުންނެވެ. މީގެ ކުރިން ފަތުރުވެރިން ރާއްޖެ އަންނަ މާކެޓުތަކުގެ ތެރެއިން ޓޮޕް މާކެޓުގެ ގޮތުގައި ރަޝިޔާ އޮތްއިރު، ރަޝިޔާއިން ފަތުރުވެރިން އައުން ހުއްޓުނު ހިސާބުން ޓޮޕް މާކެޓަށް އެރީ އިނގެރޭސިވިލާތެވެ.

އަނެއްކާވެސް ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވާނެ ކަމުގެ ސިގުނަލް ވަނީ ލިބިފައެވެ. މިކަމާއި ގުޅިގެން އެމްއޭސީއެލްއިން "ރާއްޖެއެމްވީ" އަށް ވިދާޅުވީ އަންނަ މެއި މަހުގެ 14 އިން ފެށިގެން ރަޝިޔާގެ އެއިރޯފްލޮޓުގެ ދަތުރުތައް އަލުން ފަށަން ނިންމާފައިވާކަމަށެވެ. އެދުވަހަށް ދަތުރުތައް ޝެޑިއުލްކޮށްފައިވާކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މިއާއެކު ރާއްޖޭގެ ފަތުރުވެރިކަން ރަނގަޅުވެ، މިއަހަރު ގެނައުމަށް ސަރުކާރުން އަމާޒުހިފާފައިވާ އަދަދަށް ފަތުރުވެރިން ގެނެވޭނެ ކަމަށް ބެލެވެއެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން އަހަރުގެ މިހާތަނަށް 531،019 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. މިއީ 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 9.9 އިންސައްތަ ދަށް އަދަދެކެވެ. އަދި 2021 ވަނަ އަހަރާ އަޅާ ބަލާއިރު 46.4 އިންސައްތަ އިތުރު އަދަދެކެވެ. އޭޕްރީލް މަހުގެ 1 އިން 21 އަށް 99،508 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 55 އިންސައްތަ އިތުރު އަދެކެވެ. އަދި 2019 ވަނަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 6.4 އިންސައްތަ ދަށް އަދަދެކެވެ.

ރާއްޖޭގެ ފަތުރުވެރިކަން ފާއިތުވި އަހަރަށްވުރެ ރަނގަޅުވަމުން އަންނަކަން މި އަދަދުތަކުންވެސް އެނގެއެވެ. ވަކިން ޚާއްސަކޮށް ކޮވިޑް-19ގެ ކުރިން ފަތުރުވެރިން އަންނަމުންދިޔަ އަދަދާއި ކައިރިކުރަމުންދާކަން އެނގެއެވެ. އަދި މިހާރު ފަތުރުވެރިން ގެންދަނީ ގިނަ ދުވަހު ރާއްޖޭގައި މަޑުކުރަމުންނެވެ. މިހާރު 8 ދުވަހު ފަތުރުވެރިން ރާއްޖޭގައި މަޑުކުރަމުންދާއިރު 2019 ވަނަ އަހަރު ނިމުނުއިރު އެވަރޭޖްކޮށް ފަތުރުވެރިން ރާއްޖޭގައި މަޑުކޮށްފައިވަނީ 6 ދުވަހު ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓުގެ ގޮތުގައި އޮތް އިނގެރޭސިވިލާތުން އަހަރުގެ މިހާތަނަށް 69،808 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ދެވަނަ މާކެޓެއްގެ ގޮތުގައި މިހާރު އޮތީ އިންޑިޔާއެވެ. އިންޑިޔާއިން 59،404 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ރަޝިޔާ މާކެޓު މިހާރު ވެއްޓިފައިވަނީ ތިންވަނައަށެވެ. މީގެ އިތުރުން ޖަރުމަނު، އިޓަލީ، އެމެރިކާ، ފްރާންސް، ސްވިޒަރލޭންޑް، އޮސްޓްރިއާ އަދި ސައުދީ އަރަބިއާ ހިމެނެއެވެ.

މިވަގުތުވެސް ރާއްޖެއިން މަސައްކަތްކުރަމުންދަނީ އެހެން މަންޒިލްތަކުގެ މެދުގައި ރާއްޖެ އިޝްތިހާރުކުރުމަށެވެ. މިގޮތުން ރާއްޖެއިން ގެންދަނީ އެކި ގައުމުތަކުގައި ބާއްވާ ފެއާރތަކާއި، ރޯޑްޝޯވްތަކުގައި ބައިވެރިވަމުންނެވެ.

- ކޮމެންޓް