ރާއްޖެއިން މީހުން ޙައްޖަށް ފޮނުވުމަށް މިއަހަރު ލިބޭނީ 453 ކޯޓާ ކަމަށް ސައުދީ އަރަބިއްޔާ އިން ބުނެފިއެވެ.
މަސްޖިދުލް ޙަރަމްގެ ޓްވިޓާ އެކައުންޓުގައި ހޮނިހިރު ދުވަހު ވަނީ ގައުމުތަކުން މީހުން ޙައްޖަށް ގެންދިއުމަށް ދީފައިވާ ކޯޓާ ލިސްޓް އާންމުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން ރާއްޖެއާއި އެފްރިކާގެ ގައުމެއް ކަމަށްވާ ލައިބީރިއާއަށް ލިބެނީ 453 ކޯޓާއެވެ.
މިއަހަރު ޙައްޖުގައި ބައިވެރިކުރާ އަދަދު ސައުދީއަރަބިއްޔާއިން މަދުކުރުމުން ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދު ދަށްވާނެކަން ސައުދީ ސަރުކާރުން ރަސްމީކޮށް އަންގާފައިނުވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ކުރިން ވަނީ ވިދާޅުވެފައެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީން ފޮނުވާފައިވާ ސިޓީއެއްގައި އާންމުކޮށް ދޭ ކޯޓާގެ 45 އިންސައްތަ ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް މިއަހަރު ލިބިފައިވާ އަދަދަކީ ޔަޤީން އަދަދު ނޫން ކަމަށާއި އެ އަދަދަށްވުރެ ކޯޓާ އިތުރު ވެސް ވެދާނެ ކަމަށެވެ.
އަންނަ ހަފްތާގައި ރާއްޖެއިން ޙައްޖަށް މީހުން ގެންދިޔުމަށް ލިބޭ ކޯޓާގެ އަދަދު ޔަޤީންވެގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލުމަށްފަހު މިއަހަރުގެ ޙައްޖުގައި ބައިވެރިކުރާ ޢަދަދަކީ 1 މިލިއަން މީހުން ކަމަށް ސަޢުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ކޮވިޑްގެ ކުރިން ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އައީ 1000 ކޯޓާއެވެ. އަދި ބައެއްފަހަރު އެ 1000 ކޯޓާގެ އިތުރަށް އިތުރު ކޯޓާވެސް ވަނީ ދީފައެވެ.
ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޖުގެ އަޅުކަން އަދާކުރާއިރު، 2019 ވަނަ އަހަރުވެސް 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ. އެހެންނަމަވެސް، ކޮވިޑުގެ ހާލަތުގެ ސަބަބުން ފާއިތުވި 2 އަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވަނީ އާންމު އުސޫލުން ހުއްދަދޭ މިންވަރަށްވުރެ މަދު މީހުންނާއެކުގައެވެ. އެގޮތުން 2020 ވަނަ އަހަރު މި އަޅުކަން އަދާ ކުރުމަށް ހުއްދަ ދީފައިވަނީ 1000 މީހުންނަށެވެ.
އަދި ނިމިދިޔަ 2021 ވަނަ އަހަރު 60،000 މީހުންނަށް ހައްޖުވުމުގެ ފުރުސަތު ސައޫދީން ވަނީ ދީފައެވެ.
މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރުސަތު ލިބޭނީ އުމުރުން 65 އަހަރުން ދަށުގެ, ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. އޭގެ އިތުރުން، ސައޫދީން ބޭރުން ދާ ފަރާތްތަކެއްނަމަ، 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއްވެސް ހުށަހަޅަންޖެހެއެވެ.