ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޢަބްދުލްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފިއެވެ.
ޖޭއެސްސީން ބުނީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް ފަނޑިޔާރުންނަށް ސަރުކާރުން ދޫކުރި ފްލެޓްތަކެއް ޚާއްސަ އަގުތަކެއްގައި ބައްލަވައިގަނެފައިވާކަމަށް އަދި އެކަމުގެ ބަދަލެއްގެ ގޮތުން ހައިކޯޓުގެ ގަޒިއްޔާއެއްގެ ހުކުމް ކުރުމަށް ނިންމިކަމަށް ތުހުމަތުކޮށް ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލައެއް ތަހުޤީޤުކޮށް ބަލާފައިވާކަމަށެވެ.
މި މައްސަލަ ތަހުޤީޤުކޮށް ބެލި ބެލުމުން ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދިން ފްލެޓްތަކަކީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން އިނާޔަތެއްގެ ގޮތުގައި ދިން ފްލެޓްތަކެއްކަން ހާމަވެފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
އަދި ފަނޑިޔާރުންނަށް ހައުސިން ހަމަޖެއްސުމުގެ އުސޫލެއް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައި ނެތްހިނދު، ރާއްޖޭގެ ހައިކޯޓުގެ ވަކި ފަނޑިޔާރުންތަކަކަށް ފްލެޓެއް ދީފައިވަނީ، މާލީ ޚާއްސަ ލުއިތަކަކާއެކު އަދި މި ބާވަތުގެ ހައުސިން ހަމަޖެއްސުމުގައި ދައުލަތުން ބަލާ އާންމު އުސޫލުތަކުގެ ވެސް ބޭރުންކަން ފާހަގަވެފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.
ޖޭއެސްސީން ބުނީ ޤާނޫނުއަސާސީއާ ކަނޑައެޅިގެން ޚިލާފަށް ހަވާލުކުރި މި ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު އަބުދުއްރައޫފް އިބްރާހީމް އަދި ފަނޑިޔާރު އަބްދުﷲ ހަމީދު ހަވާލުވުމަކީ ޤާނޫނު އަސާސީއާ ޚިލާފު އަމަލެއް ކަމަށެވެ. އަދި ސުލޫކީ މިންގަނޑުގެ 3.1 ގައި ކަނޑައަޅާފައި އޮންނަ، ފަނޑިޔާރުންގެ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަކަށް ފަނޑިޔާރުންގެ އަމަލުތައް ބަހައްޓަން ވާނެ ކަމުގައި އޮންނަ އޮތުމާއި، ސުލޫކީ މިންގަނޑުގެ 3.2 ގައި ފަނޑިޔާރުންގެ އަޚްލާގީ މިންގަނޑު ބަހައްޓަންވާނީ، ޝަރުއީ ދާއިރާގެ ތެދުވެރިކަމާއި އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާމެދު އާންމުންގެ މެދުގައި އިތުބާރުކުރެވޭފަދަ މަތީ ދަރަޖައަކަށް ކަމަށް ބަޔާންކޮށްފައި އޮންނަ އޮތުމާ ޚިލާފު އަމަލެއްކަން ސާބިތުވާކަމަށް ޖޭއެސްސީން ބުނެއެވެ.
އެހެންކަމުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ 32-1 ވަނަ މާއްދާގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން ފަނޑިޔާރުކަމުގެ މަޤާމުން، އަބުދުލްރައޫފް އިބްރާހީމް އަދި އަބްދުﷲ ހަމީދު ވަކިކުރުމަށް މަޖިލީހަށް ހުށަހެޅުމަށް އޭޕްރީލް 20 ވަނަ ދުވަހުގެ ރޭ ބޭއްވުނު، އެކޮމިޝަންގެ މި އަހަރުގެ 28 ވަނަ ބައްދަލުވުމުގައި ނިންމާފައިވާކަމަށް ޖޭއެސްސީން ބުނެފައިވެއެވެ.