ކ. މާލެ
|
20 އޭޕްރިލް 2022 | ބުދަ 11:25
ކުޑަކުއްޖަކު ނަމާދަށް ހުންނަ މަންޒަރު ދައްކައިދޭ ފޮޓޯއެއް
ކުޑަކުއްޖަކު ނަމާދަށް ހުންނަ މަންޒަރު ދައްކައިދޭ ފޮޓޯއެއް
ރާއްޖެއެމްވީ
ދީނުގެމަގު
އިސްލާމީ ތަރުބިއްޔަތުގެ މައިގަނޑަކީ ނަމާދު
ނަމާދަކީ އެންމެހައި ނުބައިކަންތަކާއި، ވިޔާ ނުދާ ގޮތްތަކުން ތިމާ ދުރުހެލިކޮށްދޭ އަޅުކަމެއް

ދުނިޔޭގެ ކޮންމެ ގައުމެއްގައި ވެސް ކުޑަކުދިންނަކީ އެ ގައުމެއްގެ މުސްތަގުބަލު ރޯޝަނީ ކުރަން ތިބޭ މާދަމާގެ ޒުވާނުންނެވެ. ބޮޑެތި މީހުންނެވެ. ނަމަވެސް މުސްތަގުބަލުގައި އެ ގައުމެއް ރޯޝަނީ ވަނީ އެކުދިންނަށް އަދު ލިބެމުންދާ މަތިވެރި ތައުލީމަކާއި ފުރިހަމަ ތަރުބިއްޔަތަކުންނެވެ. އަދި އެކުދިންގެ އުޅުމުގައި ކިޔަމަންތެރިކަމާއި ހަރުދަނާ އަޚްލާގުވެސް ހުރި މިންވަރަކުންނެވެ.

މިފަދަ ފުރިހަމަ ހަރުދަނާ ތައުލީމީ ކުދިންކޮޅަކަށް ވެވޭނީ އެންމެ ފުރަތަމަ އިސްލާމީ ވާޖިބް ތަކަށް ސަމާލުކަންދީ ހުރުމަތްތެރިކޮށް ހިތައިގެންނެވެ. ޚާއްސަކޮށް ނަމާދުކުރުމަކީ ނުހަނު ލޮބުވެތި ގޮތުގައި ކުރާ ހިތްވާކަމަކަށް ވެގެންނެވެ. އެހެނީ ނަމާދަކީ އެންމެހައި ނުބައިކަންތަކާއި، ވިޔާ ނުދާ ގޮތްތަކުން ތިމާ ދުރުހެލިކޮށް، މާތްﷲގެ ރަސްކަންފުޅަށް ބިރުވެތިވުމާއި، ކިޔަމަންތެރިވާންވީ އުސޫލު ދަސްކޮށްދޭ އަޅުކަމެކެވެ. އަދި އިސްލާމީ މަތިވެރި ރޫހު ހިތްތަކުގައި އާލާވެ، މުސްލިމުންގެ މެދުގައި ހަމަހަމަކަމާއި އެއްބައިވަންތަކަން ދަމަހައްޓައިދޭ އެންމެ ވަރުގަދަ ރުކުނެވެ. މިހެންވެ ނަމާދުކުރުމަށް ބާރު އެޅުއްވުމަށްޓަކައި، އަހަރެމެންގެ މާތް ރަސޫލާ ހަދީޘް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވަނީ، "ހަތް އަހަރުގެ ކުދީންނަށް ނަމާދު ކުރަން ދަސްކޮށްދޭށެވެ! ދިހަ އަހަރުވެއްޖެނަމަ (ގެއްލުން ނުލިބޭ ގޮތަށް) އަދަބު ދީގެން ނަމަވެސް، (އެކުދީން) ނަމާދު ކުރަން އާދަކޮށްދޭށެވެ."

ވީއިރު، މިފަދަ ވަރުގަދަ ގޮތެއްގައި އިސްލާމްދީނުގައިވާ އަޅުކަމަކަށް، ކޮންމެ މީހަކާއި އަދި ކުއްޖަކުވެސް ސަމާލުކަން ދިނުމަކީ ހާދަހާ މުގައްދަސް ވާޖިބެކެވެ. ނަމާދަށް ގޮވުމުން ކުޅިވަރުތައް ހުއްޓާލާފައި، ނަމާދަށް ދިއުމަކީ އުފަލަކަށް ހަދަންވީއެވެ. ޚާއްސަކޮށް ޢިޝާ ނަމާދާއި، ފަތިސްނަމާދުގައި އިތުރު ސަވާބު އާއި ރަހުމަތް ހުރިކަމަށް ވެސް ބައެއް އިލްމުވެރީން ލިޔުއްވާފައިވެއެވެ. އެއީ އިޝާ ނަމާދުކޮށްގެން ނިދާއިރު، އެކުއްޖަކު އެ ނިދަނީ، މާތްﷲ ރުއްސެވުން ލިބިގެން، އަދި ފަތިހު ތެދުވެ ފަތިސް ނަމާދު ކުރުމުން، އެކުއްޖަކު އައު ދުވަހަކާ ކުރިމަތިލަނީ، މާތްﷲގެ ރުއްސެވުން ލިބި ފިސާރި ފުރިހަމަ ގޮތުގައި ހިތްހަމަޖެހިގެންނެވެ. އަދި އެފަދަ ކުއްޖަކަށް، ކިޔަވަން ދިއުމުގެ ކުރީގައި ކީރިތި ޤްރުއާން ކިޔަވައިލުމުގެ ބަރަކާތް ހާސިލްވެ، އެދުވަހުގެ ފިލާވަޅުތައްވެސް އިތުރަށް ފަރިތަކޮށްލާނެ ތަނަވަސް ވަގުތުކޮޅެއްވެސް ލިބޭނެކަން ޔަޤީނެވެ. އެފަދަ ކުދިންގެ މައިންބަފައިންނަށްވެސް ކުދިންގެ އެމަތިވެރި އަމަލުތައް ފެނުމުން ހާދަމަތިވެރި އުފަލެއް ލިބޭނެއެވެ.

އެއްވެސް ޝައްކެއްނެތެވެ. ކިޔަވާކުއްޖެއްގެ އެންމެ އިސްކަމަކަށްވާންވާނީ، އަދި ކޮންމެ މުސްލިމެއްގެވެސް އެންމެ އިސް ވާޖިބަކަށް ވާންވާނީ، މާތްﷲގެ ރުއްސެވުން ހޯދުމެވެ. އަދި ނަމާދަށް މިސްކިތުގައި ތިބޭއިރު، ތިމާއަށްވުރެ ދޮށީ މީހުންނަށް ކުރީ ސަފުތަކުން ތަންދިނުމާއި ސަފުތައް ތެދަށް ބެހެއްޓުމާއި، އިމާމު މީހާއަށް ކިޔަމަންތެރިކަމާއި އިޚްތިރާމް ބެހެއްޓުމަކީ އިސްލާމީ އިރުޝާދެކެވެ. އަދި ނަމާދުގެ ސަފުގައި ތިބޭއިރު، އެއްކުއްޖަކާ އަނެއް ކުއްޖަކު ވީހާ ގާތްކޮށް ތިބެންވާނެވެ. އަދި ހަމަ ސަލާމް ދިނުމާއެކު އުޒުރަކާ ނުލައި ތެދުވެގެން ދިއުމަކީ ވެސް ރަނގަޅު ގޮތެއް ނޫނެވެ. ތިމާއަށްވުރެ ދޮށީ މީހުން ތެދުވަން ފެށީމާ ތެދުވަން އާދަކުރަންވާނެއެވެ. އަދި އަބަދުވެސް ތިމާއަށްވުރެއް ދޮށީ މީހުންނަށް އިޚްތިރާމް ބެހެއްޓުމަކީ، ގިނަ މީހުން އެކުއްޖަކު ދެކެ ލޯބިވާނެ ހަރުދަނާ ސިފައެކެވެ. ޝައްކެއް ނެތެވެ. ގިނަ މީހުން ލޯބިވާގޮތަށް އުޅޭ ކުއްޖަކީ، ދެ ދުނިޔޭގައިވެސް، ބާއްޖަވެރި ކުއްޖަކަށް ވާނެކަން ޔަޤީނެވެ. މާތްﷲ އެފަދަ ކުދީންކަމުގައި މުސްލިމް އެންމެހައި ކުދީން ލައްވާށިއެވެ. އާމީން

ނޯޓް:ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008 ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫޙު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.

އެޑިޓަރުގެ ނޯޓް:
ދީނުގެމަގު މި ނޫހަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1986ން 2008 ށް ނެރުނު ނޫހެކެވެ. މި ނޫސް ނެރުމުގެ ބޭނުމަކީ، އާންމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމާއި، އިސްލާމީ އުޚުވަތްތެރިކަމުގެ ރޫޙު ފެތުރުމެވެ. މި ނޫސް އޭރު ނެރެފައިވަނީ ހަފްތާއަކު އެއްފަހަރު އެވެ. މި ލިޔުމަކީ ދީނުގެމަގައި ލިޔެފައިވާ ލިޔުމެއްގެ ނަކަލެކެވެ.
- ކޮމެންޓް