ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތުގައި އެއްވުންތައް ބޭއްވުން މަނާކޮށްފައިވަނިކޮށް އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ޕާޓީ ބާއްވާ އުސޫލުތަކާއި ޚިލާފުވެވަޑައިގެންނެވިފައިވާތީ އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި އެކަމާ މަޢާފަށް އެދިވަޑައިގެންފިއެވެ.
ކޮވިޑްގެ އުސޫލުތަކާއި ޚިލާފުވެފައިވާތީ ބޮރިސް އާއި އެގައުމުގެ ފިނޭންސް މިނިސްޓަރ ރިޝީ ސުނާކު ވަނީ މިދިޔަ ހަފްތާ ޖޫރިމަނާކޮށްފައެވެ. އެދެބޭފުޅުން ޖޫރިމަނާކޮށްފައިވަނީ އީސްޓަރ އާ ދިމާކޮށް ގާނޫނު ހަދާ މަޖިލިސް ޗުއްޓީގައި އޮއްވައެވެ.
ކޮވިޑް-19ގެ އުސޫލުތަކަށް އަމަލުކުރިކަމަށް މީގެކުރިން ތަކުރާރުކޮށް ގާނޫނު ހަދާ މަޖިލީހުގައި ބޮރިސް ވިދާޅުވެފައިވާތީ އެކަން ތަހުގީގުކުރާނެތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ބުރާސްފަތި ދުވަހު ގާނޫނު ހަދާ މަޖިލީހުގައި ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
ޗުއްޓީއަށް ފަހު ބޭއްވި ގާނޫނު ހަދާ މަޖިލީހުގެ ފުރަތަމަ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ބޮރިސް ވިދާޅުވީ ކުރެވުނު ކަންތަކާ ހިތުގެ އެންމެ ފުންމިނުން މަޢާފަށް އެދޭކަމަށެވެ. ނޯޓިސް ލިބިވަޑައިގަތުމުން މީހުންގެ ރުޅިއާއި އަސަރުކޮށްފައިވާ ވަރު ވިސްނިވަޑައިގަންނަވާކަމަށެވެ. އަދި ރައްޔިތުން އެމީހުންގެ ބޮޑުވަޒީރުގެ ފުށުން މިއަށްވުރެ ރަނގަޅަށް ކަންކަން ދިޔުމަށް އެދޭނެކަމަށާއި އެކަމުގެ ހައްގުވެސް ރައްޔިތުންނަށް ލިބިފައިވާކަމަށް ބޮރިސް ވިދާޅުވިއެވެ.
ބޮރިސް ވިދާޅުވެފައިވަނީ ކޮވިޑް-19ގެ ތެރޭގައި އެއްވުންތައް މަނާވެފައިވާ ދުވަސްވަރު އުފަންދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ހަރަކާތަކީ ކޮވިޑްގެ އުސޫލުތަކާއި ޚިލާފަށް ކުރެއްވުނު ކަމެއްކަމަށް ކުރިން އެނގިވަޑައިނުގަންނަވާކަމަށެވެ.