ކ. މާލެ
|
18 އޭޕްރިލް 2022 | ހޯމަ 08:18
ޖޭއެސްސީއަށް ކަނޑައެޅުއްވި ހައިކޯޓުގެ ފަނޑިޔާރު ސަމީރު
ޖޭއެސްސީއަށް ކަނޑައެޅުއްވި ހައިކޯޓުގެ ފަނޑިޔާރު ސަމީރު
ރައީސް އޮފީސް
ހައިކޯޓުގެ ފަނޑިޔާރު އިސްތިއުފާދިނުން
ހައިކޯޓުގެ ފަނޑިޔާރު ޢަލީ ސަމީރު މަޤާމުން އިސްތިއުފާ ދެއްވައިފި
މަޤާމުން އިސްތިއުފާ ދެއްވީ އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޢަލީ ސަމީރު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޖުޑިޝަލް ސަރވިސް ކޮމިޝަނުން ބުނީ ފަނޑިޔާރު ޢަލީ ސަމީރު އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން ޢަލީ ސަމީރު ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން ވެސް ވަކިވެފައެވެ.

ޢަލީ ސަމީރު ވަނީ 15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފަނޑިޔާރުކަމުގެ މަގާމުގައި ޚިދުމަތް ކުރައްވާފައެވެ.

އެގޮތުން އަލްއުސްތާޛު ޢަލީ ސަމީރު ހައިކޯޓު ފަނޑިޔާރަކަމަށް އައްޔަނުކުރައްވާފައިވަނީ 2011 ވަނަ އަހަރުގެ މާރިޗު މަހުގެ 26 ވަނަ ދުވަހު އެވެ. އޭގެ ކުރިން ޚިދުމަތް ކުރެއްވީ ސިވިލް ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައެވެ. ސިވިލް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނުކުރައްވާފައިވަނީ 2009 މޭ 09 ވަނަ ދުވަހުއެވެ. ހައިކޯޓު ހިންގެވުމާއި ހަވާލުވެވަޑައިގެން ޢަލީ ސަމީރު ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ. އަދި ސިވިލް ކޯޓުގެ އިސް ޤާޟީކަމުގެ މަގާމުވެސް ފުރުއްވާ އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވެއެވެ.

ޢަލީ ސަމީރު ފަނޑިޔާރުކަމުގެ މަގާމު އަދާކުރައްވަން ފެއްޓެވުމުގެ ކުރިން ވެސް ޝަރުޢީ ދާއިރާގެ އެކި ކޯޓުތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ.

އަދި، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުން އިންތިޚާބު ކުރާ ފަނޑިޔާރެއްގެ ހައިސިއްޔަތުން 5 ޑިސެމްބަރު 2019 އިން ފެށިގެން މިއަދާ ހަމައަށް ޢަލީ ސަމީރު ފަނޑިޔާރުންނާއި ޝަރުޢީ ދާއިރާގެ ކުރިއެރުމަށް ކޮށްދެއްވާފައިވާ އަގުހުރި މާނަވީ މަސައްކަތްތައް ފާހަގަކޮށް އެކަމަށްޓަކައި ޖޭއެސްސީ އިން ވަނީ ޝުކުރު އަދާކޮށްފައެވެ.

- ކޮމެންޓް