އިސްރާއިލް ސިފައިންގެ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ފަލަސްތީނުގެ އެތައް ހާސް ރައްޔިތުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.
ހުކުރު ދުވަހުގެ ހުކުރު ނަމާދަށް އަލް-އަޤްސާ މިސްކިތައް އެއްވެ ތިބި ފަލަސްތީންގެ ރައްޔިތުން އެތަނުން ފޮނުވާލުމަށް އިސްރާއީލް ސިފައިން ވަނީ ބާރުގެ ބޭނުންކޮށް ލާއިންސާނީ އެތައް އަމަލެއް ހިންގާފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
މުޒާހަރާ ކުރަމުން އަންނަ ރައްޔިތުން ގޮވާލަމުން ދަނީ އަރަބި ގައުމުތަކާއި، ބައިނަލްއަގުއާމީ މުޖުތަމައުއިން ފަލަސްތީނުގެ ރައްޔިތުންނަށް އެއްބާރުލުން ދިނުމަށެވެ. އަދި އިސްރާއީލް ސިފައިން ހިފާފައިވާ ސަރަހައްދުތަކުގައި އުޅޭ ފަލަސްތީނުގެ ރައްޔިތުންނަށް ކުރަމުން އަންނަ އަނިޔާ އާއި، އަޤްސާ މިސްކިތުގައި ހިންގާ ޖަރީމާތައް ހުއްޓުވުމަށް އެހީތެރިވެ ދިނުމަށެވެ.
މި ހަފްތާގެ ކުރީކޮޅުގައި ގާޒާގެ ފަލަސްތީން ފެކްޝަނުން ވަނީ ހަމާސްގެ އިސްވެރިންނާއި ބައްދަލުކޮށް މިކަމާއި މަޝްވަރާވެސް ކޮށްފައެވެ.
ހުކުރު ދުވަހުގެ ހުކުރު ނަމާދަށް އެއްވެފައިވާ ފަލަސްތީނުގެ ރައްޔިތުންނާއި އިސްރާއީލް ސިފައިންނާ ދެމެދު ހިންގި ހަމަ ނުޖެހުމުގައި، އިސްރާއީލް ސިފައިން ބާރުގެ ބޭނުންކުރުމުގެ ސަބަބުން ފަލަސްތީންގެ 152 މީހަކަށްވަނީ އަނިޔާ ވެފައެވެ.
މުޒާހަރާގައި ބައިވެރިވާ އިސްލާމިކް ޖިހާދު ހަރަކާތުގެ އިސްވެރިޔަކު އަލްޖަޒީރާ ނިއުސްއަށް ބުނެފައިވަނީ ހުކުރު ދުވަހު އަލް-އަޤްސާ މިސްކިތް ސަރަހައްދަށް އެއްވެފައިވަނީ ޖެރުސަލަމް އަދި ވެސްޓް ބޭންކްގައި އުޅޭ ރައްޔިތުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ. އަދި އިސްރާއީލް ސިފައިން ހިންގާ ޖަރީމާ ބަލަން މަޑުން ނުތިބޭނެ ކަމަށެވެެ.
ޔަހޫދީންގެ ކިބައިން މިސްކިތް ހިމާޔަތް ކުރުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން ތައްޔާރަށް ތިބި ކަމަށް މުޒާހަރާ ކުރަމުން އަންނަ ރައްޔިތުން ދަނީ ބުނަމުންނެވެ.
އިސްރާއީލްގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ބުނީ، އަލް-އަޤްސާ މިސްކިތް ސަރަހައްދުގައި ހަމަނުޖެހުން ހިންގާ ލޭ އޮހޮޮރުވުމަކީ އިސްރާއީލުން ބޭނުންވާ ކަމެއް ނޫން ކަމަށެވެ. އަދި ބާރުގެ ބޭނުން ކުރަން މަޖުބޫރުވީ ކަމަަށެވެ. އަދި ސިފައިން މަސައްކަތްކުރީ ޔަހޫދީން ސަލާމަތް ކުރުމަށް ކަމަށްވެސް އޭނާވަނީ ބުނެފައެވެ.
ޔަހޫދީންގެ "ޕާސްއޯވަރ" ބަންދު ފާހަގަކުރުމަށް އަލް-އަޤްސާ މިސްކިތް ސަރަހައްދަށް ގިނަ އަދަދެއްގެ ޔަހޫދީންވަނީ އެއްވެފައެވެ. ޔަހޫދީންގެ "ޕާސްއޯވާރ" ބަންދާއި "އީސްޓަރ" ބަންދުވެސް މި އަހަރު އަންނަނީ ރޯދަ މަހުގެ ތެރޭގައެވެ.