ޒަމާނާއި ގުޅިފައިވާ ޝިޢާރުތަކުގެ ތެރެއިން ރަމަޟާން މަހަކީ އޭގެ ޒާތުގައި ވަރަށް ވަރުގަދަ ޝިޢާރެކެވެ. ޝިޢާރުތަކަކީ ދީނުގެ ކަންތައްތަކުގެ ތެރެއިން ފާޅުވެ އެނގެން ހުންނަ ދީނުގައި ޝަރުޢުކުރެވިފައި ހުންނަ ކަންތައް އަދި އެކަންތަކާމެދު މުޢާމަލާތުކުރުމަށް އިންސާނުންނަށް އަންގަވާފައިވާ ކަންތައްތަކެވެ. މިގޮތުން ޝިޢާރުތަކަށް ބަލާއިރު ޒަމާނާއި ތަންތަނާއި ގުޅިފައިވާ ޝިޢާރުތައްވެސް ހުރެއެވެ. އެގޮތުން ޒަމާނާއި ގުޅިފައިވާ ޝިއާރުތަކުގެ ތެރެއިން ރަމަޟާން މަހަކީވެސް އޭގެ ޒާތުގައި ވަރަށް ވަރުގަދަ ޝިޢާރެކެވެ. އެގޮތުން ތަރާވީޙް ނަމާދާއި އެހެނިހެން ނަމާދުތަކަކީ ރަމަޟާން މަހުގެ ޝިޢާރުތަކުގެ ތެރެއިން ޝިޢާރެކެވެ.
މާތް ﷲގެ ރަޙުމަތާއި ފުއްސެވުމާއި ނަރަކައިން މުއްތިކުރެއްވުމާއި ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވިގެންދިޔުމާއި ނަރަކައިގެ ދޮރުތައް ބަންދުވުމާއި ޝައިޠާނުންނަށް އިންސާނާ ހެއްލެނި ކުރުވަން އޮންނަ ފުރުސަތުތައް ބަންދު ކުރެވިގެންދެއެވެ. މިއީ ރަމަޟާން މަހުގައި ހުރި ޚާއްސަ ކަންތައްތަކުން ފާހަގަކޮށްލެވޭ ކަންތައްތައްކެވެ.
ދުވަސްތަކާއި ގުޅިފައި ހުރި ޝިޢާރެއްގެ ގޮތުގައި ބެލެވެނީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހެވެ. އެއީ މާތް ﷲ އެ ދުވަސްތައް ގަންދެއްވައި ވަޙީކުރައްވާފައިވާ ދުވަސްތަކެއްކަމަށް ވާތީއެވެ. މީގެއިތުރުން ޒަމާނާއި ގުޅިފައިވާ ޝިޢާރުގެ ގޮތުގައި ޢަރަފާތު ދުވަސް ހިމެނެއެވެ. މިއީ ޙައްޖުގެ އަޅުކަމާއި ގުޅުން ހުރި ޝަޢީރާތަކުގެ ތެރެއިން އެއް ޝިޢާރުއެވެ.
މީގެއިތުރުން ޒަމާނާއި ގުޅިފައިވާ ހުކުރު ދުވަހަކީވެސް ވަރަށް މުހިންމު ޝިޢާރެކެވެ. އެ ދުވަހަކީ، އިރު އެދުވަހެއްގައި އަރާ އެންމެ ހެޔޮދުވަހުގެ ގޮތުގައިވާ ދުވަސްކަމަށް ރަސޫލާ ބަޔާންކުރައްވާފައިވެއެވެ. އާދަމްގެފާނު ހެއްދެވިގެންވީ އެދުވަހުކަމަށާއި ސުވަރުގެއަށް ވެއްދުންވަނީ އެދުވަހު، އަދި ޤިޔާމަތްވުންވެސް ވަނީ އެދުވަހުއެވެ.
ޒަމާނާއި ގުޅިފައިވާ އަނެއް މުހިންމު ޝިޢާރަކީ ފިޠުރު ޢީދާއި އަޟްޙާ އީދު ދުވަހެވެ. އެއީ ގިނަ އަޅުކަންތައްތަކާއެކު ﷲއަށް ޝުކުރުވެރިވުމުގެ ގޮތުން އުފާ ފާޅުކުރަމުންދާ ދެދުވަހެވެ. ހަމައެފަދައިން ޙުރުމަތްތެރިވެގެންވާ 4 މައްސަރަކީވެސް ޒަމާނާއި ގުޅިފައިވާ ޝިޢާރުތަކުގެ ތެރެއިން ޝިއާރެކެވެ.
ތަނާ ގުޅިގައިވާ ބައެއް ޝިޢާރުތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މުހިންމު ޝިޢާރުތަކުގެ ގޮތުގައި ﷲ ގެ ގެކޮޅުތަކުގެ ތެރެއިން އަލް މަސްދިޖުލް ޙަރާމާއި އަލްމަސްޖިދުލް އަޤްޞާއާއި އަލްމަސްޖިދުލް ނަބަވީ ހިމެނިގެން ދަނީ ވަރަށް މުހިންމު ޝިޢާރުތަކުގެ ގޮތުގައެވެ. އެތަންތަނަށް މީހާ ދަތުރު ހަދައިގެން ދިއުމަށް މާތް ނަބިއްޔާ ހިތްވަރު ދެއްވާފައިވެއެވެ. އެތަންތަނުގައި ކުރާ އަޅުކަންތައް އެހެން ތަންތަނުގައި ކުރާ އަޅުކަންތައްކަށްވުރެ ޚާއްސަކޮށް ނަމާދުގެ ސަވާބު އިތުރުވެގެންދެއެވެ. އަދި ހެޔޮކަންތައްތަކަށް ސަވާބު ލިބޭފަދައިން އެތަންތަނުގައި ކުރާ ނުބައިކަންތައްތަކަށް ލިބޭ އުޤޫބާތްވެސް ބޮޑުވެގެންވެއެވެ.
މުޅި މައްކާ އެއްކޮށްވެސް ވެގެންދަނީ އިސްލާމީ މުހިންމު ޝިޢާރެއްގެ ގޮތުގައެވެ. އެއީ އެންމެ ފުރަތަމަ މީސްތަކުންނަށްޓަކައި ބިނާކުރެވުނު ގެ ބިނާކުރެވުނު ބިމަށްވާތީއެވެ. ތަންތަނާއި ގުޅުންހުރި ޝިޢާރުތަކުގެ އިތުރަށް އިސްލާމްދީނުގެ ކަންތައްތަކުގެ ތެރެއިން ފެންނަ އަނެއް ޝިޢާރަކީ ކީރިތި ޤުރުއާންއެވެ. އެއީ މީސްތަކުންނަށް ހިދާޔަތެއްކަމުގަޔާއި ޝިފާއެއްކަމުގައި އަދި ރަޙްމަތެއްކަމުގައިވާ ފޮތެކެވެ. އަދި އެފޮތަށް ތަބާވުމަށް ވަރަށް ވަރުގަދައަށް އަމުރުކުރެވިފައިވާ ފޮތެކެވެ.
ޤުރުއާނާއި އެއްފަދައިން އަނެއް މުހިންމު ޝިޢާރަކީ އިސްލާމްދީނުގެ އަޅުކަންތައްތަކެވެ. އޭގެ ތެރެއިން އެންމެ މުހިންމު އަޅުކަމަކީ ނަމާދުކަމަށާއި އެގޮތުން ނަމާދު ޤާއިމްކުރުމަކީ ފަރުޟަކަށްވާއިރު ނަމާދަށް ފަރުވާތެރިނުވާ މީހުންނަށް ހުރި އުގޫބާތްތައްވެސް ވަނީ ބަޔާންކޮށްދެއްވާފައެވެ. ނަމާދެކޭ އެއްފަދައިން ޒަކާތަކީވެސް ވަރަށް މުހިންމު ޝިޢާރެކެވެ. މިޝިޢާރު ދަމަހައްޓަން މަސައްކަތް ކުރަންޖެހެއެވެ.
ދީނީ ޝިޢާރުގެ ގޮތުގައި ފާހަގަކުރެވޭ އެންމެ ގިނަ ކަންތައް ހިމެނެނީ ޙައްޖުގެ އަޅުކަމާއި ގުޅިގެންނެވެ. ތެދުވެރިކަމާއި އަމާނާތްތެރިކަމާއި މިކަންކަމަކީވެސް އިސްލާމީ ޝިޢާރުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. އެކަންކަމެއް ކުރަން މާތް ﷲ އަމުރުކުރައްވާފައިވާ ކަންކަމަކީ އިސްލާމީ ޝިޢާރުތަކުގެ ތެރެއިންވާ ކަންކަމެވެ. ހެޔޮކަމެއް ހެޔޮކަމަކަށްވާނީ މާތް ނަބިއްޔާގެ ސުންނަތުގައި އެކަމެއް ކުރުމަށް އިރުޝާދު ދެއްވާފައިވާ ގޮތަށް ކުރުމުންނެވެ.