ކ. މާލެ
|
13 އޭޕްރިލް 2022 | ބުދަ 18:46
ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، އިގުތިސާދީ ކާރިސާއާއެކު އާންމުގެ ގިނަ ބަޔަކު ދަނީ ބޮޑުވަޒީރަށް ނުރުހުން ފާޅުކޮށް މުޒާހަރާކުރަމުން.
ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ، އިގުތިސާދީ ކާރިސާއާއެކު އާންމުގެ ގިނަ ބަޔަކު ދަނީ ބޮޑުވަޒީރަށް ނުރުހުން ފާޅުކޮށް މުޒާހަރާކުރަމުން.
ރޮއިޓަސް
ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ
ލަންކާގައި މުޒާހަރާކުރާ އާންމުންނާއެކު މަޝްވަރާކުރެއްވުމަށް ބޮޑުވަޒީރު މަހިންދަ ހުށަހަޅުއްވައިފި
މީގެ ދެދުވަސް ކުރިން މަހިންދަ ރާޖަޕަކްސަ ވަނީ ރައްޔިތުންގެ ކިބައިން ކެއްތެރިވުމަށް އެދިވަޑައިގެންފައި
ބޮޑުވަޒީރުގެ އޮފީހުން ބުދަ ދުވަހު ވަނީ އެމަނިކުފާނު ހުންނެވީ މުޒާހަރާގެ ބައިވެރިންގެ އަޑުއަހައި އެމީހުންގެ ސަުވާލުތަކަށް ޖަވާބުދޭން ތައްޔާރުކަމަށް ބުނެފައި
ރައްޔިތުންގެ މަންދޫބުންނާ ބައްދަލުކުރައްވަން ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ހުންނެވީ ތައްޔާރަށް ކަމަށް ބޮޑުވަޒީރުގެ އޮފީހުން ބުނޭ

ލަންކާގައި މުޒާހަރާކުރަމުންދާ ރައްޔިތުންނާ ބައްދަލުކުރައްވާ އެމީހުންގެ ސުވާލުތަކަށް ޖަވާބުދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އެގައުމުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވާގޮތުން ބޮޑުވަޒީރުގެ އޮފީހުން ބުދަ ދުވަހު ވަނީ އެމަނިކުފާނު ހުންނެވީ މުޒާހަރާގެ ބައިވެރިންގެ އަޑުއަހައި އެމީހުންގެ ސަުވާލުތަކަށް ޖަވާބުދެއްވަން ތައްޔާރުކަމަށް ބުނެ ބަޔާނެއް ނެރެފައެވެ.

އެބަޔާނުގައި ވަނީ އާންމުގެ ޝަކުވާތަކާ ކަންބޮޑުވުންތައް ހިއްސާކުރެއްވުމަށް އާންމުން ތައްޔާރަށްތިބި ނަމަ އެމީހުންގެ މަންދޫބުންނާ ބައްދަލުކުރައްވަން ބޮޑުވަޒީރު މަހިންދަ ހުންނެވީ ތައްޔާރަށް ކަމަށް ބުނެފައެވެ.

ލަންކާއަށް މިހާރު ކުރިމަރިވެފައިވާ އިގުތިސާދީ ކާރިސާ އަކީ އެގައުމުގެ ތާރިހުގައިވެސް ކުރިމަތިލާން ޖެހުނު އެންމެ ބޮޑު އިގުތިސާދީ ކާރިސާއެވެ. ބޭރު ފައިސާ ހުސްވެ 22 މިލިއަން މީހުންގެ އާބާދީއަށް ބޭނުންވާ ތެލާ ބޭސް ފަދަ ތަކެތި ނުލިބި ގައުމުގެ ރައްޔިތުންނަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައެވެ.

މިއާއެކު އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވެފައިވާއިރު، ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއި ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަގެ އިސްތިއުފާއަށް ގޮވާލައި އެތައް ހާސް ބަޔަކު ދަނީ ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގައި މުޒާހަރާކުރަމުންނެވެ.

އެގޮތުން މުޒާހަރާގެ ބައިވެރިން ވަނީ ރައީސް ދިރިއުޅުއްވާ ސަރަހައްދާ ބޮޑުވަޒީރު ދިރިއުޅުއްވާ ސަރަހައްދުގައި ޓެންޓުޖަހައި މުޒާހަރާކުރަމުންނެވެ. އެގޮތުން ކާބޯތަކެތި ފޯރުކޮށްދޭ ޓެންޓުތަކާ ސިއްހީ ފަރުވާދޭ ޓެންޓުތަކުގެ އިތުރުން ފޯނު ޗަރޖް ކުރާނެ ސްޓޭޝަންތައްވެސް އެސަރަހައްދުތަކުގައި ވަނީ ގާއިމުކޮށްފައެވެ. އަދި އެސަރަހައްދުތައް ދޫކޮށް ރައްޔިތުން ދާނީ ރައީސް އަދި ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުން ކަމަށް މުޒާހަރާގެ ބައިވެރިން ދަނީ ބުނަމުންނެވެ.

މީގެ ދެދުވަސް ކުރިން މަހިންދަ ރާޖަޕަކްސަ ވަނީ ރައްޔިތުންގެ ކިބައިން ކެއްތެރިވުމަށް އެދިވަޑައިގެންފައެވެ. އަދި ގައުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ މަޝްވަރާތައް ރައީސް ގޮތަބަޔާއާއެކު ކުރައްވަމުން ގެންދަވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވާއިރު، މަޖިލީހުގައި ހިމެނޭ އިދިކޮޅު ތިން ޕާޓީއަކުން ވަނީ އައު ބޮޑުވަޒީރަކު އައްޔަނުކޮށް ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ ގުޅިފައިވާ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް ގޮވާލާފައެވެ.

ލަންކާގެ ހާލާތު ގޯސްވަމުންދާއިރު، އަންނަ ހަފުތާގެ ތެރޭގައި ލޯން ޕްރޮގްރާމްގެ މަޝްވަރާތައް އައިއެމްއެފްއާ އެކު ފަށަން ލަންކާއިން ދަނީ ތައްޔާރުވަމުންނެވެ. އަދި މި މަޝްވަރާތައް ވަކި ގޮތަކަށް ނިމި، އައިއެމްއެފްގެ އެހީ ލިބެންދެން އެގައުމުގެ ބޭރުގެ ދަރަނިތައް ނުދައްކާ މަޑުޖައްސާލަން ލަންކާގެ ސެންޓްރަލް ބޭންކުން ވަނީ ނިންމާފައެވެ.

އެގައުމުގެ ސެންޓްރަލް ބޭންކުން ބުނެފައި ވަނީ ދަރަނިތައް އަނބުރާ ދެއްކުމުގެ ގާބިލްކަން ލަންކާގެ މިހާރު ނެތް ކަމަށާއި މިހާރު ހުރި ބޭރު ފައިސާއިން ރައްޔިތުންނަށް ބޭނުންވާ ޒާރުރީ ހަރަދުތައް ކުރަން ނިންމާފައިވާ ކަމަށެވެ.

- ކޮމެންޓް