2022 ވަނަ އަހަރު ސައުތު އޭޝިއާ ސަރަހައްދުން ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް (ޖީޑީޕީ) އެންމެ ރަނގަޅު ގައުމުގެ ގޮތުގައި އޮންނާނީ ދިވެހިރާއްޖެ ކަމުގައި އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން އަންދާޒާކޮށްފިއެވެ.
އޭޑީބީގެ ރިޕޯޓުގައިވާ ގޮތުން މިއަހަރު ނިމޭއިރު ރާއްޖޭގެ ޖީޑީޕީ ހުންނާނީ 11 އިންސައްތައިގައެވެ. ރާއްޖެއާއި ޖެހިގެން ދެވަނައަށް އޮތް އިންޑިއާގެ ޖީޑީޕީ މިއަހަރު ނިމޭއިރު ހުންނާނީ 7.5 އިންސައްތައިގައެވެ. ބަންގްލަދޭޝްގެ ޖީޑީޕީ ހުންނާނީ 6.9 އިންސައްތައިގައި ކަމަށް ލަފާކޮށްފައިވާއިރު، ބޫޓާންގެ ޖީޑީޕީ ހުންނާނީ 4.5 އިންސައްތައިގައި ކަމަށް ވަނީ ލަފާކޮށްފައެވެ. އަދި ޕާކިސްތާނުގެ ޖީޑީޕީ 4 އިންސައްތައިގައި ހުންނާނެ ކަމަށް އޭޑީބީން ލަފާކޮށްފައިވާއިރު ނޭޕާލްގެ ޖީޑީޕީ 3.9 އިންސައްތައިގައި އަދި ލަންކާގެ ޖީޑީޕީ ހުންނާނީ 2.4 އިންސައްތައިގައި ކަމަށް އޭޑީބީން ވަނީ ލަފާކޮށްފައެވެ.
މިއާއެކު އަހަރު ނިމޭއިރު މިސަރަހައްދުން ޖީޑީޕީ އެންމެ ރަނގަޅު ގައުމަކަށްވާނީ ދިވެހިރާއްޖެ ކަމުގައި އޭޑީބީން ވަނީ ލަފާކޮށްފައެވެ. މިދިޔަ އަހަރު ނިމުނުއިރުވެސް މި ސަރަހައްދުން ޖީޑީޕީ އެންމެ ރަނގަޅު ގައުމުގެ ގޮތުގައި އޮތީ ދިވެހިރާއްޖެއެވެ. މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ޖީޑީޕީ ހުރީ 31.6 އިންސައްތައިގައެެވެ. އެއީ 2020 ވަނަ އަހަރު 33.5 އިންސައްތައަށް ވެއްޓުމަށްފަހުއެވެ.
ކޮވިޑް-19 އާއެކު ރާއްޖޭގެ އިގްތިސާދު އެއްކޮށް ހުއްޓި، 2020 ވަނަ އަހަރު ރާއްޖޭގެ ޖީޑީޕީ ބޮޑު ތަނުން ދަށްވި ނަމަވެސް، 2021 ވަނަ އަހަރު ބޯޑަރު ހުޅުވާލައި ފަތުރުވެރިކަން ފަށައިގަތުމާއެކު ރާއްޖޭގެ ޖީޑީޕީ އިތުރުވިއެވެ. ނަމަވެސް މިއަހަރު ފާއިތުވި އަހަރަށްވުރެ ދަށްވާނެ ކަމަށް އޭޑީބީން ލަފާކުރާއިރު އެ ބޭންކުން ބުނީ މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން މިއަހަރު ފަތުރުވެރިން އަންނަ މިންވަރު މަދުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
މިއަހަރު ފަތުރުވެރިން އައުން މަދުވި ނަމަވެސް އަންނަ އަހަރު ފަތުރުވެރިން އަންނަން ފަށާނެ ކަމަށާއި، ޖީޑީޕީވެސް ރަނގަޅުވާނެ ކަމަށް އޭޑީބީން ވަނީ ލަފާކޮށްފައެވެ. އަދި ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ދުވެލީގައި ކުރިއަށްދާނެ ކަމަށް އޭޑީބީން ބުނެފައިވެއެވެ.