ކ. މާލެ
|
11 އޭޕްރިލް 2022 | ހޯމަ 22:56
ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަދި ރައީސް ގޮތަބަޔާ ރާޖަޕަކްސަ
ލަންކާގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ އަދި ރައީސް ގޮތަބަޔާ ރާޖަޕަކްސަ
ރޮއިޓަރސް
ލަންކާގެ ސިޔާސީ މަސްރަހު
އައު ބޮޑުވަޒީރަކާއެކު، ވަގުތީ ސަރުކާރަކަށް ލަންކާގެ އިދިކޮޅު ޕާޓީތަކުން ގޮވާލައިފި
ވަގުތީ ސަރުކާރެއް ގާއިމުކުރުމަށް ގޮވާލާފައިވާ 3 ޕާޓީ އަކީ މިދިޔަ ހަފުތާގެ ތެރޭގައި ސަރުކާރު ކޯލިޝަނާ ވަކިވި 3 ޕާޓީ
ޕާޓީތަކަށް ނިސްބަތްވާ 16 މަޖިލިސް މެމްބަރުން، ރައީސާ އަދި ބޮޑުވަޒީރާ ބައްދަލުކުރައްވާފައިވޭ
މައިގަނޑު ހުށަހެޅުމަކީ ލަންކާގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ހަމައަށް، ހުރިހާ ޕާޓީއެއް އެކުލެވޭ ސަރުކާރެއް ގާއިމުކުރުން

އައު ބޮޑުވަޒީރަކާއެކު ވަގުތީ ސަރުކާރެއް ގާއިމުކުރުމަށް ސްރީލަންކާގެ އިދިކޮޅު 3 ޕާޓީއަކުން ގޮވާލައިފިއެވެ.

ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ބޭބެ، މަހިންދަ ރާޖަޕަކްސަ ބޮޑުވަޒީރުކަމުގެ މަގާމުން ވަކިކުރައްވައި, ވަގުތީ ސަރުކާރެއް ގާއިމުކުރުމަށް ގޮވާލާފައިވާ 3 ޕާޓީ އަކީ މިދިޔަ ހަފުތާގެ ތެރޭގައި ސަރުކާރު ކޯލިޝަނާ ވަކިވި 3 ޕާޓީ ކަމަށް ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވެއެވެ.

ހޯމަ ދުވަހު މި ޕާޓީތަކުން މި ހުށަހެޅުން ހުށަހަޅާފައިވާއިރު، އެ ޕާޓީތަކަށް ނިސްބަތްވާ 16 މަޖިލިސް މެމްބަރުން, ރައީސާ އަދި ބޮޑުވަޒީރާ ބައްދަލުކުރައްވާފައިވާ ކަމަށް ރޮއިޓަރސްގައި ރިޕޯޓުކޮށްފައިވެއެވެ. އަދި އަންގާރަ ދުވަހަށް އިތުރު ބައްދަލުވުމެއް ތާވަލުކުރެވިފައިވާ ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

މި ޕާޓީތަކުން ހުށަހަޅާފައިވާ މައިގަނޑު ހުށަހެޅުމަކީ, ލަންކާގެ ކުރިއަށް އޮތް ރިޔާސީ އިންތިޚާބާ ހަމައަށް, ހުރިހާ ޕާޓީއެއް އެކުލެވޭ ސަރުކާރެއް ގާއިމުކޮށް، އައު ބޮޑުވަޒީރަކު އައްޔަނުކޮށް, ކެބިނެޓު އެކުލަވާލުމެވެ. އަދި ވީހާވެސް އަވަހަށް ގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކޮށް އިގުތިސާދު ހަމަޔަކަށްއަޅުވަން ޖެހޭކަމަށް އެޕާޓީތަކުން ފާހަގަކުރެއެވެ.

ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އައިއެމްއެފްގެ އެހީ ހޯދުމަށް އެ އިދާރާއާއެކު މަޝްވަރާތައް ފެށުމަށް ތައްޔާރުވަމުންދާއިރު، ލަންކާގައި ސިޔާސީ ހަމަނުޖެހުން އޮތުން ރަނގަޅު ނޫންކަމަށާއި, ހަމަޖެހޭ, އެންމެންވެސް ބަލައިގަންނަ ސަރުކާރެއް އޮތުން މުހިންމުކަމަށް އިދިކޮޅުންވެސް ގަބޫލުކުރެއެވެ.

ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ 22 މިލިއަން މީހުންގެ އާބާދީއަށް ވަނީ ކާބޯތަކެއްޗާއި، ބޭހާއި, ތެޔޮ އަދި ގޭސް ނުލިބުމުގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައެވެ. މިކަމުގެ ސަބަބުން ގައުމުގެ ސިޔާސީ މަސްރަހު ހަލަބޮލިވެގެން ގޮސްފައިވާއިރު، މިދިޔަ ހަފުތާގެ ތެރޭގައި ސަރުކާރުގެ 26 މެމްބަރުންގެ ކެބިނެޓް އެއްކޮށް އިސްތިއުފާދިން މަންޒަރު ފެނިގެންދިޔައެވެ. އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ 41 މަޖިލިސް މެމްބަރުން ކޯލިޝަނުން ބޭރުވި މަންޒަރުވެސް ފެނިގެންދިޔައެވެ. ނަމަވެސް އަދިވެސް މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ނުގެއްލޭކަމަށް ސަރުކާރުން ބުނެއެވެ.

ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި ސަރުކާރުގެ އިސްތިއުފާއަށް ރައްޔިތުން ގޮވަމުން ދިޔަނަމަވެސް، ރައީސާއި ބޮޑުވަޒީރުވެސް ވަނީ އިސްތިއުފާ ނުދެއްވާނެކަމަށް ވިދާޅުވެފައެވެ.

މިދިޔަ ހަފުތާގެ ތެރޭގައި ރައީސް ގޮތަބަޔާވެސް ވަނީ ހުރިހާ ޕާޓީތަކުން ގުޅިގެން ސަރުކާރު އެކުލަވާލުމަށް ހުށަހަޅުއްވާފައެވެ. ނަމަވެސް އިދިކޮޅުން އޭރު ބުނެފައި ވަނީ އެގޮތަށް މިހާރުގެ ސަރުކާރާ ގުޅެން ބޭނުންކަމަށެވެ.

ހޯމަ ދުވަހު ބޮޑުވަޒީރު ވަނީ ރައްޔިތުންނާ މުޚާތަބުކުރައްވައި, ކެތްތެރިވުމަށް އެދިވަޑައިގެންފައެވެ. ރައީސް ގޮތަބަޔާއާއެކު ގައުމު މިހާރު މިއޮތް ހާލަތުން އަރައިގަނެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވަމުން ގެންދަވާކަމަށް ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

ބޮޑުވަޒީރު ވަނީ ލަންކާގެ ދަނޑުވެރިންނަށް, ބައެއް ގަސްކާނާތަކުން އަލުން ސަބްސިޑީ ދޭން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ. އެގޮތުން މިއީ އޯރގަނިކް ގަސްކާނާއަށް ދިއުމަށް ބާރުއަޅަން އެންމެ ރަނގަޅު ވަގުތު ނޫންކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކަރަންޓުގެ މައްސަލައާއި, ކައްކާ ގޭސް, އަދި ބޭހުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވިއެވެ.

ބޮޑުވަޒީރު މިމޭރުމުން ވާހަކަދައްކަވާފައިވާއިރު، ކުރިއަށް އޮތް 6 މަސް ދުވަހުގެ ތެރޭގައި ތިން ބިލިއަން ޑޮލަރުގެ ބޭރު އެހީ ހޯދުމަށް މަސައްކަތްކުރާ ކަމަށްވެސް ލަންކާ ސަރުކާރުން ވަނީ ބުނެފައެވެ. އަދި އެގައުމުން އަދާކުރަންޖެހޭ ލޯނުތައް ފަސްކުރެވޭނެ ގޮތްތައް ހޯދުމުގެ މަސައްކަތްވެސް ލަންކާ ސަރުކާރުން ދަނީ ކުރަމުންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރު ނިމޭއިރު ލަންކާގެ ގްރޮސް ޑެޓް ސަރވިސިންގ އުޅޭނީ 7 ބިލިއަން އެމެރިކާ ޑޮލަރުގައެވެ. އަދި ކަރަންޓް އެކައުންޓް ޑެފިސިޓް އުޅޭނެކަމަށް ލަފާކޮށްފައި ވަނީ 3 ބިލިއަން އެމެރިކާ ޑޮލަރުގައެވެ.

މާޗު މަސް ނިމުނު އިރު ލަންކާގެ ފޮރިން ރިޒަރވްގެ ގޮތުގައި ހުރީ 1.9 ބިލިއަން އެމެރިކާ ޑޮލަރެވެ.

ލަންކާގެ މިހާރުގެ އިގުތިސާދީ ހާލަތާއެކު އާންމުންގެ ނުރުހުން ސަރުކާރަށާއި ރައީސް ގޮތަބަޔާއާއި ބޮޑުވަޒީރު ރާޖަޕަކްސަގެ އާއިލާއަށް ވަނީ އަމާޒުވެފައެވެ. އަދި އެގައުމުގެ އާންމުން ރައީސް އޮފީސް ސަރަހައްދުގައި މުޒާހަރާކުރާތާ މިހާރު ވަނީ ތިން ދުވަސްވެފައެވެ.

- ކޮމެންޓް