ކ. މާލެ
|
11 އޭޕްރިލް 2022 | ހޯމަ 13:00
ކުރީގެ ރައީސް އަބްދުﷲ ޔާމީން- ޔާމީނަށް 2 ދައުވާއެއް ވަނީ އުފުލާފައި
ކުރީގެ ރައީސް އަބްދުﷲ ޔާމީން- ޔާމީނަށް 2 ދައުވާއެއް ވަނީ އުފުލާފައި
ރާއްޖެއެމްވީ
އާރަށު ޚިޔާނަތުގެ މައްސަލަ
އާރަށު ޚިޔާނަތުގެ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅައިފި
ދެން މި މައްސަލައިގައި އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުން
މިއީ ރައީސް ޔާމީނު ފްރޭމް ކުރުމަށް ކޮށްފައިވާ ދައުވާއެއްކަމަށް ދިފާއުން ބުނޭ
ދައުވާ ކުރި އަސާސްތައް ސާފުކޮށް ބަޔާންވެގެން ވާނެ ކަމަށް ޕީޖީ އޮފީހުގެ ވަކީލާ ވިދާޅުވި

ފެލިދެއަތޮޅު އާރަށް ތަރައްޤީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން, މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ރިޝްވަތު ނެގި މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި އަޑުއެހުންތައް ކުރިއަށް ގެންދަނީ ރައީސް ޔާމީނާއި، މި މައްސަލައިގައި ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ ޔޫސުފް ނައީމްގެ މައްސަލަވެސް އެކުއެކީގައެވެ.

މި މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 31 މާރޗުގައެވެ. އެ އަޑުއެހުމުގައި އޮތީ ދިފާއީ ހެކި ހާމަކުރުމެވެ.

ހޯމަ ދުވަހުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލު ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާއެއްތޯ ނިންމެވުމުގެ ކުރިން ދެފަރާތަށްވެސް ވާހަކަދެއްކުމުގެ ފުރުސަތު ދެއްވާފައެވެ. ސަބަބަކީ ދައުވާ ލިބޭ ފަރާތްތަކުން އެގޮތަށް އެދިފައިވާތީއެވެ.

މި އަޑުއެހުމުގައި އެންމެ ފުރަތަމަ ރައީސް ޔާމީނުގެ ފަރާތުން އެމަނިކުފާނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. މުޙައްމަދު ޖަމީލު އަހުމަދު ވަނީ ވާހަކަދައްކަވާފައެވެ.

ޑރ. ޖަމީލް ވަނީ ހައިކޯޓުން ނިންމާފައިވާ ދެ ގަޒިއްޔާއަކާއި ޙަވާލާ ދެއްވާ (ޕްރޮސެކިއުޓަރ ޖެނެރަލް ވ އަހުމަދު މަޙުލޫފު އަދި ޙަސަން އިފްހާމް ވ ޕްރޮސެކިއުޓަރ ޖެނެރަލް) މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއް ނޫންކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ. ޑރ ޖަމީލް ވިދާޅުވި ގޮތުގައި މައްސަލައިގައި ހުށައެޅިފައިވާ ހެކިތަކަށް އެންމެ މަތީ ބުރަދަން ދޭއިރު، ދައުވާގެ ވާޤިއާތައް ސާބިތުވޭތޯ ފަނޑިޔާރު މި މަރުޙަލާގައި ބައްލަވަން ޖެހޭނެއެވެ.

މި މައްސަލައަށް ބަލާއިރު، މަޤާމުގެ ނުފޫޒު ބޭނުން ކުރެއްވިކަން ސާބިތު ކުރެއްވުމަށް ހުށައަޅާފައިވަނީ އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ކަމަށާއި، އެ ދެ ހެކިންނަކީ އެމީހުންގެ ހެކިބަހަށް ބާރު ލިބިދޭ އިތުރު ހެއްކެއް ނެތްނަމަ ބުރަދަން ދެވޭނެ ހެކިތަކެއް ނޫންކަމަށް ދާދި ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ވުމާއެކު، އެ ދެ ހެކިންގެ ހެކިބަހަށް އެންމެ މަތީ ބުރަދަން ދިން ކަމުގައި ވިޔަސް، އެ ހެއްކަށް ބާރު ލިބިދޭ އިތުރު ހެއްކެއް ދައުލަތުން ހުށައަޅާފައިނުވާކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވަނީ މިއީ ދައުލަތުން ހަދައިގެން ދައްކާ، އަދި ރައީސް ޔާމީނު ފްރޭމް ކުރުމަށް ކޮށްފައިވާ ދައުވާއެއްކަމަށް ތުހުމަތު ކުރައްވާފައެވެ.

އެއީ ދައުލަތުން ހަދައިގެން ދައްކާ ވާހަކަ، މިއީ ކޮންސްޕިރެސީއެއް، އެލަބޮރޭޓިވް ސްކީމެއް
ޑރ. މުޙައްމަދު ޖަމީލު އަހުމަދު

ޑރ. ޖަމީލް ވަނީ މިއީ ދިފާއުން ޖަވާބުދޭން ޖެހޭ ފަދަ ކޭސްއެއް ނޫންކަމަށް ވިދާޅުވެ، މި މައްސަލައިގައި އުފުލާފައިވާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދިވަޑައިގަންނަވާފައެވެ.

އެއަށްފަހު ޔޫސުފް ނައީމްގެ ފަރާތުންވެސް މައިގަނޑު ގޮތެއްގައި ވަނީ އެގޮތަށް އެދިފައެވެ. ޔޫސުފު ނައީމްގެ ފަރާތުން އޭނާގެ ވަކީލު ހަމްޒާ ލަތީފް ވިދާޅުވި ގޮތުގައި މި މައްސަލައިގައި ހިމެނެނީ ގުޅުމެއް ނެތް ދެ މުއާމަލާތެއްގެ ވާހަކައެވެ. އެގޮތުން މިއީ ފަރުދީ ގޮތުން ރައީސް ޔާމީނާއި ޔޫސުފް ނައީމާއި ދެމެދު ވެވިފައިވާ މުއާމަލާތެއް ކަމަށާއި، އެ މުއާމަލާތާއި، ޓޫޖީ ޕްރައިވެޓް ލިމިޓެޑުން ސަރުކާރަށް ދޫކުރި ރަށެއް ބައްލަވައިގަތުމުގެ މުއާމަލާތާއި ދައުލަތުން ގުޅުވާލާފައިވާކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވި ގޮތުގައި އެ ދެ މުއާމަލާތް ގުޅުވާލުމަށް ދައުލަތުން ހުށައަޅާފައިވާ ދެ ހެކިންނަކީ އެ ހެކިވެރިންގެ ހެކިބަހަށް ބާރު ލިބިދޭ އިތުރު ހެއްކެއް ނެތި ބުރަދަން ދެވޭނެ ހެކިތަކެއް ނޫންކަން ސުޕްރީމް ކޯޓުގެ ޙުކުމުން ސާފުވާކަމަށެވެ.

އެހެންނަމަވެސް، އެ ހެކިތައް ބަލައިގަތުމުގެ މަރުޙަލާއަކީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާ ކަމަށްވާއިރު، މިއީ ޖަވާބުދެވޭނެ ދައުވާއެއްކަން ގާޒީއަށް ހަގީގަތުގައި ކަނޑައެޅުއްވޭނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކުގެ މަރުޙަލާއަށްފަހުގައި ކަމަށް ދިފާއީ ވަކީލު ހަމްޒާ ލަތީފް ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދެއްކުމަށް ދެއްވި ފުރުސަތުގައި ދައުލަތުގެ ވަކީލާ ވިދާޅުވީ، ދައުލަތުން ފާހަގަކުރަން ބޭނުންވާ ނުކުތާތައް މައިގަނޑު ގޮތެއްގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިއީ ރައީސް ޔާމީނު ފްރޭމް ކުރުމަށް ކުރާ ދައުވާއެއްކަމަށް ދިފާއުން ބުނާތީ ދައުލަތުން ވަނީ އެކަމަށް ރައްދު ދީފައެވެ. އެގޮތުން ދައުވާކުރި އަސާސްތައް ސާފުކޮށް ބަޔާންވެގެން ވާނެ ކަމަށާއި، މިއީ ވަކި ހެއްކެއް ބަލައިގަތުމާއި ނުގަތުމުގެ މަރުޙަލާއެއް ނޫންކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ޝަކީލު ވަނީ މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ދައުވާތަކެއްކަމަށް ކަނޑައަޅުއްވާފައެވެ. ދެން މި މައްސަލައިގައި އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތައް ހުށައެޅުމެވެ. އެ އަޑުއެހުން އޮންނާނީ މެއި މަހުގެ 25 ވަނަ ދުވަހުއެވެ.

- ކޮމެންޓް
11 އޭޕްރިލް 2022 | ހޯމަ 20:55
ވަގުބެ
މިކަލޭގެ ފެނުނަސް ބަނޑު ސަކަރާތްވެ