ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި އިމާރާތްކޮށްފައިވާ އައު ސީޕްލޭން ޓާމިނަލް ހުޅުވުން މެއި މަހަށް ފަސްކޮށްފިއެވެ.
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީލް) ބުނީ ޓާމިނަލް ހުޅުވާ ތާރީޚު މިހާރު އަންނަ މަހުގެ 15އަށް ބަދަލުކޮށްފައިވާ ކަމަށެވެ. ޓާމިނަލްގައި ކުރަންޖެހޭ ބައެއް މަސައްކަތްތައް އަދިވެސް ކުރިއަށްދާ ކަމަށާއި ކޮވިޑާއި ގުޅިގެން މަސައްކަތަށް ލަސްކަމެއް އައިކަމަށް އެމްއޭސީއެލުން ވަނީ ފާހަގަކޮށްފައެވެ.
ކުރިން ސީޕްލޭން ޓާމިނަލް މި އަހަރުގެ އޭޕްރީލް މަހުގައި ހުޅުވާ ގޮތަށް ވަނީ ނިންމާފައެވެ. ޗައިނާގެ ބީޔޫސީޖީ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މި މަޝްރޫއުގެ އަގަކީ 55 މިލިއަން ޑޮލަރު (848.1 މިލިއަން ރުފިޔާ)އެވެ. މި ޓާމިނަލް އިމާރާތް އެޅުމަށް ހުޅުލޭ އިރުމަތީ ފަރާތުން 2.3 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އައު ޓާމިނަލާއެކު އޮންނަ ފަޅުގެ ސަރަހައްދަކީ އެ ތަނުގައި އެއްފަހަރާ 100 މަތިންދާ ބޯޓަށް ޚިދުމަތް ދެވޭނެ ޖާގައިގެ ތަނަވަސްކަން ހުރި ތަނެކެވެ.
އިމާރާތް ނިންމައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ހަތަރު ވަނަ ދުވަހު ބީޔޫސީޖީިން ވަނީ އެމްއޭސީއެލްއާއި ޓާމިނަލް ހަވާލުކޮށްފައެވެ. އެމްއޭސީއެލް އިން ބުނެފައިވަނީ އިމާރާތް އެއްކޮށް އެއް ކުންފުންޏަކާއި ހަވާލުނުކޮށް އޮޕަރޭޓުކުރާނީ އެމްއޭސީއެލް އިން ކަމަށެވެ.
ރާއްޖޭގައި ސީޕްލޭންގެ ޚިދުމަތް ތިން ކުންފުންޏަކުން މިހާރު އަންނަނީ ދެމުންނެވެ. އެއީ ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)، މަންތާ އެއާ އަދި މޯލްޑިވިއަންއެވެ.
އައު ސީޕްލޭން ޓާމިނަލެއް ހަދާފައި މިވަނީ ޓީއެމްއޭއިން މިހާރު ބޭނުންކުރާ ސީޕްލޭން ޓާމިނަލްގެ ސަބަބުން އެއާޕޯޓުގައި އަލަށް ހަދާފައިވާ ރަންވޭ ބޭނުން ނުކުރެވޭތީ އެވެ. އައު ރަންވޭ ބޭނުން ކުރެވެން އަންނަނީ ސީޕްލޭން ޓާމިނަލް ނަގައި އެ ސަރަހައްދު ސާފުކުރުުމުންނެވެ. އައު ރަންވޭ ބޭނުންކުރަން ފެށުމުން އެއާޕޯޓުގެ ތޮއްޖެހުމުގެ މައްސަލައަށް ލުއި ލިބޭނެކަމަށް ލަފާކުރެވެއެވެ.