ކ. މާލެ
|
7 އޭޕްރިލް 2022 | ބުރާސްފަތި 18:47
ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލު
ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލު
ސޯޝަލްމީޑިއާ
ހއ މަޑުލުން ވެލި ނެގުމުގެ މައްސަލަ
ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލުން ވެލި ނަގައި ބޭނުންކުރާ މައްސަލައިގައި އެއްލައްކަ ރުފިޔާގެ ޖޫރިމަނާއެއް
ޖޫރިމަނާ ކުރިކަން މިނިސްޓްރީންވެސް ކަށަވަރު ކޮށްދޭ
އެ ރަށް ނަގާފައިވާ ފަރާތް ޖޫރިމަނާ ކުރުމަށް ނިންމީ ބުރާސްފަތި ދުވަހު
އެ މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އީޕީއޭއިންވެސް ދަނީ ބަލަމުން

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލުކިޔާރަށުން،، ވެލި ނަގައި ގާއަޅާ މައްސަލައިގައި އެ ރަށް ނަގާފައިވާ ފަރާތް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ނިންމައިފިއެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށް ނަގާފައިވާ ފަރާތް ޖޫރިމަނާ ކޮށްފައިވަނީ ހއ. މަޑުލު ތުނޑިން ގަވާއިދާ ޚިލާފަށް ވެލި ނަގައި އެޅިގާ އަޅައިގެން ވިއްކަމުންދާ މައްސަލައިގައެވެ.އެގޮތުން އެ ރަށަކީ ދަނޑުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ރަށެއް ނަމަވެސް، އެ ރަށުގައި ދަނޑުވެރިކަމާ ގުޅުންހުރި އެއްވެސް މަސައްކަތެއް ކުރިއަށް ނުދާކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވެއެވެ.

އެރަށަށް ދާދި ފަހުން ފިޝަރީޒް މިނިސްޓްރީގެ ޓީމެއް ވަނީ ގޮސްފައެވެ. އަދި އެ ރަށުގައި އެސެސްމަންޓުތަކެއް ހަދާފައިވާއިރު، ރަށް ދޫކުރި ބޭނުމާއި ޚިލާފަށް އެ ރަށުގެ ބޭނުން ކުރަމުންދާކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. ވުމާއެކު، އެ ރަށް ނަގާފައިވާ ފަރާތް ޖޫރިމަނާ ކުރުމަށް ނިންމީ ބުރާސްފަތި ދުވަހުއެވެ.

އެކަން އެ މިނިސްޓްރީގެ އޮފިޝަލަކު ވަނީ ރާއްޖެއެމްވީއަށް ކަށަވަރުވެސް ކޮށްދެއްވާފައެވެ.

އޭނާ ވިދާޅުވި ގޮތުގައި ރަށް ދޫކުރިއިރު އެގްރީމަންޓުގައި ބަޔާންކޮށްފައިވާ ކަންކަންފިޔަވާ އިތުރު ކަންކަމަށް އެ ރަށް ބޭނުން ކުރާނަމަ، ޖޫރިމަނާ ކުރެވޭނެކަމަށް އެގްރީމަންޓުގައިވެސް ބަޔާން ކޮށްފައި އޮންނާނެއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިނިސްޓްރީން މިހާރު ވަނީ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް އެންވަޔަރމަންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އަށްވެސް އަންގާފައެވެ. އަދި އެކަމާ ގުޅޭ މައްސަލަތަކެއް އެކި ފަރާތްތަކުން ވަނީ ފުލުހުންނަށްވެސް ހުށައަޅާފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން އީޕީއޭގެ ޑިރެކްޓަ ޖެނެރަލް މުހައްމަދު ނައީމް ވިދާޅުވީ، އެ މައްސަލައިގައި އަޅަންޖެހޭ ފިޔަވަޅުތައް މިހާރު އީޕީއޭއިން ބަލަމުންދާ ކަމަށެވެ. އެގޮތުން ފުލުހުންވެސް އެކަން ތަހުގީގު ކުރުމަށްފަހު އީޕީއޭއަށް ރިޕޯޓު ހިއްސާ ކޮށްފައިވާއިރު، ޤަވާއިދާ ޚިލާފަށް އެ ރަށުން ވެލި ނަގަމުންދާކަން ރިޕޯޓުންވެސް އެނގޭކަމަށް އޭނާ ވިދާޅުވިއެވެ.

އެރަށުން ވެލި ނަގަމުން ދަނީ ރާއްޖޭގައި ތެލުގެ ވިޔަފާރި ކުރުމަށް މަޝްހޫރު ކުންފުންޏަކުން ކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެއެވެ. އެގޮތުން އެކަމާ ގުޅުންހުރި ވީޑީއޯތައްވެސް މީގެ ކުރިން ސޯޝަލް މީޑިއާގައި ވައިރަލްވެފައިވެއެވެ.

Advertisement

Advertisement
- ކޮމެންޓް