އެމްބިއުލާންސްގެ ބޭނުން ޖެހިފައިވާ އިތުރު 20 ރަށަކަށް އެމްބިއުލާންސް ފޮނުވައިފިއެވެ.
ސިއްހީ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން އަތޮޅުތެރެއަށް ބޭނުންވާ 96 އެމްބިއުލާންސް ގެނައުމުގެ ޕްރޮގްރާމެއް ސަރުކާރުން ވަނީ ފަށާފައެވެ. މިގޮތުން 96 އެމްބިއުލާންސް ގެނައުމަށް މިނިސްޓްރީ އޮފް ފިނޭންސްއާއި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއެކު، މިނިސްޓްރީ އޮފް ހެލްތުން ވަނީ މިދިޔަ އަހަރުގެ ޖޫން މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން މިހާތަނަށް އެކި ފަހަރު މަތިން އެމްބިއުލާންސް ރާއްޖެ ގެނެވި، ރަށްތަކަށް ވަނީ ފޮނުވާފައެވެ.
މި މަސައްކަތުގެ ތެރެއިން އަނެއްކާވެސް އިތުރު 20 ރަށަކަށް އެމްބިއުލާންސް ފޮނުވާފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ. މިފަހަރު އެމްބިއުލާންސް ފޮނުވި ރަށްތަކަކީ ހދ. ފިނޭ، ހދ. ކުރިނބީ، ހދ. ނޭކުރެންދޫ، ށ. ފޭދޫ، ށ. ފީވައް، ރ. މާކުރަތު، ރ. އަނގޮޅިތީމު، ރ. އިންނަމާދޫ، ނ. ވެލިދޫ، ނ. މާޅެންދޫ، ކ. ދިއްފުށި، ކ. ގުރައިދޫ، ކ. ގާފަރު، އއ. ރަސްދޫ، އދ. ދިގުރަށް، ތ. ވިލުފުށި، ގއ. ކަނދޮޅުދޫ، ގދ. ނަޑެއްލާ، ޏ. ފުވައްމުލައް، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލެވެ. އަދި މާލޭގައި ހުންނަ އިމަރޖެންސީ މެޑިކަލް ސަރވިސަސްއަށް އެމްބިއުލާންސް ފޯރުކޮށްދީފައިވާކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.
މިނިސްޓްރީން ބުނީ މި އެމްބިއުލާންސްތައް ރާއްޖެއަށް ލިބުނީ މިދިޔަ މާރޗް މަހުގެ 19 ވަނަ ދުވަހު ކަމަށެވެ. އަދި މިއީ ހަތަރު ވަނަ ބެޗު ކަމަށް ހެލްތް މިނިސްޓްރީން ބުނެފައިވެއެވެ.
މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެފައިވަނީ މާޗް ނިމޭ ހިސާބުގައި ބާކީ ހުރި ހުރިހާ އެމްބިއުލާންސްތައް ލިބި ރަށްތަކަށް ފޯރުކޮށްދެވޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.
އަތޮޅުތެރޭގެ ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ހައްލުކުރުމަށް 22 ރަށެއްގެ ސިއްހީ މަރުކަޒުތަކަށް ސިޔާސީ ގޮތުން އައްޔަންކުރައްވާފައިވާ ބޭފުޅުން ވަނީ މާލެ ވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އާއި ބައްދަލުކުރައްވާފައެވެ. ސިއްހީ މަރުކަޒުތަކުގައި ހުރި މައްސަލަތައް ރައީސް އާއި ހިއްސާކުރައްވާފައިވާއިރު، މީގެ ތެރެއިން އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ އެމްބިއުލަންސް ނެތުމުގެ މައްސަލައެވެ. މިކަމަށް އަވަސް ހައްލެއް ގެނެސްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.