ސްރީލަންކާގެ ސަރުކާރާ ދެކޮޅަށް ހިންގޭހަރަކާތްތައް ފުލާވެގެން ދިޔަނަމަވެސް މަގާމުން އިސްތިއުފާނުދެއްވާނެކަމަށް ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.ރައީސް ވިދާޅުވީ މިއީ އެނބުރި ދާންވީ ވަގުތު ނޫންކަމަށާ ގައުމަށް ކުރިމަތިވެފައިވާ ދަތިހާލަތުން ސަލާމަތް ވުމަށް އިތުރަށް މަސައްކަތް ކުރަންވީ ވަގުތު ކަމުގައެވެ. މިގޮތުން ގާނޫނު ހަދާ މަޖިލީހުގައި އެންމެ ބޮޑު އަޤުލަބިއްޔަތު އޮތް ޕާޓީ އަކާ ސަރުކާރު ހަވާލު ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ރައިސް ވަނީ ވިދާޅުވެފައެވެ.
ރައީސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް އޭގެ ކުރިން ސަރުކާރުގެ އިސް މިނިސްޓަރަކުވެސް ވަނީ ވިދާޅުވެފައެވެ. މިގޮތުން ލަންކާގެ ހައިވޭ މިނިސްޓަރު ޖޯންސްޓަން ފަރނަންޑޯ ވަނީ ރައީސް ގޮތަބަޔާ މަގާމާ ހަވާލުވެވަޑައިގަތީ 6.9 މިލިއަން މީހުންގެ ވޯޓުން ކަމަށާއި އެހެންކަމުން ގައުމަށް މިހާރު ކުރިމަތިވެފައި މިވާ ހަލަތާއެކު ރައީސް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވަނީ މިއީ މުޅި ސަރުކާރުން ބުނާ ވާހަކައެއް ކަމަށާއި، ގައުމަށް ދިމާވެފައިވާ ކާރިސާއިން އަރައިގަތުމަށް ހިތްވަރު އެލުވާނުލާ މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެވެ.
މިފަހުގެ ތާރީހެއްގައި ލަންކާއަށް ދިމާވެފައިވާ އެންމެ ބޮޑު އިގުތިސާދީ ކާރިސާއާއެކު އެގައުމުގެ އެތައް ހާސް ރައްޔިތުންނެއް ދަނީ މަގުތަކަށް ނުކުމެ ސަރުކާރާރަށް ނުރުހުން ފާޅުކުރަމުންނެވެ.
ލަންކާގެ ރައްޔިތުންނަށް ވަނީ ކާބޯތަކެއްޗާ، ބޭސް އަދި ތެލާ ގޭސް ލިބުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. ފަރުވާ ދިނުމަށްފަހު ދޭނެ ބޭސް ގައުމުން ނުލިބޭއިރު، މަދު ހަފުތާ ތަކެއްގެ ތެރޭގައި މުޅި ގައުމުގެ ސިއްހީ ނިޒާމު ފެއިލްވާނެ ކަމުގެ ބިރު އެބައޮތް ކަމަށް ޑޮކްޓަރުން ދަނީ ބުނަމުންނެވެ.
ގައުމުގެ ހާލަތު އެއްދުވަހުން އަނެއް ދުވަހަށް ގޯހުން ގޯހަށް ދާތީ އެކަންތައް ހައްލު ކުރުމަށް މަސައްކަތްކުރުމުގެ ގޮތުން ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ކާފިއު އިއުލާނުކުރި ނަމަވެސް މަގުތަކަށް ނުކުމެ އަޑު އުފުލާ މީހުންގެ އަދަދު އެގައުމުގައި ދަނީ އިތުރުވަމުންނެވެ.