އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވާދަކުރައްވާނެ ކަމަށް ގާސިމްގެ އެޑްވައިޒަރު އިލްހާމް އަހުމަދު ވިދާޅުވެއްޖެއެވެ.
އިލްހާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި އެއްވެސް ބަޔަކާއެކު ޖުމްހޫރީ ޕާޓީން ކޯލިޝަން ހެދުމާމެދު ޕާޓީގެ ކައުންސިލްގައި ވިޔަސް އަދި ލީޑަރޝިޕް ލެވަލްގައި ވިޔަސް މިހާތަަނަށް އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށެެވެ. ޖުމްހޫރީ ޕާޓީގެ ކޮންގްރެސުން ނުވަތަ ޕާޓީގެ ކައުންސިލުން އެހެން ގޮތެއް ނުނިންމާހާ ހިނދަކު ޕާޓީގެ ކެންޑިޑޭޓަކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަ ކުރާނެ ކަމަށް އިލްހާމު ވިދާޅުވިއެވެ.
އިލްހާމް އިތުރަށް ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން އެހެން ގޮތަކަށް ނުނިންމާހާ ހިނދަކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޕާޓީގެ ފަރާތުން ވާދަ ކުރައްވާނީ ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމް ކަމަށެވެ.
ޖުމްހޫރީ ޕާޓީން މިހެން ބުނެފައިވާއިރު އެންމެ ގިނަ ވޯޓު ލިބޭ ކެންޑިޑޭޓަށް ރިޔާސީ އިންތިޚާބު ކާމިޔާބުވާ ގޮތަށް ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ޖެހޭ ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4ވަނަ ދައުރުގެ 2ވަނަ ޖަލްސާގައި ވާހަކަފުޅު ދައްކަަވަމުންނެވެ.
2023ގައި އޮންނަ ރިޔާސީ އިންތިޚާބަށް ތައްޔާރީތައް ވާން ފަށާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ބުނެފައެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ މިހާރުވެސް އިންތިޚާބުގެ ނަތީޖާ ހަދާ ސޮފްޓްވެއާ އަޕްޑޭޓްކުރުމުގެ ޕްލޭންތަކެއް ހަދަމުންދާ ކަމަށެވެ. އެއީ މީގެކުރިން ހަދާފައިވާ ސޮފްޓްވެއާތަކަށް ވުމާއެކު އައިޓީ ދާއިރާއަކީ ވަރަށް އަވަހަށް ބަދަލުވަމުން އަންނަ ދާއިރާއަކަށްވާތީ، މިހާރާއި އެއްގޮތަށް ސޮފްޓްވެއާތަކަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށް ފުއާދު ވިދާޅުވިއެވެ.
މިހާރު ބޭނުންކުރަމުންދާ ނެޓް ބުކްތަކާއި ޓެބްލެޓްތައްވެސް ބަދަލު ކުރަންޖެހޭކަމަށް ފުއާދު ވިދާޅުވިއެވެ. ނެޓް ބުކްތަކަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ބޭނުންކުރުމަށް ގެނެސްފައިވާ ނެޓް ބުކްތަކެވެ. އެޓެބްލެޓްތައް ހޯދާފައިވަނީ މީގެ ފަސް އަހަރު ކުރިންނެވެ.
ފުއާދު ވިދާޅުވީ މިހާރު ހުރި މިފަދަ ވަސީލަތްތަކާއި ގުޅޭގޮތުން ދިރާސާތައް ކުރެވި އިތުރަށް ބޭނުންވަނީ ކިހާ ތަކެއްޗެއްތޯ ދެނެގަތުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. މީގެއިތުރުން މީގެކުރިން ކުރެވިފައިވާ ތަޖުރިބާއަށް ބަލާ ދެން އޮންނަ ރިޔާސީ އިންތިޚާބުގައި އިސްލާހުކުރަން ހުރީ ކޮންކަން ތައްތަކެއްތޯވެސް ބަލަމުންދާ ކަމަށް ފުއާދު ވިދާޅުވިއެވެ. އެކަންކަމާއި ގުޅޭގޮތުން ދިރާސާތައް ކުރެވި މަޝްވަރާތައް ކުރަމުންދާ ކަމަށް ފުއާދު ވިދާޅުވިއެވެ.