ކ. މާލެ
|
1 އޭޕްރިލް 2022 | ހުކުރު 22:17
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް
ރައީސް އޮފީސް
ރަމަޟާން މަސް
ރަމަޟާން މަހާ ބައްދަލުވިއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ އާންމު ހާލަތަށް ރުޖޫއަ ވެވިފައި ވުމުން: ރައީސް ސާލިހް
މި މަތިވެރި ފުރުޞަތުގެ ބޭނުން ރަނގަޅަށް ހިފަން ޖެހޭ

މިއަހަރުގެ ރަމަޟާން މަހާ ބައްދަލުވިއިރު، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޯވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ރުޖޫޢަ ވެވިފައިވުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 1443 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ހިތާބުގައެވެ. މިގޮތުން، ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ މިސްކިތްތަކުގައި ޖަމާޢަތުގައި ނަމާދުކޮށް، ދީނީ ގޮތުން އަދާކުރަން ޖެހޭ އެންމެހައި އަޅުކަންތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް މަގު ތަނަވަސްވެފައިވާތީ ކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި އެމަނިކުފާނު ވަނީ މި މަތިވެރި ފުރުޞަތުގެ ބޭނުންހިފައި، ފުރިހަމަ އަށް ރޯދަހިފުމާއި ތަރާވީޙް ނަމާދު ކުރުމާއި ކީރިތި ޤުރްއާން ކިޔެވުމުގައި ހީވާގިވެ، ރޫޙާނީ ދިރުން އިތުރު ކުރުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ރަމަޟާން މަހަކީ ރަޙްމަތުން ފުރިގެންވާ، ފުއްސެވުމާއި ދިންނެވުމުގެ މައްސަރަކަށްވާތީ، އަނެކާއަށް އޯގާތެރިކަން އިސްކުރުމާއި އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އާލާކުރުމާއި، މަޢާފްކުރުމާއި، ހިތްހެޔޮކަމާއި އެކުވެރިކަމާއެކު މުޢާމަލާތުކުރުމުގެ ރީތި އާދަތައް ލިބިގަތުމަށް ގަދައަޅައި މަސައްކަތް ކުރުމާއި އެކަކު އަނެކަކަށް އެހީތެރިވެ، އަނެކުންގެ ބުރަތަކާއި ދަތިތައް ފިލުވައިދީ އިންސާނިއްޔަތުކަން އިސްކުރުމަކީ، މި މަހުގެ ދަރުމަ އާއި ޘަވާބު އެތައް ގުނައަކަށް އިތުރުވެގެންދާނޭ ކަންތައްތައްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރަމަޟާން މަހަކީ ކީރިތި ޤުރްއާނުގެ ހިދާޔަތުން މުޅި އިންސާނިއްޔަތަށް އަލިކޮށްދިން މައްސަރު ކަމަށްވާތީ، ގިނަގިނައިން ޤުރްއާން ކިޔެވުމުގެ އާދަ ހަރުލެއްވުމާއި ދީނީ ވާޖިބުތައް ފުރިހަމައަށް އަދާކޮށް، ސުންނަތް އަޅުކަންތަކަށް ފަރުވާތެރިވެ، ރޭއަޅުކަމަށް ސަމާލުކަން ދިނުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި ފާހަގަކުރެއްވިއެވެ.

- ކޮމެންޓް