ކ. މާލެ
|
1 އޭޕްރިލް 2022 | ހުކުރު 07:14
ގައިސް ސައީދު - ޓިއުނީޝިއާގެ ރައީސް
ގައިސް ސައީދު - ޓިއުނީޝިއާގެ ރައީސް
ރޮއިޓަރސް
ޓިއުނީޝިއާގެ މަޖިލިސް އުވާލުން
ޓިއުނީޝިއާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފި
ރައީސް ގައިސް މަގާމާއި ހަވާލުވެވަޑައިގެންނެވީ 2019 ވަނަ އަހަރު
ފާއިތުވި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޮޑުވަޒީރުކަމަށްވެސް އައު ބޭފުޅަކުވަނީ އައްޔަނުކުރައްވާފައި

ޓިއުނީޝިއާގެ ގާނޫނު ހަދާ މަޖިލިސް އުވާލައިފިއެވެ.

ގާނޫނު ހަދާ މަޖިލިސް އުވާލެއްވިކަން އިއުލާން ކުރައްވަމުން އެ ގައުމުގެ ރައީސް ގައިސް ސައީދު ވިދާޅުވީ، މިއީ ގައުމީ މަސްލަހަތަށް އެޅުއްވި ފިޔަވަޅެއް ކަމަށެވެ.

ގާނޫނު ހަދާ މަޖިލިސް އުވާލި މި ދަނޑިވަޅަކީ، ޖަލްސާތައް މެދު ކަނޑާލައި، މަޖިލިސް ބަންދު ކޮށްފައިވަނިކޮށް ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މެމްބަރުން ޖަލްސާއެއް ބާއްވާފައިވާ ދަނޑިވަޅެކެވެ. އެ މެންބަރުންގެ އަމަލުތަކުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކާ އެބައޮތް ކަމަށް ބުނެ ޓިއުނީޝިއާގެ ސަރުކާރުން ވަނީ، ޖިނާއީ ތަހުގީގެއް ކުރުމަށްވެސް ނިންމާފައެވެ.

ގާނޫނު ހަދާ މަޖިލިސް އުވާލުމަށް ރައީސް ގައިސް ނިންމެވުމާއި ގުޅިގެން އިދިކޮޅު އެންމެ ބޮޑު ޕާޓީގެ ރައީސް ވަނީ އެ ނިންމެވުން ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި ޕޮލިޓިކަލް ސިސްޓަމް އަލުން އެކުލަވާލުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިޔުންވެސް ބޮއިކޮޓް ކުރާ ކަމަށް އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އިސްލާމިކް އިނާދާ ޕާޓީގެ ރައީސް ރާޝިދު ޣަނައުޗީ ވަނީ ވިދާޅުވެފައެވެ. ރާޝިދަކީ ގާނޫނު ހަދާ މަޖިލީހުގެ ރައީސްވެސްމެއެވެ.

ގާނޫނު ހަދާ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށްފަހު ކޯޓުތަކާއި ފަނޑިޔާރުންވެސް ވަނީ އެޤައުމުގެ ރައީސްގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. އަދި ފާއިތުވި އަހަރުގެ ޖުލައި މަހުގެ ތެރޭގައި ބޮޑުވަޒީރުކަމަށްވެސް އައު ބޭފުޅަކުވަނީ އައްޔަން ކުރައްވާފައެވެ.

މި ކަންކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް، ގިނަ އަދަދެއްގެ ރައްޔިތުންވަނީ މަގުތަކަށް ނުކުމެ ސަރުކާރާއި ދެކޮޅަށް މުޒާހަރާވެސް ކޮށްފައެވެ. ރައްޔިތުން ބުނަމުން ދިޔައީ ރައީސް ގައިސް އަކީ ޚުދުމުޚުތާރު ވެރިއެއް ކަމަށެވެ. ރައީސް ގައިސް މަގާމާއި ހަވާލުވެވަޑައިގެންނެވީ 2019 ވަނަ އަހަރުއެވެ.

- ކޮމެންޓް