ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ) ގައި ބޭއްވި ވަރލްޑް ގަވަރންމަންޓް ސަމިޓްގައި ބައިވެރިވެވަޑައިގެންފިއެވެ.
މި ސަމިޓްގެ ފުރަތަމަ ޕެނަލް ޑިސްކަޝަން "އަވަރ ރައިސިންގ ބްލޫ ވޯޓަރސް: ގަވަރންމެންޓްސް ކޮމްބެޓިންގ ކްލައިމެޓް ޗޭންޖް" ގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އައިމިނަތު ޝައުނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ ވަރލްޑް ގަވަރންމަންޓް ސަމިޓްގެ 8 ވަނަ އެޑިޝަން ބާއްވާފައިވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ސީދާ އިރުޝާދުގެ ދަށުންނެވެ.
ވަރލްޑް ގަވަރންމަންޓް ސަމިޓް 2022 ގައި ޕެންޑެމިކަށްފަހު ދުނިޔެއަށް އަންނަމުންދާ ބަދަލުތަކާ ދުނިޔެއަށް ވެގެންދާނެގޮތް ވަޒަންކޮށް، ޕެންޑަމިކްގެ ފަހުގެ ޒަމާނެއްގެ މުސްތަޤްބަލް ތަޞައްވުރުކުރާނެއެވެ. އެކި ޤައުމުތަކުގެ ލީޑަރުންނާއި އެކިއެކި ފަންނުތަކުން ފުންނާބުއުސް ފަރާތްތަކާއި ކަންކަމުގައި ގޮތްނިންމާ ފަރާތްތައް މި ސަމިޓްގައި ބައިވެރިވެވަޑައިގެން ޚިޔާލުބަދަލުކުރައްވައި، ތަރައްޤީގެ އެކިއެކި ސިޔާސަތުތައް ބައްޓަންކުރެއްވުމަށް މަގުފަހި ކުރައްވާނެއެވެ.
އެކި ޤައުމުތަކަށް ކުރިމަތިވާ ވަކިވަކި ގޮންޖެހުންތަކަށް ހައްލު ހޯދުމަށްޓަކައި ޙިޔާލު ބަދަލުކުރެވި ބެސްޓް ޕްރެކްޓިސްތަކާއި ސްމާޓް ސޮލިއުޝަންތައް ހޯދުމަށް މި ސަމިޓަކީ އެކަށޭނަ ޕްލެޓްފޯރމް އެކެވެ. އެގޮތުން މި ބައްދަލުވުންތަކަށް ހާޒިރުވާ ޕަބްލިކް އަދި ޕްރައިވެޓް ސެކްޓަރުގެ ބޭފުޅުން އެއްތަންވެ އެކި ކަންކަމުގައި ވިސްނުންފުޅާކޮށް، ސަރުކާރުތަކާއި އުފެއްދުންތެރި ޙިޔާލާއި ދެމެދު ހުރި ގޮންޖެހުންތައް ގިރާކޮށް ތަރައްޤީއާއި ފުދުންތެރިކަން ކުރިއެރުވުމަށް މަގުފަހިކުރެވިގެންދާނެއެވެ.
މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޔޫ.އޭ.އީ. ގެ ދުބާއީއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ، އައިމިނަތު ޝައުނާ އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ، ފޮރިން ރިލޭޝަންސް، އިބްރާހީމް ހޫދު ބައިވެރިވެވަޑައިގަންނަވައެވެ.