ދުނިޔޭގެ ގިނަ ބަޔަކު ބޭނުން ކުރަމުން އަންނަ ސޯޝަލް މީޑިއާގެ އެންމެ ބޮޑު އެއް ނެޓްވޯކް ކަމުގައިވާ ޓްވިޓާރ އިން، ކުރާ ޓްވީޓްތައް އެޑިޓް ކުރެވޭ ގޮތް ހަދަން ވިސްނާ ކަމަށް ޓްވިޓާރ ކުންފުނީގެ ސީއީއޯ ޖެކް ޑޯރސޭ ބުނެފިއެވެ.
ޓްވީޓެއްކޮށް ދޫކޮށްލުމަށް ފަހު ، އެތަށް ބަޔަކަށް ފެނި ރީ ޓްވީޓްކުރާ ފަހުން އެއިން ކުށެއް ފެނިއްޖެ ނަމަ، އެންމެ އަވަހަށް ހިތަށް އަރާނީ، އަލުން ރަނގަޅު ކޮށްލެވުނެ ނަމަ ކިހާ ރަނގަޅު ބާއެވެ. މިއީ އެންމެން ވެސް ހިތަށް އަރާއެއްޗެކެވެ. އެޑިޓް ނުކުރެވުމުން ދެން ޖެހެނީ ގަންނާ ކުރައްވާ ލަދުން އެ ޓްވީޓް އެއްކޮށް ޑިލީޓްކޮށްލާށެވެ.
ޓްވިޓާރ ބޭނުންކުރަމުންދާ އެންމެން ވެސް މިހުރިހާދުވަހު ކުރަމުން ދިޔަ އެންމެބޮޑު އެއް ޝަކުވާއަކީ ވެސް މިއީ އެވެ. ޓްވީޓް އެޑިޓް ނުކުރެވޭ މައްސލައެވެ. މިމައްސަލަ އަބަދުވެސް ޓްވިޓާރ ކުންފުންޏަށް އެކި ގޮތްގޮތަށް ދަނީ ހުށައެޅެމުންނެވެ.
މަޝްހޫރު ހޮސްޕިޓެލިޓީ އަދި ރިއަލްއެސްޓޭޓް ކުންފުނި "އެއާބީއެންބީ" ގެ ސީއީއޯ ބްރައިން ޗެސްކީގެ ކިބައިން 2017 ވަނަ އަހަރު ޓްވިޓާއަށް ގެންނަން ފެންނަ ބަދަލަކާ ގުޅޭ ގޮތުން ހިޔާލެއް ހޯދުމަށް ހުށައެޅުމާ ހަމައަށް ޓްވީޓްގައި އެޑިޓް ކުރެވޭ ބަޓަންއެއް ލުމާ މެދު އެ ނެޓްވޯކް ބޭނުންކުރާ ފަރާތްތަކުގެ ޝަކުވާތަކަށް އެކުންފުނިން މިހާތަނަށް ވެސް ދިނީ ބީރު ކަންފަތެކެވެ.
އެހެންނަމަވެސް ބްރައިން ޗެސްކީގެ ޚިޔާލާ އެކު 2017 ވަނަ އަހަރު ޓްވިޓާއަށް ގެންނަން ފެންނަ ބަދަލަކާ ގުޅޭ ގޮތުން ޓްވިޓާރ ކުންފުގެ ސީއީއޯ ޖެކް ޑޯރސޭ އޭނާގެ އަމިއްލަ ޓްވިޓާ މެދުވެރިކޮށް މި ނެޓްވޯކް ބޭނުންކުރާ ފަރާތްތަކާ ވަނީ ސުވާލުކޮށްފައެވެ. ދަނޑިވަޅުގެ ބޭނުންހިފާ އެންމެ ގިނަ މީހުން ބުނެފައި ވަނީ އެންމެ ބޭނުން ވަނީ، އެޑިޓް ބަޓަނެއް ކަމަށެވެ.
މީގެ އިތުރުންވެސް ތަފާތު އެކި އެކި ބަދަލުތައް ގެނައުމަށް ގިނަބަޔަކު ވަނީ ޚިޔާލު ހުށައަޅާފައެވެ. ނަސީބު ރަނގަޅުކަމުން ޑޯސޭ ހުރީ ޓްވިޓާރ ބޭނުންކުރާ ފަރާތްތަކުން ހުށައަޅާ ޚިޔާލުތައް ބަލައިގަނެ އެއަށް ޖަވާބުދޭން ތައްޔާރަށެވެ. އެބަޔަކު ބޭނުން ޚިޔާލެއް ހުށައަޅަންވީއެވެ.
އެއްބަޔަކު ޓްވިޓާރ ބޭނުންކޮށް އެބިއުސްކުރާ މައްސަލަ ކޮންޓްރޯލް ކުރެވޭނެ ގޮތަކާ މެދު ވާހަކަ ދައްކާފައިވާއިރު، ލައިވް ސްޓްރީމް ކުރެވޭނޭ ފަސޭހަގޮތްތަކެއް އޮތްތޯ ވަނީ ސުވާލުކޮށްފައެވެ. މި ސުވާލުތަކަށް ޖަވާބު ދިނުމުގައި ޑޯސޭ މިދުވަސްކޮޅު ވަރަށް އަޕްޑޭޓްއެވެ.
ކޮންމެ މީހަކަށް ވެސް އެމީހަކު ޓްވިޓާރއަށް ގެންނަން ފެންނަ އާ ކަމަކާ ގުޅޭ ގޮތުން ހުށައަޅާ ކޮމެންޓް ޓްވިޓާރގެ ސީއީއޯ ޖެކް ޑޯސޭ ހުރީ ބަލައިގަންނަން ތައްޔާރަށެވެ. އަދި ގިނަ ބަޔަކު އެދިފައިވާ ގޮތަށް ޓްވީޓްތައް އެޑިޓް ކުރެވޭ ބަޓަނެއް މިއަހަރުގެ ތެރޭގައި އަންނާނެ ކަމަށް ވަރަށްބޮޑަށް އުންމީދުކުރެވެއެވެ.