ކ. މާލެ
|
27 މާރޗް 2022 | އާދީއްތަ 13:07
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓްރީ
އިންޑިއާ އާއި ރާއްޖޭގެ ގުޅުން
އިންޑިއާ އާއި ރާއްޖެއާއި ދެމެދު އޮންނަނީ ދެމެހެއްޓެނިވި ގުޅުމެއް: ޝާހިދު
އިންޑިއާއިން ދަނީ ގިނަ ދާއިރާތަކަކުން ރާއްޖެއަށް އެހީވަމުން
ޕެންޑަމިކުގެ ތެރޭގައި އިންޑިއާއިން ބޮޑު އެހީއެއް ލިބިފައިވޭ
ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ދެ ގައުމުން މަސައްކަތްކުރަން ޖެހޭ

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަނީ ދެމެހެއްޓެނިވި ގުޅުމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު މިފަދައިން ވިދާޅުވީ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޝާހިދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން ބިނާވެފައިވަނީ ދެގައުމުން ހިއްސާކުރާ ތާރީޚާއި، ދެ ގައުމުން ގަބޫލުކުރާ ގަބޫލުކުރުންތަކާއި ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދިނުމަށް ދެގައުމުންވެސް ގެންގުޅޭ ސިޔާސަތުތަކާއި، އިތުބާރުގެ މައްޗަށް ކަމަށެވެ.

ރާއްޖެއަށް ދިމާވި ކޮންމެ ކަމެއްގައިވެސް އިންޑިއާއިން ވަނީ އެހިތެރިކަން ފޯރުކޮށްދީފައި ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރާއްޖެއިން ބޭނުންޖެހޭ ކޮންމެ ހާލަތެއްގައި އިންޑިއާގެ އެހީތެރިކަން ލިބޭނެކަން އެގައުމުން ދައްކައިދީފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އިންޑިއާއިން ދަނީ އެކި ދާއިރާއިން މީހުން ތަމްރީނުކޮށް، ސިއްހީ ޚިދުމަތް ފޯރުކޮށްދީ، މާލީ އެހީވެ، ބޭނުންވާ ވަސީލަތްތައް ގާއިމްކޮށްދީ، ކޮންމެ ދާއިރާއަކުންވެސް ރާއްޖޭގެ "ޕާޓްނަރެއްގެ" ގޮތުގައި މަސައްކަތް ކުރަމުންކަމަށް ޝާހިދު ވިދާޅުވިއެވެ.

ކޮވިޑް-19ގެ ހާލަތުގައި އެންމެ ބޮޑު އަސަރެއް ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޕެންޑަމިކުގެ ތެރޭގައި އެކި ގައުމުތަކުގެ އެހީ ރާއްޖެއަށް ލިބިފައިވާކަން ފާހަގަކުރައްވައި ޝާހިދު ވަނީ ވަކިން ޚާއްސަކޮށް އިންޑިއާގެ ފަރާތުން ރާއްޖެއަށް ލިބުނު އެހީތެރިކަން ފާހަގަކުރައްވާފައެވެ. ކާނާއާއި ބޭސް ފޯރުކޮށްދިނުމާއި މާލީ އެހީ އަދި ވެކްސިން ނުލިބުނު ނަމަ ރާއްޖެއިން މި ބައްޔާ ދެކޮޅަށް ކުރި ހަނގުރާމައިގައި މިހާ ހިސާބަށް ނާދެވުނީސް ކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުންވެސް އިންޑިއާ ސަރުކާރުން ރާއްޖޭގައި ގިނަ މަޝްރޫއުތަކެއް ހިންގަމުންދާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ އިންޑިއާއާއެކު ރާއްޖެއިން ބާއްވާ ގާތް ގުޅުމުގެ ފައިދާ ހުރިހާ ދިވެހިންނަށްވެސް ކުރާ ކަމަށެވެ. އަދި މިއީ ދިވެހިން ބޭނުންވާ ގުޅުމެއް ކަމުގައި ޝާހިދު ވިދާޅުވިއެވެ.

އިންޑިއާއާ ރާއްޖެއާ ދެމެދު އޮންނަނީ ދެމެހެއްޓެނިވި ގުޅުމެއް. މި ގުޅުން އުފެދުނީއްދުރެ ބަދަލެއް ނާންނަ ގުޅުމެއް
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ޝާހިދު ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އެހެނިހެން ދާއިރާތަކުންވެސް ގުޅުން ބަދަހިކުރަން މިއަދު ޖެހިފައިވާކަމަށެވެ. ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދެގައުމުން ގުޅިގެން މަސައްކަތްކުރަން ޖެހިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.


Advertisement
- ކޮމެންޓް